ސީރިއަސް ތުހުމަތުތަކެއް ކުރާ ރިހުލާ ގޭބަންދަށް ބަދަލުކޮށްފި

ޔުނާންގެ ދެމަފިރިން-- ފޮޓޯ: ފޭސްބުކް/ޔުނާން

އާއިލީ ގޮތުން ގުޅުން އޮންނަ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީ ތަރި މުހައްމަދު ޔުނާންގެ އަންހެނުން ފާތިމަތު ރިހުލާ ގޭބަންދަށް ބަދަލުކޮށްފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، ރިހުލާ ގޭބަންދަށް ބަދަލުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ ގޭބަންދަށް ބަދަލުކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށް އޭނާ ވިދާޅުވިއެވެ.

ޔުނާން އަދިވެސް ހުރީ ޖަލު ބަންދުގައެވެ.

ރިހުލާއަށް ކުރި ދައުވާތައް:

  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ
  • އޮރިޔާންކާޑު ގެންގުޅުމުގެ 2 ދައުވާ

ރިހުލާއަށް ކުރި ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ އެންމެ މަދުވެގެން އޭނާއަށް ޖުމްލަ 50 އަހަރު އަދި ގިނަވެގެން ޖުމްލަ 61 އަހަރުގެ ޖަލު ހުކުމެއް ކުރާނެއެވެ.

ރިހުލާގެ ފިރިމީހާ ޔުނާންއަށް ކުރި ދައުވާތައް:

  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ 2 ދައުވާ
  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވުމުގެ 2 ދައުވާ
  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ
  • އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
  • އޮރިޔާންކާޑު ގެންގުޅުމުގެ 2 ދައުވާ

މި ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ޔުނާންއަށް އެންމެ މަދުވެގެން ޖުމްލަ 110 ނުވަތަ ގިނަވެގެން ޖުމްލަ 133 އަހަރުގެ ޖަލު ހުކުމެއް ކުރާނެއެވެ.

ޔުނާންގެ ދެމަފިރިން ހައްޔަރުކޮށްފައި ވަނީ 2020ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގައެވެ. އެ ދެ މީހުން މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

comment ކޮމެންޓް