ރަމަޟާން ކްރިކެޓް ކާނިވަލް: އޭއާރުސީ އާއި ކިންޒާ ކެފޭއަށް މޮޅެއް

ރަމަޟާން ކްރިކެޓް ކާނިވަލް މިއަދު ކުޅުނު މެޗްތަކުގެ ތެރެއިން-- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓޯނަމަންޓުގެ ބައިގައި މިއަދު ކުޅުނު މެޗުތައް އޭއާރުސީ އާއި ކިންޒާ ކެފޭއިން ކާމިޔާބުކޮށްފިއެވެ.

ކްރިކެޓް ބޯޑުން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އޮފްއެފްސީ އާއި އޭއާރުސީއެވެ. މި މެޗް އޭއާރުސީން ކާމިޔާބުކުރީ 8 ވިކެޓުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން އޮފްއެފްސީ ކުޅެން އަރައި 58 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ. އެފްއެފްސީއަށް އެންމެ ގިނަ ލަޑު ހަދައިދީފައިވަނީ 26 ލަނޑު ހެދި އަފްޒަލް ފާއިޒެވެ.

ޖަވާބުގައި އޭއާރުސީ ކުޅެން އަރާ ވަނީ 6 ވަނަ އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 106 ލަނޑު ހަދާފައެވެ. މި އިނިންގްގައި އެންމެ ގިނަ ލަނޑު ހަދާފައިވަނީ 36 ލަނޑު ހެދި އިބްރާހިމް ނަސާތުއެވެ.

ދުވަހުގެ ދެވަނަ މެޗްގައި ބައްދަލުކުރީ މެރީ ކޯނާ އާއި ކިންޒާ ކެފޭއެވެ. މިމެޗް 7 ވިކެޓުން ކާމިޔާބުކުރީ ކިންޒާ ކެފޭއެވެ. ޓޮސް ދިމާވުމުން މެރީ ކޯނާ ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި ހެދުނީ 122 ލަނޑެވެ.

ރަމަޟާން ކްރިކެޓް ކާނިވަލް މިއަދު ކުޅުނު މެޗްތަކުގެ ތެރެއިން-- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ޖަވާބުގައި ކިންޒާ ކެފޭ ކުޅެން އަރައި 7 އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 123 ލަނޑު ހަދާފައެވެ. ކިންޒާ ކެފޭއަށް އެންމެގިނަ ލަނޑު ހަދައިދީފައިވަނީ 35 ލަނޑު ހެދި މުހަންމަދު ސަލާމާއި، 34 ލަނޑު ހެދި ފައިޒާންއެވެ.

ރަމަޟާން ކުރިކެޓް ކާނިވަލްގެ ކުޅުން މާދަމާ ހަވީރު ވެސް އޮންނާނެއެވެ. މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކޭޑީއެމް އާއި އޭވީއައި އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި އެމްއޭސީއެލް އެވެ.

މެޗްތަކުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ގައި ކުޅިވަރު އެކުވެނީ ދަނޑުގައެވެ.

comment ކޮމެންޓް