އަބްދުﷲ ރަޝީދުގެ މަރު: ތަހުގީގީ ނަޒަރަކުން ބަލާއިރު ކަމުގެ ހަގީގަތް މުޅިން ތަފާތު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ / ފޮޓޯ މަޖިލިސް

ފުލުހުންގެ އިހުމާލުން މަރުވިކަމުގެ ތުހުމަތުކުރާ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ތަހުގީގީ ނަޒަރަކުން ބަލާއިރު މުޅިން ތަފާތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވަނީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ހޯމް މިނިސްޓްރީން އޭނާގެ އަނބިދަރިންނާ ބައްދަލުކޮށް ޖަވާބެއް ދީފައިވާނެތޯ އާއި، އެކަމާ ގުޅިގެން އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައިވޭތޯ ސުވާލުކުރައްވާފައެވެ.

އެސުވާލުގެ ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އެ ހާދިސާ ހިނގާ ދިޔަ ގޮތުގެ ރިޕޯޓެއް ހޯއްދަވާފައިވާނެ ކަމަށާއި، އެކަމާގުޅިގެން ބާއްވަން ޖެހޭ ބައެއް މަޝްވަރާތައް ބާއްވާފައިވާނެ ކަމަށެވެ. ނަމަވެސް އެ ސުވާލަކީ މިއަދުގެ ސީދާ ސުވާލާ ގުޅުން ހުރި ކަމެއް ނޫން ކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެކަމުގެ އެންމެ ފަހުގެ މައުލޫމާތު އެނގިނުލައްވާ ކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު މެމްބަރު ފިރުޝާން ވިދާޅުވީ، އެކަން ހިނގާދިޔައީ ފުލުހުންގެ އިހުމާލަކުން ކަމަށާއި، އެކަން ހިނގައި ދިޔައީވެސް އޭނާގެ ލޯ ކުރިމަތީގައި ކަމަށް ވިދާޅުވެފައެވެ.

އެކަމަށް އިޝާރާތްކުރައްވައި އިމްރާން ވިދާޅުވީ އެމަންޒަރު ބަލަން ތިބި މީހުންނަށް އެކަން ފެނުނު ގޮތާ، އެމައްސަލަ ތަހުގީގީ ނަޒަރަކުން ބެލުމުން ފެންނަ ގޮތާ ވަރަށް ތަފާތު ކަމަށެވެ.

ތިބޭފުޅުންނަށް ފެންނާނީ ތިބޭފުޅުންގެ ކުރިމަތިން ގެންދެވުނު ހިސާބާ އެވަގުތުގައި ކަން ހިނގާ ދިޔަ ގޮތް. އޭގެ ކުރީ ބަޔާ އޭގެ ފަހުބައި އަޅުގަނޑަކަށް ސީދާ ދަންނަވާކަށް ނޭނގެ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާފަ އޮތް ކަމެއް. މިސާލަކަށް ރައްޔިތުންގެ ކުރިމަތިން އޭނަ ގެންދިޔައިރު ކުރިމަތިން ފެނިގެން ދިޔަ ފަސް މިނެޓުގެ މައްޗަށް، ނުވަތަ 10 މިނެޓު ކިޔަމާ ހިނގަ ދިގުކޮށް. އެވަގުތަށް ބަލާފަ އެކަމުގެ މައްޗަށް ޖަޖްމެންޓެއް ނެރެފިއްޔާ އަޅުގަނޑު ގަބޫލުކުރަނީ ނުބައި ޖަޖްމެންޓަކަށް ވާނެ ކަމަށް. އެއީ އެއަށް ވުރެ މާ ބޮޑު މައްސަލައެއް. ފަހަތުގައި މާ ގިނަ ކަންކަން ހުރި މައްސަލައެއް. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އިމްރާން ވިދާޅުވީ، އެހާދިސާގައި ދެފަރާތުން ކަން ހިނގާދިޔަ ގޮތް ބެލި ކަމަށާއި، މެދުތެރެއިން ފެނިފައިވާ ބައެއްގެ މައްޗަށް ރިއާޔަތްކޮށް އެވަރުގެ ނިންމުމެއް ނިންމުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ. އަދި މެމްބަރު ބޭނުންފުޅުވެލައްވާނަމަ އެކަން ސީދާ ހިނގާ ދިޔަގޮތް އޭނާއަށް ވިދާޅުވެދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އަބްދުﷲ މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމަށް ފަހު ގދ. ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކުރެއެވެ.

ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު މިހާރު އޮތީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގައެވެ. ނަމަވެސް އަދިވެސް އެ ރިޕޯޓު ހާމަކުރެވެން ނެތްކަމަށް އެ ކޮމިޝަނުން ބުނެއެވެ. މީގެއިތުރުން، އޭނާގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ ލިބިފައި ވީނަމަވެސް ތަފުސީލީ ރިޕޯޓު މިހާތަނަށް ލިބިފައިނުވާ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

މައްސަލައިގެ ތަހުގީގަށް ނަގަންޖެހޭ ބަޔާންތައް ނެގުމުގެ މަސައްކަތް އަދިވެސް އިންޓަގްރިޓީ ކޮމިޝަނުން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް