ރޮނގު ދެމި ގަމީސްތަ ނޫނީ މާ ޖެހި ގަމީސްތަ؟

ފިރިހެނުންގެ އަންނައުނުގެ ތެރޭގައި އެންމެ ގިނައިން ހިމެނޭނެ އެކައްޗަކީ ގަމީހެވެ. އަދި ކުރީގެ ޓްރެންޑުތަކާއެކު ތަފާތު ޕްރިންޓުތަކުގައި ގަމީސްތައް މިހާރު އަންނަނީ މަގުބޫލުވަމުންނެވެ. ޕްލެއިން ގަމީސްތަކުގެ ޓްރެންޑު ނިމިއްޖެއެވެ. މިހާރު މަގުބޫލު ވަމުން އަންނަނީ ރޮނގު ދެމި ގަމީހާއި މާ ޖެހި ގަމީހެވެ.

ރޮނގު ދެމި ގަމީހާއި މާ ޖެހި ގަމީހަކީ އެއްވެސް ހާލަތެއްގައި އާ އެއްޗެއް ނޫނެވެ. ނަމަވެސް ތުނި ގަމީހުގެ ޓްރެންޑާއެކު މިހާރު އެންމެ މަގުބޫލު ވަމުން އަންނަނީ މި ޑިޒައިންތަކެވެ.

މި ދެ ޑިޒައިންގެ ގަމީހަކީ މީހާގެ ސްޓައިލް މުޅިން ބަދަލުކޮށްލަން ޓެސްޓު ކުރެވިދާނެ ދެ ޑިޒައިނެވެ. އެގޮތުން މި ދެ ޑިޒައިންގެ ތެރެއިން ވެސް މަގުބޫލުވަމުން އަންނަނީ އަލި ކުލައިގެ ތުނި ގަމީސްތަކެވެ. އެހެންވީމާ ރާއްޖެ ފަދަ ހޫނު ސަރަހައްދަކަށް މިއީ ވަރަށް ރަނގަޅު ވާނެ ޑިޒައިނެކެވެ.

މިއީ ސްޓައިލު ބަދަލު ކޮށްލަން ބޭނުންވާ މީހުންނަށް އެކަން ކުރަން ރަނގަޅު ދަނޑިވަޅެކެވެ. މިފަދަ ގަމީސްތައް ސްޓައިލް ކޮށްލެވޭނެ އެތައް ގޮތެއް އެބަ އޮތެވެ. އެހެންވީމާ ގަމީސް ލާންވީ އެންމެ ރަނގަޅު ގޮތް ނޭނގިގެން ކަންބޮޑުވާނެ ކަމެއް ނެތެވެ.

މާ ޖެހި ގަމީހާއި ރޮނގު ދެމި ގަމީހަކީވެސް ވަރަށް ވާސަޓައިލް އެއްޗެކެވެ. ސަބަބަކީ ފަޓުލޫނާއެކު ވެސް އަދި ސޯޓާއި ޖީންސްއާ ވެސް މިފަދަ ގަމީސް ފަސޭހައިން ގުޅުވާލެވޭނެތީއެވެ.

ހެނދުނު ބޭރަށް ދާން ބޭނުންވާ ނަމަ ގަމީހާއެކު އާދައިގެ ޗީނޯ ޝޯޓެއް ޚިޔާރު ކޮށްލާށެވެ. އަދި ހަވީރަށް ނަމަ މިހާރު އެންމެ މަގުބޫލުވާނީ ފުޅާކޮށް ހުންނަ ގަޔަށް ދޫ ޖީންސް އަކާއެކުގައެވެ. އަދި ކުރިމަތިން ދެ ރޫ ނަގާފައި ހުންނަ ފަޓުލޫނު ނުވަތަ ޕްލީޓެޑް ފަޓުލޫނަކީ ވެސް މިފަދަ ގަމީހާ ވަރަށް ގުޅޭނެ އެއްޗެކެވެ. އަދި ލުކް ފުރިހަމަ ކޮށްލުމަށްޓަކައި އާދައިގެ ޓެނިހެއް ވަރަށް ރަނގަޅުވާނެއެވެ.

comment ކޮމެންޓް