އިންޒާރު! ހަމައެކަނި ބޮޑެތި މީހުންނަށް

މީހަކު ދޮރެއް ތަޅުލާ މަންޒަރު --- ފޮޓޯ/ ޑިޒައިންވޯންޓެޑް.ކޮމް

ފެށުމުގެ ކުރީން ކޮޓަރީގެ ދޮރު ހުރީ ލައްޕައި ރަނގަޅަށް ތަޅުލެވިފައިކަން ޔަގީންކޮށްލާށެވެ. ސުވާލެއް ކޮށްލަންހެއްޔެވެ؟ ދޮރުލައްޕައި ތަޅުލީ ކީއްކުރަންހެއްޔެވެ؟ އެއީ ތިބާ އެކަނި އިނދެ ތިޔަ ކުރާ މުޑުދާރު އަމަލު އެހެންމީހަކަށް ފެނިދާނެތީހެއްޔެވެ؟ އިސްކިރީނުގައި ހުޅުވާފައި ހުރި ބަރަހަނާ މަންޒަރުތައް އާއިލާގެ މީހަކަށް ނުވަތަ ގާތް މީހަކަށް ފެނި ތިބާ ބޭޒާރުވެދާނެތީހެއްޔެވެ؟ ތިބާގެ ޝަޚުޞިއްޔަތުގެ އަނދިރި ފަރާތް ހާމަވެދާނެތީ ގަންނާކުރައްވާ ބިރުންހެއްޔެވެ؟ އެހެންކަމަށްވާނަމަ ... މަތިމައްޗަށް ތަޅުލާފައި ހުއްޓަސް ތިޔަ އިނދެވެނީ އެކަނިނޫންކަން ޔަގީންކުރާށެވެ. ތިބާގެ ކަނާތްފަރާތާއި ވާތްފަރާތުގައި، ތިބާއަށް ބަލަހައްޓައިގެން ދެމަލާއިކަތުން އެބަ ތިއްބެވެ. އެއްވެސް ކަމެއް ދޫކޮށްނުލައި ތިބާގެ ހުރިހާ ކަމެއް ލިޔެވެމުން އެބަދެއެވެ. ލަހެއްފަހެއް ނެތި ހަމަ ވަގުތުންނެވެ. ޙަރާމް އެއްޗެތި ތިޔަ ބަލާ ދެލޯ ތިބާއަށް ދެއްވި، ޚާލިޤުވަންތަ ﷲ، ތިބާގެ އަމަލުތައް ދެކެވޮޑިގެންވާކަން އެނގޭހެއްޔެވެ؟ އެކަލާނގެ ދެއްވި ނިޢުމަތްތައް، އެކަލާނގެއަށް އުރެދުމަށް ބޭނުންކުރަން އިންނާކަށް ލަދެއް ނުގަނޭހެއްޔެވެ؟

މީސްތަކުން ދެކެ ގަންނާކުރައްވާ ބިރުން، ތިޔަހާ ވަރުގަދަޔަށް ފޮރުވިގެން އިނދެ ޙަރާމް ކަންތައް ކުރާއިރު، ﷲ ގެ މިބަސްފުޅު ނުދެކެމުހެއްޔެވެ؟ قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ ، وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ ... (ނޫރު: 31،30) މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!" ބެލުންތައް ތިރިކުރުމަކީ ޙަރާމް ތަންތަނާއި ތަކެއްޗަށް ނުބެލުމެވެ. ފަރުޖުތަކަށް ރައްކާތެރިވުމަކީ ޙަރާމްގޮތުގައި ލަދުވެތި ގުނަވަންތައް ފާޅުނުކުރުމެވެ. ޙަރާމް ގޮތަކަށް ޖިންސީ ޣަރީޒާ ލިބިގަތުމަށް އެ ގުނަވަންތައް ބޭނުންނުކުރުމެވެ.

ތިބާގެ ކުރު އުމުރުގެ އަގުހުރި ވަގުތުން ވަގުތު ނަގައިގެން، ޙަރާމް މަންޒަރުތައް ބަލަން ތިޔަ ބޭނުންކުރާ ދެލޮލާމެދު ވިސްނައިލީމުހެއްޔެވެ؟ ސަލާމަތް ނުވެވިގެން ތިޔަ އުޅޭ ފާޖިރު އަމަލުގެތެރޭގައި ވާހާލު، ތިބާގެ އުމުރު ހުރެ މައްޗަށް އެބަ ދޭނޫންހެއްޔެވެ؟ އެއާއެކު ލޮލުގެ ފެނުމަށްވެސް އުނިކަން އެބަ އާދޭނޫންހެއްޔެވެ؟ ދުރު ނުވަތަ ކައިރި ތިޔަ ބަލަނީ އައިނު އަޅައިގެންނޫންހެއްޔެވެ؟ ފެނުމުގެ ނިޢުމަތް ގެއްލޭން ފެށީމައި، އޭގެ ހުރި މުހިއްމުކަން އެބަ އެނގޭނޫންހެއްޔެވެ؟ އެވަރުންވެސް އެ ބޮޑު ނިޢުމަތް ދެއްވި ﷲ އަށް ޝުކުރު ނުކުރާތާނގައި، އެ ލޯ ބޭނުންކޮށްގެން ތިޔަ ކުރާ މުޑުދާރު ކަންތައް ނިކަން ދެކެބަލާށެވެ. ﷲ ގެ ވަޙީބަސްފުޅުގެ ތެދުކަމާއެވެ. وَهُوَ الَّذِي أَنشَأَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۚ قَلِيلًا مَّا تَشْكُرُونَ (މުއުމިނޫން: 78) "އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން ޝުކުރު ކުރަނީ، ވަރަށްވެސް މަދުންނެވެ." އެކަނިވެ ތަންވަޅެއް ލިބޭއިރަށް ފޯނު ހުޅުވައިގެން ފާޙިޝް މަންޒަރުތައް ބަލަނީހެއްޔެވެ؟ އިވުމާއި ފެނުމާއި ހިތާ މިއިން ކޮންމެ ކަމަކާމެދު ޤިޔާމަތް ދުވަހުގައި ސުވާލު ވެވޭނެކަން ނޭނގެނީހެއްޔެވެ؟ (އިސްރާ: 36) ބެލުމުގެ ހުއްދަ އެއްވެސް ގޮތަކަށް ތިބާއަށް ލިބިފައިނުވާ އެތައް ބައެއްގެ ބަރަހަނާ މަންޒަރުތައް ބަލާއިރު، އެއީ ބޮޑު ފާފައެއްކަން ހަނދާން ނެތީ ކީއްވެގެންހެއްޔެވެ؟ (މުސްލިމް: 110)

މިވާހަކަތައް މިއީ ތިބާ ތިޔަ ކުރާ ފާފަތައް ހުއްޓައިލައި ﷲ ގެ މަގަށް ރުޖޫޢަވުމަށް ލިބޭ ފަހުގެ އިންޒާރުކަމަށްވެސް ވެދާނެއެވެ. ކޮޓަރި ތަޅުލައިގެން ސިއްރިއްޔާތުގައި ފާފަކުރާން އިން މީހަކު އެގޮތުގައި ވަނިކޮށް މަރުވި ވާހަކަ އަޑުއެހީމުހެއްޔެވެ؟ ދޮރު ހަލާކުކޮށްލައިގެން އާއިލާގެ މީހުން އެތަނަށް ވަތް އިރު އޭނާ ވަނީ ބަރަހަނާ ހާލުގައެވެ. ފާޙިޝް މަންޒަރުތައް އޭރު އެތަނުގެ ތެރެއިން ފެންނާން ހުއްޓެވެ. ތިބާ އިންތިޒާރު ކުރަނީ މިފަދަ ނުބައި މަރަކަށްހެއްޔެވެ؟ ލޮލާއި ކަންފަތާއި އެހެނިހެން ގުނަވަންތަކުން ތިބާ ކުޅަ ފާފަތަކާމެދު އެ ގުނަވަންތައް ހެކިދޭ ދުވަސް .... ޤިޔާމަތް ދުވަސް ދާދި ގާތުގައި އެބަ އޮތެވެ. ފުރާނަ ހަށިގަނޑާ ވަކިވާ ހިސާބުން ތިބާގެ ޤިޔާމަތް ފެށުނީއެވެ.

ޝައިޠާނާ ބުނާނެއެވެ. ފޮޓޯއެއް ވީޑިޔޯއެއް ބަލައިލުން އެއީ އަދި ޙަރާމްކަން ބޮޑު ޒިނޭއާ އެއްފަދަ ކަމެއްނޫނެވެ. ފާފަ ކުރުމަށްފަހުގައި ތައުބާ ވާނީއެވެ. އައު އެއްޗެއް އޮތްތޯ އަދި ބަލައިލާށެވެ. އާނއެކެވެ. ﷲ އީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ އެންމެ އޯގާވަންތަ އިލާހެވެ. ހުޅަނގު ފަރާތުން އިރު އަރައްޖައުމަންދާންދެން ނުވަތަ ނޭވާ ހޮޅިއަށް އެޅިއްޖައުމަށްދާންދެން، ތައުބާވުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް އެ ފުރުސަތު ތިބާގެ މައްޗަށް ދެމިގެންވަނީ ކިހައި އިރަކަށްކަމެއް އެނގެނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ފާފައިގެ މަތީގައި ވަނިކޮށް މަރުނުވާނެކަމެއް އެނގޭހެއްޔެވެ؟

އެންމެނަށް ސިއްރުންކަމަށް ދެކިގެން ތިޔަ ބަލާ ބަރަހަނާ މަންޒަރުތައް ބެލުން ހުއްޓައިލައި ﷲ ގެ މަގަށް ރުޖޫޢަވާށެވެ. އެތައް ޒަމާނެއް ވާންދެން ތިބާ ތިޔަ ކުރަނީ ނުބައިކަން ބޮޑު ފާފައެކެވެ. އެހެނަސް .... ﷲ ގެ ރަޙުމަތްފުޅު އަދި މާބޮޑެވެ. އިޚުލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ ﷲ ތިބާގެ ތައުބާ ޤަބޫލުކުރައްވާނެއެވެ. ތައުބާވުމަށްޓަކައި ކުރާންޖެހޭނީ ތިންކަމެކެވެ. އެއީ ފާފަކުރުން ހުއްޓައިލުމާއި، ކުރެވުނު ފާފައާމެދު ދެރަވެ ހިތާމަކުރުމާއި އަދި އެ ފާފައަށް އެނބުރި ނުދިޔުމަށް އަޒުމު ކަނޑައެޅުމެވެ. މީގެއިތުރުން، މީހެއްގެ ހައްގަކަށް އަރައިގެންފައިވާނަމަ އެ ހައްގެއް އަދާކުރުން ނުވަތަ އޭނާގެ ފަރާތުން މާފު ލިބިގަތުމެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. "އެއުރެން ތައުބާވެ (އެއުރެންގެ ޢަމަލުތައް) އިޞްލާޙުކޮށް (ވަންހަނާކުރި ކަންތައް) ބަޔާންކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް ތިމަންރަސްކަލާނގެ ތައުބާ ލައްވާހުށީމެވެ. ތިމަންރަސްކަލާނގެއީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ."(ބަޤަރާ: 160)

ގުޅޭ ޓެގު
comment ކޮމެންޓް