އޭދަފުށި ކަޓުވާލުމަށްފަހު ސެމީގެ ފަހު ޖާގަ ކުޑަހުވަދުއަށް

ކުޑަހުވަދޫއާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ޕެނަލްޓީން ބ. އޭދަފުށީގެ މައްޗަށް ކުރި ހޯދައި ދ. ކުޑަހުވަދޫން ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މުބާރާތުގެ ކުއާޓާފައިނަލްގެ ފަހު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައެއް ނުވެއެވެ.

އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން ކުޑަހުވަދޫ ވަނީ ކުރި ހޯދައިފައެވެ. ކުޑަހުވަދޫން މެޗުގައި ތިން ޕެނަލްޓީ ކާމިޔާބުކުރިއިރު އޭދަފުއްޓަށް ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީއެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިއަކީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޑަހުވަދޫގެ ކީޕަރު އަބްދުﷲ މާނިއުއެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލަށް ކުޑަހުވަދޫގެ އިތުރުން ލ. ގަމާއި ރ. އިނގުރައިދުއާއި ގދ. ވާދޫ ވަނީ ދަތުރުކޮށްފައެވެ.

ކުޑަހުވަދޫއާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް