ކަނޑިތީމު ބަލިކޮށް ޒޯނު އެކެއްގެ ޗެމްޕިއަންކަން ނާވައިދޫއަށް

ނާވައިދޫއިން ޒޯނު އެކެއްގެ ތަށި އުފުލާލަނީ--- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯނު އެކެއްގެ ޗެމްޕިއަންކަން ނާވައިދޫން ހޯދައިފިއެވެ.

މިރޭ ހުޅުމާލޭ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު ޒޯނު އެކެއްގެ ފައިނަލް މެޗުގައި ބައްދަލުކުރީ ނާވަައިދޫއާއި ކަނޑިތީމާއެވެ.

އެ މެޗު ނާވައިދޫން ކާމިޔާބުކުރީ 6-2 ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަަކަށް ހޮވިފައިވަނީ ނާވައިދޫގެ އަބްދުﷲ ވިސާމްއެވެ. އަދި ޒޯނު އެކެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް ވިސާމްއެވެ. މީގެ އިތުރުން އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނާވައިދޫގެ އަބްދުﷲ ޝާފިއުއެވެ.

ފައިނަލް މެޗުން ކަނޑިތީމު ބަލިވި ނަމަވެސް އެ ޓީމަށް ގަދަ ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ގަދަ 16 ޓީމުގެ ތެރޭގައި އެ ޓީމު ހިމެނޭނެއެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ރޭ ވަނީ ޒޯން އެކެއްގެ ދެ ގްރޫޕްގެ މެޗުތައް ކުޅެފައެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ، އަދި ށ. އަަތޮޅުގެ ޓީމުތަކެވެ.

އެ ޒޯންގެ ގްރޫޕް އެކެއްގައި ހިމެނެނީ އުތީމާއި ނާވައިދޫގެ އިތުރުން ނޭކުރެންދޫއެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ ފޯކައިދޫއާއި ކަނޑިތީމުގެ އިތުރުން ފިއްލަދޫއެވެ.

ގްރޫޕް އެކަކުން ސެމީ ފައިނަލަށް ދަތުރުކުރީ ނާވައިދޫއާއި ނޭކުރެންދޫއެވެ. އަދި ގްރޫޕް ދޭކުން ސެމީއަށް ދަތުރުކުރީ ކަނޑިތީމާއި ފޯކައިދޫއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް