މުޅިން އަލަށް ބަނޑިދޫގައި ހޭންޑްބޯޅަ ކޯޗިން ކޭމްޕެއް ކުރިއަށް ގެންގޮސްފި

ހޭންޑް ބޯޅަ ކޯޗިން ކޭމްޕު ނިންމުމުގެ ގޮތުން އޮތް ހަފްލާގެ ތެރެއިން -- ސަން ފޮޓޯ

މުޅިން އަލަށް ދ. ބަނޑިދޫގައި އެ ރަށު އަންހެނުންނަށް ޚާއްސަކޮށްގެން ހޭންޑް ބޯޅަ ކޯޗިން ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

ފަނަރަ ދުވަހުގެ މުއްދަތައް އޮތް އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 40 ބައިވެރިންނާއެކުގައެވެ. އެ ކޭމްޕާ ގުޅޭ މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު މޫސާ "ސަން"އަށް ވިދާޅުވީ އެއީ ބަނޑިދޫއަށް އަލަަށް ހޭންޑް ބޯޅަ ތައާރަފްވެ އެ ފަދަ ގޮތަކަށް ހިންގި އެންމެ ފުރަތަމަ ކޭމްޕު ކަމަށެވެ.

ހޭންޑް ބޯޅަ ކޯޗިން ކޭމްޕު ނިންމުމުގެ ގޮތުން އޮތް ހަފްލާގެ ތެރެއިން -- ސަން ފޮޓޯ

ކޭމްޕު ނިންމުމުގެ ގޮތުން އޮތް ހަފްލާ ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކައުންސިލް މެމްބަރު އަދި އެ ޕާޓީގެ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކައުންސިލްގެ ޗެއާމަން ޝާހު އިސްމާއީލެވެ. އެ ހަފްލާގައި ސަން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ހުސައިން ސާލިމް މުހައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ޝާހުވަނީ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ހޭންޑް ބޯޅަ މުބާރާތެއް އެ ރަށު ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ޗެމްޕިއަން ޓީމަކަށް 10،000 ރުފިޔާ ދޭން ނިންމާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހޭންޑް ބޯޅަ ކޯޗިން ކޭމްޕު ނިންމުމުގެ ގޮތުން އޮތް ހަފްލާގެ ތެރެއިން -- ސަން ފޮޓޯ

މީގެ އިތުރުން އެ ކޭމްޕު ނިންމުމަަށް އޮތް ހަފްލާގެ ތެރެއިން ހޭންޑް ބޯޅަ މެޗެއް ވެސް ވަނީ ކުޅެފައެވެ.

"މިއީ މުޅިން އާ ކުޅިވަރެއް ރަށަށް މި ގޮތަށް ތައާރަފްކުރެވި ކުރިއަށް ގެންދެވޭ ފަހަރު. ހަމަ ވަރަށް ގިނަ ކަނބަލުންގެ ބައިވެރިވުމާއެކު މި ކަން ކުރިއަށްދިޔައީ،" މޫސާ ވިދާޅުވިއެވެ.

އެ ހޭންޑް ބޯލް ކޯޗިން ކޭމްޕަކީ ބަނޑިދޫ ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކު ކުރިއަށްދިޔަ ކޭމްޕެއް ކަމަށް ބަނޑިދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހޭންޑް ބޯޅަ ކޯޗިން ކޭމްޕު ނިންމުމުގެ ގޮތުން އޮތް ހަފްލާގެ ތެރެއިން -- ސަން ފޮޓޯ

ރަށުގެ ރައްޔިތުންނަށް ފައިދާވާ ކަންކަން ކޮށްދިނުމުގައި އެ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ކޮށްދެއްވާ ކަންކަން ފާހަގަކުރައްވައި ކައުންސިލްގެ ރައީސް ޝުކުރު އަދައިކުރެއްވިއެވެ.

comment ކޮމެންޓް