އުރީދޫ ސްޓެމް ފެއާ ފަށައިފި

އުރީދޫ ސްޓެމް ފެއާގެ ތެރެއިން -- ފޮޓޯ/ އުރީދޫ

ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް (ސްޓެމް) ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމަށް އުރީދޫއިން ޚާއްސަ ފެއާއެއް ފަށައިފިއެވެ.

އުރީދޫއިން ބުނީ މި ފެއާގެ މަގުސަދަކީ ސްޓެމް ދާއިރާއިން ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

އުރީދޫއިން އިސްނަގައިގެން މި ފެއާ ބާއްވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ވިމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެންނެވެ.

އިއްޒުއްދީން ސްކޫލް ހޯލުގައި ކުރިއަށްދާ މި ފެއާއަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ހަރަކާތެކެވެ. މި ފެއާގައި ހަތް ސްކޫލަކުން ނޮވިސް، ޖޫނިއާ އަދި ސީނިއާ ކެޓަގަރީގައި ވަނީ ބައިވެރިވެފައިއެވެ.

މި ފެއާގައި ބައިވެރިވި ސްކޫލްތަކުގެ ތެރޭގައި އަރަބިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް، މަޖީދިއްޔާ ސްކޫލް އަދި ކަލާފާނު ސްކޫލް ހިމެނެއެވެ.

މި ފެއާގެ ފުރަތަމަ ދުވަސް ޚާއްސަކޮށްފައި ވަނީ ފެއާގައި ބައިވެރިވި ސްކޫލް ކުދިން ދައްކާލާފައިވާ ޕްރޮޖެކްޓްތަކަށް ފަނޑިޔާރުން ބަލާ މާކްސް ދިނުމަށެވެ.

އުރީދޫއިން ބުނީ މި ފެއާ ބަލާލުމުގެ ފުރުސަތު މާދަމާ ހެނދުނު 10:00އިން ހަވީރު 4:00އަށް އާންމުންނަށް ލިބޭނެ ކަމަށެވެެ.

އުރީދޫ ސްޓެމް ފެއާގެ ތެރެއިން -- ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔޭގެ މާހައުލަށް އަންނަން އޮތް ޖީލުން ސްޓެމް ދާއިރާތަކުގައި ހަރަކަކާތްތެރިވާނެ ތަޖުރިބާކާރުން ބިނާކުރުމަކީ، ރާއްޖޭގައި އީޖާދީ ހައްލުތައް ފޯރުކޮށްދީ، ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޚިދުމަތްތައް ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.

"މި ފެއާގެ މަގްސަދަކީ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި ކާމިޔާބީ ހޯދުމަށް ޓަކައި ޒުވާން ސިކުނޑިތަކަށް ލިބިފައިވާ ޢިލްމާއި ހުނަރުން ބާރުވެރިކުރުން،" ނިޔާޒް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މި ފެއާގައި ބައިވެރިވެ ވިދާޅުވީ، ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ އިލްމާއި ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން އުރީދޫ ސްޓެމް ފެއާއަކީ ސްޓެމް ދާއިރާތައް ޕްރޮމޯޓްކޮށް، މި ދާއިރާތަކުން ކުރިއަށް ދިއުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ވަރަށް މުހިންމު ފެއާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އުރީދޫއިން ބުނީ ފެއާގައި ދަރިވަރުން ހުށަހެޅި ޕްރޮޖެކްޓްތަކުގެ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00އިން ހަވީރު 6:00އަށް ބާއްވާ އެވޯޑް ހަފުލާގައި ކަމަށެވެ.

comment ކޮމެންޓް