މަހިބަދޫ ބަލިކޮށް މާމިގިލި ޒޯނު ފައިނަލަށް

މާމިގިއްޔާއި މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް ޗެލެންޖު

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި މަހިބަދޫ ބަލިކޮށް މާމިގިލި ޒޯނު ހަތަރެއްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މެޗު މާމިގިލިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި މާމިގިލީގެ ގޯލުތައް ޖެހީ ހިސާމް ސަލީމާއި އަހުމަދު ނިޒާމެވެ. ހިސާމް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އަދި މަހިބަދޫން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ އަބްދުﷲ މިދުހަތު ފަހުމީއެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ހަތަރެއްގައި ހިމެނެނީ މ. އަތޮޅުގެ ޗެމްޕިއަން ދިއްގަރާއި އެ އަތޮޅުގެ ރަނަރަޕް ނާލާފުއްޓާއި އދ. އަތޮޅުގެ ޗެމްޕިއަން މާމިގިއްޔާއި އެ އަތޮޅުގެ ރަނަރަޕް މަހިބަދޫއެވެ.

އެ ޒޯނުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ދިއްގަރާއި މާމިގިއްޔެެވެ. އެ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާމިގިލިންނެވެ. އަދި ނާލާފުށި ޒޯނުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މަހިބަދޫއާއެވެ. އެ މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މަހިބަދޫއެވެ.

މާމިގިއްޔާއި މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް ޗެލެންޖު

އެހެންކަމުން މާމިގިލި ވަނީ ޒޯނު ފައިނަލަށް ދަތުރުކޮށްފައެވެ. މަހިބަދޫ ރޭގެ މެޗުން ބަލިވި ނަމަވެސް ޒޯނުގެ ފަހު މެޗުގައި ދިއްގަރު ބަލިކޮށްގެން ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް