ކޮމަންވެލްތު ދުވަހުގެ ހަރަކާތްތަކުގައި ޝާހިދު ބައިވެރިވެ ވަޑައިގެންފި

ކޮމަންވެލްތު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު ކިންގް ޗާލްސް --

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު އިނގިރޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކޮމަންވެލްތު ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެލައްވައިފައެވެ.

ކޮންމެ އަަހަރެއްގެ މާޗް މަހުގެ ދެވަނަ ހޯމައިގައި ފާހަގަކުރާ ކޮމަން ވެލްތު ދުވަހަކީ ކޮމަންވެލްތުގެ އަސާސްތަކާއި ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިއާރަކީ، "ފޯޖިން އަ ސަސްޓެއިނަބަލް އެންޑް ޕީސްފުލް ފިއުޗާ" ނުވަތަ ދެމެހެއްޓެނިވި އަމާން މުސްތަގަބަލެއް ގާއިމުކުރުމެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގި ބައެއް ހަރަކާތްތަކުގެ ތެރޭގައި އެކި ހަނގުރާމަތަކުގައި މަރުވެފައިވާ ކޮމަންވެލްތު ގައުމުތަކުގެ ސިފައިންގެ ހަނދާނީ މަގްބަރާގައި މާބޮނޑި ބޭއްވުމުގެ ރަސްމިއްޔާތެއް ހިމެނެއެވެ. މި ހަރަކާތުގައި ޝާހިދުވަނީ އެ މަގްބަރާގައި މާ ބޮނޑިއެއް ބާއްވަވާފައެވެ.

ހަމައެއާއެކު ޝާހިދު ވަނީ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު ކަމަށްވާ މާލްބަރޯ ހައުސްގައި އޮތް ކޮމަންވެލްތު "ފްލެގް ފޯ ޕީސް" ނެގުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެލައްވައިފައެވެ.

ހަމައެއާއެކު މާދަމާ އޮންނަ ކޮމަންވެލްތު ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެޑައިގަތުމަށް އިނގިރޭސިވިލާތުގައި ތިއްބެވި ކޮމަންވެލްތު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް އާއި ރަސްގެފާނުގެ އަނބިކަނބަލުން ބޭއްވެވި ރަސްމިއްޔާތުގައި ވެސް މިނިސްޓަރު ބައިވެރިވެލެއްވިއެވެ.

އިނގިރޭސިވިލާތުގައި އޮތް މި ހަރަކާތުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަޙަނާޒް ފައިސަލެވެ.

މިއަހަރަކީ ކޮމަންވެލްތު ޗާޓަރު ތަންފީޒުކުރެވުނުތާ 10 އަހަރު ފުރުނު އަހަރެވެ. މީގެ އިތުުރުން ކޮމަންވެލްތުގެ "އިޔާ އޮފް ދަ ޔޫތު"އެވެ.

ރާއްޖޭގައި ވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުންވަނީ ލ.ގަން ޙަމަދު ބިން ޚަލީފާ އައްޘާނީ ސްކޫލުގައި ކޮމަންވެލްތު "ފްލެގް ފޯ ޕީސް" ނެގުމުގެ ރަސްމިއްޔާތަކާއެކު ހިނގާލުމެއް ބާއްވައިފައެވެ.

comment ކޮމެންޓް