ސްޕެއިންގެ އިރުމަތީގައިވާ ވެލެންސިޔާގެ ޖަންގަލީތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރި، 3,000 ހެކްޓަރުގެ ސަރަޙައްދެއް ހަލާކުވެ 1،500 ރައްޔިތުން ގެދޮރު ދޫކޮށްލަން ޖެހިއްޖެއެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލިފާންގަނޑު އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރި، ގެދޮރުތަކަށް ލިބުނު ގެއްލުމާއެކު ގިނަ އަދަދެއްގެ ބަޔަކު މިހާރު އަންނަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ވެލެންސިޔާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމުގެ މަސައްކަތުގައި 500 އަށްވުރެ ގިނަ މީހުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ. މި މަސައްކަތުގައި 18 އަލިފާން ނިއްވާ މަތިންދާބޯޓާއި ހެލިކޮޕްޓަރު ދަނީ ބޭނުން ކުރަމުންނެވެ.
ނަމަވެސް އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވޭ ގޮތް އަދި ވަނީ ނުވެފައެވެ. އަދި އަލިފާންޑުތައް ފެތުރިފައިވާ ބައެއް ސަރަޙައްދުތަކުން މިހާރު ކަރަންޓުގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ.
އެ ސަރަޙައްދުގައި ހަރަކާތްތެރިވާ އިސް އޮފިޝަލެއް ކަމުގައިވާ ގެބްރިއޭލާ ބްރާވޯ ވިދާޅުވި ގޮތުގައި ވެލެންސިޔާގެ އަށް އަވަށެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުން މިހާރު ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކޮށްފައެވެ.
އެ ގައުމުގެ އެންވަޔަރަންމަންޓް މިނިސްޓަރު ޓެރެސާ ރިބެރާ ވިދާޅުވީ އެ ގައުމުގައި އަލިފާން ރޯވުން ދުވަހެއް ދުވަހަކަށް އާންމުވަމުން އަންނަ ކަމަށެވެ.
2022 ވަނަ އަހަރު އާދަޔާ ޚިލާފު ހިކި ވިންޓަރެއްގެ ސަބަބުން ބިމުގެ ތެތްކަން ކުޑަވެ ހިނގި އަލިފާނުގެ ހާދިސާތަކުގައި ޔޫރަޕްގައި 785،000 ހެކްޓަރުގެ ބިން ވަނީ ހަލާކުވެފައެވެ. މިކަން ތަކުރާރުވުމުގެ ބިރު އުފެދިފައިވާ ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ސްޕެއިންގައި މިދިޔަ އަހަރު 493 އަލިފާނުގެ ހާދިސާއެއް ހިނގައި ރެކޯޑް އަދަދަކަށް 307،000 ހެކްޓަރުގެ ބިން ހަލާކުވެފައިވާ ކަމަށް އެ ކޮމިޝަންގެ ޔޫރަޕިއަން ފޮރެސްޓް ފަޔާ އިންފޮމޭޝަން ސިސްޓަމް އިން ވަނީ ބުނެފައެވެ.