ޑްރަގް ނެޓްވޯކްތައް ހިންގާ މީހުންނަށް މިނިސްޓަރުގެ ވަރުގަދަ އިންޒާރެއް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--- ފޮޓޯ/ މަޖިލިސް

ޑްރަގްގެ ބޮޑެތި ނެޓްވޯކްތައް ހިންގާ މީހުންނާ އަރާހަމަކުރަން ފަހަތަށް ޖެހިވަޑައިވަޑައިނުގަންނަވާނެ ކަމަށާއި އެފަދަ ނެޓްވޯކްތައް ހިންގާ މީހުން ފެޔަށް ޖެހުމަށް އަންގަވައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އެފަދަ ވިޔަފާރިތައް ކުރާ މީހުންނަށް އިންޒާރެއް ދެއްވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު އިމްރާން ހާޒިރު ކޮށްފައިވާއިރު ސުވާލު ކުރުމުގެ ވަގުތުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި، ދިގު މުއްދަތަށް ޖަލަށް ލާން ހުކުމް ކޮށްފަ ތިބި މީހުންގެ ތެރެއިން ގިނަބަޔަކަށް ކުރި ހުކުމް ލުއި ކޮށް، މީހުން މިނިވަން ކޮށްފައިވަނީ މިނިސްޓަރުގެ ބައިވެރިވުމާ އެނގުމުގެ ތެރެއިން ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދުދެއްވާ މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގުތައް ހިންގުމުގެ ކުށުގައި ބައިވެރިވާ ފަރާތްތަކަށް ލިބެން ޖެހޭ އަދަބަށް، އެއްވެސް ލުޔެއް ލިބޭނެ ގޮތެއް އެ މަނިކުފާނުގެ ފަރާތުން މެދުވެރި ނުވާނެ ކަމަށެވެ. އަދި އެފަދަ މައްސަލަތަކަކީ އެކަމަށް އަޅާނުލައި ދޫކޮށްލާނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ޝާމިލްވާ އެއްވެސް ފަރާތެއްގެ ކުރިމަތީގަ އަޅުގަނޑު ތިރިއެއް ނުވާނެ. މިކަމުގެ ޔަގީންކަން އަޅުގަނޑު ވަރަށް ސާބިތުކަމާއެކީގަ ތިހުރިހާ މެމްބަރުންނަށް އަރުވަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެފަދަ މައްސަލަތައް ހައްލު ކުރަން ފުލުހުންނާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތައް މިހާރުވެސް ކުރައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެގޮތުން ދާދިފަހުން ހިނގާފައިވާ ބޮޑެތި މައްސަލަތަކެއް ވެސް އިތުރަށް ބަލައި ދިރާސާ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޑްރަގްގެ ބޮޑެތި ނެޓްވޯކްތައް ހިންގުމުގައި ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވާ ކަމަށެވެ. މީގެ ކުރިން ވެސް މިނިސްޓަރު އެހެން ވިދާޅުވެފައިވާއިރު މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އެއްވެސް މީހަކާ އަރާ ހަމަކުރަން ފަހަތަށްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"މި މަސައްކަތް ކުރިޔަށް ގެންދާއިރު އެއްވެސް ބޭފުޅަކާ އަރާ ހަމަކުރަން އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. އެކަމަށް ހުރިހާ ބޭފުޅުން ސަމާލުވުމަށް އަޅުގަނޑު ވަރަށް ސާބިތުކަމާއެކު ދަންނަވަން. ހުރިހާ ބޭފުޅުން ފެއަށްޖެހިވަޑައިގަންނަވާށޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ގޭންގު މާރާމާރީތަކާއި މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް އިތުރުވަމުންދާއިރު ކަރެކްޝަންސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ޖެނުއަރީ މަހު ޖަލަށް ގެންދިޔަ މީހުންގެ ތެރެއިން ވެސް އެންމެ ގިނަ މީހުން ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގައެވެ. އެގޮތުން 55.8 ޕަސެންޓް މައްސަލަތަކަކީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.

comment ކޮމެންޓް