ގޭގައި ތިބެގެން ބައިވެރިވެވޭ ޤުރުއާން މުބާރާތެއް؛ އިނާމަކަށް 25،000 ރުފިޔާ

ސްކޫލު ކުދިންގެ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ދަރިވަރަކު ކިޔަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރަށުގައި ތިބެގެން ބައިވެރިވޭ، 'ހައްޤުލް ޔަޤީން' ޤުރުއާން މުބާރާތް މި ރޯދަ މަހު ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްއެސްޓީވީން މުޅިން އަލަށް ފަށާ މި ޤުރުޢާން މުބާރާތާ ގުޅިގެން އެސްއެސްޓީވީގެ ސީނިއާ ޕްރޮޑިއުސަރު އައިމިނަތު ހައިފާ މިއަދު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެގެން އަދި ރާއްޖޭން ބޭރުގައި ތިބެގެން ވެސް މި ޤުރުއާން މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެށޭ ރޯދަ މަހުއެވެ.

މިގޮތުން، މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ކުދިންނަށް މިހާރު ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ހައިފާ ވިދާޅުވީ މި މުބާރާތުގައި ހަތް އަހަރުން ދަށާއި ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށުގެ އުމުރު ފުރާގެ އިތުރުން 13 އަހަރުން ދަށުގެ އުމުރުފުރާއަށް ހުޅުވާލައިފައިވާ ކަމަށެވެ. މިބާރާތުގެ ބައިވެރިން ޖެހޭނީ ހަ ފޮޅުވަތަށް ވުރެ ދިގުނޫން ކިޔެވުން ރެކޯޑުކޮށްފައި އެސްއެސްޓީވީއަށް ފޮނުވާށެވެ.

"ރަށްރަށުގައި ތިބެގެން ވެސް އަދި ރާއްޖޭން ބޭރުގައި ތިބެގެން ވެސް މި ޤުރުއާން މުބާރާތުގައި ބައިވެރިވެވޭނެ." ހައިފު ވިދާޅުވިއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި އެސްއެމްއެސް ކުރާނީ ތިރީގައިވާ ފޯމެޓަށް 2747 ނަމްބަރަށެވެ.

SMS: HY (Name, Age, Rashuge nan) send to 2747

ހައިފާ ވިދާޅުވީ މި މުބާރާތުގެ އެއްވަނައަށް ދާ ކުއްޖަކަށް 25،000 ރުފިޔާ، ދެވަނައަށް ދާ ކުއްޖަކަށް 15،000 ރުފިޔާ އަދި ތިންވަނައަށް ދާ ކުއްޖަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ކަނޑައަޅައިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި މުބާރާތަށް ވީޑިއޯ ފޮނުވާ ފަރާތްތަކުން ވީހާ ވެސް ކޮލިޓީ ރަނގަޅު އޯޑިއޯ އަދި ވީޑިއޯ ފޮނުވަން އެދޭ ކަމަށެވެ. އެއަށް ފަހު އެ މުބާރާތަށް އިންސާފު ކުރުމަށް ފަހު ވަނަތައް ހޮވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުބާރާތުގެ ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ މާރިޗު މަހުގެ 15 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00އަށެވެ.

comment ކޮމެންޓް