ބޮޑުފޮޅަދޫ މޮޅުވިޔަނުދީ ކުރެންދޫން ހިފަހައްޓައިފި

ބޮޑު ފޮޅަދޫއާއި ކުރެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯނު ބުރުގައި ބޮޑުފޮޅަދޫ މޮޅުވިޔަނުދީ ކުރެންދޫން ހިފަހައްޓައިފިއެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯނު ތިނެއްގައި މިރޭ ބޮޑުފޮޅަދޫއާއި ކުރެންދޫ ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މެޗުގައި ބޮޑުފޮޅަދޫން މެޗުގެ ލީޑުނަގައި މެޗުން މޮޅުވާން ދަނިކޮށް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކުރެންދޫން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެ މެޗުގައި ބޮޑުފޮޅަދޫގެ ގޯލުތައް ޖެހީ ރުކްޝާން ޖަމީލާއި، ޖާދުﷲ އަހުމަދުގެ އިތުރުން އަލީ ޝަނީޒްއެވެ. އަދި ކުރެންދޫގެ ގޯލުތައް ޖެހީ މުހައްމަދު ނަބީހުއާއި މުހައްމަދު ރަފްހާންއެވެ. މީގެ އިތުރުން ބޮޑުފޮޅަދޫގެ ހުސައިން ނަވާޒް އަތުން ވަނީ ބައިކޮޅަށް ވެސް ގޯލެއް ވަދެފައެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ތިނެއްގައި ހިމެނެނީ ކ. އަތޮޅުގެ ޗެމްޕިއަން ދިއްފުއްޓާއި، އެ އަތޮޅުގެ ރަނަރަޕް ގާފަރާއި، ޅ. އަތޮޅުގެ ޗެމްޕިއަން ކުރެންދޫއާއި ރަނަރަޕް ހިންނަވަރުގެ އިތުރުން އއ. އަތޮޅުގެ ޗެމްޕިއަން ބޮޑުފޮޅަދޫއާއި އެ އަތޮޅުގެ ރަނަރަޕް މަތިވެރިއެވެ.

ބޮޑު ފޮޅަދޫއާއި ކުރެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

އެ ޒޯނުގެ އެއްވަނައިގައި ގާފަރު އޮތީ ދެ މެޗު ކުޅެ ހަ ޕޮއިންޓު ހޯދައިގެންނެވެ. އަދި ދެވަނައިގައި އޮތް ގާފަރަށް ލިބުނީ ދެ މެޗުން ތިން ޕޮއިންޓެވެ. އަދި ތިންވަނައިގައި ބޮޑުފޮޅަދޫ އެއް ޕޮއިންޓާއެކު އޮތްއިރު ތާވަލުގެ ފުލުގައި ކުރެންދޫ އޮތީ ވެސް ތިން އެއް ޕޮއިންޓާއެކުއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް