ގެތަކުން ކުނި ނަގާ ރޭޓަކަށް ދުވާލަކަށް ފަސް ރުފިޔާ

ވެމްކޯގެ މުވައްޒަފުންތަކެއް ކުނި ނަގައި، ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގައި އަގެއްގެ ގޮތުގައި ދުވާލަކަށް 4.93 ރުފިޔާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ހަމަޖައްސައިފިއެވެ.

ވެމްކޯއިން ގެތަކަށް އަރައި ކުނި ނަގާނީ ޕްރީމިއަމް ޚިދުމަތެއްގެ ގޮތުގައެވެ.

ވެމްކޯއިން ގެ ތަކުން ކުނި ނަގައި، ކުނި ބިލު ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމަނާއިރު މި ޚިދުމަތުގެ ފީ ވެސް ނަގާނީ ކަރަންޓު ބިލުގައި ހިމަނައިގެންނެވެ.

މި ކަމާ ގުޅިގެން އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ވެމްކޯގެ އިސް އޮފިޝަލަކު ވިދާޅުވީ ކޮންމެ ދުވަހަކަށް އެ އަދަދު ހިމަނާ ގޮތަށް ހަމަޖެއްސީ ސްޓެލްކޯއިން ބިލުކުރާއިރު ބިލުކުރާ ދުވަހުގެ އަދަދާ އެއްގޮތް ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން މިހެން މި ހަމަޖެއްސީ އެއީ މިސާލަކަށް ސްޓެލްކޯއިން ބިލުކޮށްފާނެ 28 ދުވަހަށް. އެކަމު އަޅުގަނޑުމެން އޭގައި 30 ދުވަހަށް ނުވަތަ އެއް މަސް ދުވަހަށްވާ އަގު ހިމަނާނަމަ އިތުރުވޭ. އެހެންވެ ވީހާވެސް އެކިއުރޭޓްކުރުމުގެ ގޮތުން މި އެއް މަސްދުވަހަށް ޖެހޭ އަގު ބަހައިލަނީ ދުވަސްތަކަށް،" އޮފިޝަލް ވިދާޅުވިއެވެ.

އެޕްރީލް މަސް ފެށެންދެން ވެމްކޯއިން ކުނި ނަގާނީ ރަޖިސްޓްރީކޮށްފައިވާ ގެތަކުން އެކަންޏެވެ. އޭގެ ފަހުން މާލޭގެ ހުރިހާ ގެއަކުން ކުނި ނަގާނެއެވެ.

ސްޓެލްކޯ ކަރަންޓު ބިލުގައި ކުނި ބިލު ހިމަނަން ނިންމީ ކުނި ނެގުމުގެ ޚިދުމަތަށް ފައިސާ ނުދައްކާ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުންކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް