ތިންވަނަ ދުވަހު ވެސް ޕީޕީއެމަށް ހައިކޯޓުގެ ރަޖިސްޓްރާއާ ބައްދަލެއް ނުވި

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް ހައިކޯޓު ސަރަހައްދުގައި-- ފޮޓޯ/ ޕީޕީއެމް

ކްރިމިނަލް ކޯޓުން، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލަގައްޔޫމްގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ދިގު ދެމިގެންދާތީ ތިންވަނަ ދުވަހު އެ ކޯޓަށް ދިއުމުން ވެސް އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ލީޑަރުންނަށް އެ ކޯޓުގެ ރަޖިސްޓްރާއާ ބައްދަލުނުވުމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ މައްސަލައިގައި މިއަދު ހައިކޯޓަށް ދިއުމަށް ފަހު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން މި ވަގުތު އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ޔާމީންގެ ޝަރީއަތް ލަސްވަނީ ސަރުކާރަށް ފޯރުވާ ނުފޫޒުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުން މާލީ މަންފާ ހޯދައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ، އެ މަނިކުފާނު 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25ގައެވެ.

ޔާމީންގެ ވަކީލުންގެ ފަރާތުން މިދިޔަ މަހުގެ 21ގައި ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރަން ބޭއްވި ހަވާލޭ ވަތަން ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

އެކަމަކު، މިހާތަނަށް އެ މަނިކުފާނުގެ އިސްތިއުނާފު ބަލައިގަތުމާ ގުޅޭ ގޮތުން އެ ކޯޓުން އެއްވެސް ގޮތެއް ނިންމައިފައެއް ނުވެއެވެ. އެ ކަމުގެ ކަންބޮޑުވުން ހިއްސާކުރަން ހައިކޯޓަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުން އިއްޔެއާއި އޭގެ ކުރީ ދުވަހު ވެސް ވަނީ ގޮސްފައެވެ. ނަމަވެސް ތިން ދުވަހު ވެސް އެ ކޯޓުގެ ރަޖިސްޓްރާއާ ބައްދަލުވާ ގޮތް ނުވުމުން އެ ކޯލިޝަނުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މިއީ އެއް ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ މަސްލަހަތާ ގުޅިފައި އޮތް ކަމެއް، ދެން ހަމަ މި ތަނަށް [ހައިކޯޓަށް] އައިސް ވަތީމާ، ރަޖިސްޓްރާ ބައްދަލުކުރާ ގޮތަށް ހަމަޖެހިފައެއް ނުތޭ. ބައްދަލެއް ނުކުރައްވާނޭ، މިހެން ބުނީމާ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން." އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައިކޯޓަށް ހުށަހެޅިގެން އުޅެނީ 'އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް'ގެ މައްސަލައެއް ނޫން ކަމަށާއި އެ ކޯޓަށް ހުށަހެޅިގެން އުޅެނީ އިދިކޮޅުގައި ހުންނެވި ހަމައެކަނި ލީޑަރުގެ މައްސަލައެއް ކަމަށެވެ. އެހެންވެ، މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އެ މައްސަލަ ވަކި ގޮތަކަށް ނިންމަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އުޅެނީކީ ހަމައެކަނި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެއް ނޫނޭ. މި އުޅެނީ ދިވެހިރާއްޖޭގެ ހަމައެކަނި އިދިކޮޅު ލީޑަރުގެ މައްސަލައެކޭ މި ތަނަށް ހުށަހެޅިގެން." އޭނާ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

"މި އުޅެނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ އެންމެ ބޮޑު ދެ އިދިކޮޅު ޕާޓީގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓުގެ މައްސަލައެއް މި ތަނުގައި މި އުޅެނީ. ރިޔާސީ އިންތިޚާބާ ދޭތެރޭ ބާކީ މި އޮތީ ދެތިން މަސް ދުވަހެއް. އެހެންވީމާ އެ ދެތިން މަސް ދުވަހުގެ ތެރޭގައި މި ކަމަށް ގޮތެއް ނިންމަން އެބަ ޖެހޭ."

ޔާމީނަށް ދަށު ކޯޓުން ޖަލު ހުކުމް އިއްވިއިރު އެ މަނިކުފާނަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. އެހެންވެ، މި މައްސަލައިގައި ނިހާއީ ހުކުމެއް ނެތި ދިގު ދެމިގެން ދާތީ އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

comment ކޮމެންޓް