ފްރާންސްގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ރަސްގެފާނު ޗާލްސްގެ ދަތުރުފުޅު ފަސްކޮށްފި

އުމުރުން 74 އަހަރުގެ ޗާލްސް ރަސްގެފާނާއި ރާނީ ކޮންސޯޓް ކެމިލާ -- ފޮޓޯ/ އޭޕީ

އިނގިރޭސި ރަސްގެފާނު ޗާލްސް ތިން ވަނަ މާދަމާ ފްރާންސްއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު، އެގައުމުގައި ކުރިއަށްދާ މުޒާހަރާތަކުގެ ސަބަބުން ފަސްކޮށްފިއެވެ.

އެ މުޒާހަރާތައް ފަށާފައި ވަނީ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮންގެ ސަރުކާރުން ޕާލިމެންޓަށް ހުށަހަޅާފައިވާ ބިލަކާ ގުޅިގެންނެވެ. އެ ބިލު ފާސްކޮށްފިނަމަ އެގައުމުގައި ރިޓަޔާކުރެވޭ އުމުރު 62 އަހަރުން 64 އަހަރަށް ބޮޑު ވާނެއެވެ. އަދި އެގައުމުގެ މީހުންނަށް ފުރިހަމަ ޕެންޝަން ލިބޭނީ މަސައްކަތް ކުރާތާ 42 އަހަރު ފަހުން ކަމަށް މިހާރު އޮތް ނަމަވެސް، އާ ބިލާއެކު އެ މުއްދަތު 43 އަހަރަށް އިތުރުވާނެއެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނާއި އަނބިކަނބަލުން ކަމިލާ ފްރާންސްއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅަކީ، ޗާލްސް ރަސްކަމާ ހަވާލުވެވަޑައިގަތް ފަހުން ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވަނީ މި ދަތުރުފުޅު ފަސްކޮށްފައިވަނީ މެކްރޮން އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. މެކްރޮން އެގޮތަށް އެދިވަޑައިގަތީ، މުޒާހަރާތަކުގެ ސަބަބުން ޗާލްސްގެ ދަތުރުފުޅަށް ހުރަސް އެޅިދާނެތީއެވެ.

އިނގިރޭސީ ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްއިން ވަނީ، ރަސްގެފާނާއި އަނބިކަނބަލުން ވެސް ފްރާންސަށް ޒިޔާރަތް ކުރުމުގެ ފުރުސަތަކަށް ވަރަށް ބޮޑަށް އިންތިޒާރު ކުރައްވާ ކަމަށް ބުނެފައެވެ. އަދި އެހެން ތާރީޚެއް ހަމަޖެހުމާއެކު ދެ ބޭފުޅުން ފްރާންސްއަށް ވަޑައިގަންނަވާނެ ކަމަށެވެ.

މެކްރޮން ވިދާޅުވި ގޮތުގައި އެ ދަތުރުފުޅު ދެން ހަމަޖެއްސޭނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް ހޫނު މޫސުމަށެވެ. އެއީ އަންނަ ޖޫން މަސް ހިސާބުގައެވެ.

ފްރާންސްގައި އާ ޕެންޝަން ގާނޫނާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް -- ފޮޓޯ/ އޭއެފްޕީ

މިދިޔަ ޖެނުއަރީ މަހުން ފަށައިގެން ފްރާންސްގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގައި، އެ ގައުމުން ފަހުގެ ތާރީޚެއްގައި ނުފެންނަ ފަދަ ހަމަނުޖެހުންތައް ދަނީ ފެންނަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެގައުމުގައި 300 އެއްހާ މުޒާހަރާ ބޭއްވިއިރު އެ މުޒާހަރާތަކުގައި މިލިއަނެއްހާ މީހުން ބައިވެރިވިއެވެ. އެ މުޒާހަރާތަކުގެ ތެރެއިން 450އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ.

ފްރާންސްގައި އާ ޕެންޝަން ގާނޫނާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް -- ފޮޓޯ/ އޭއެފްޕީ

ރައީސް މެކްރޮން ވަނީ 2019 ވަނަ އަހަރު ނިމުނުއިރު ވެސް ރިޓަޔަމެންޓް ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެކަމަށް ހުރަސް އެޅުނީއެވެ.

އޭގެ ފަހުން، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި އިރު މެކްރޮންގެ މެނިފެސްޓޯގައި ވަނީ ރިޓަޔާމެންޓް އުމުރު މަތި ކުރަން ހިމަނާފައެވެ.

comment ކޮމެންޓް