އޮޑިޓް ކުރާ ވާހަކަ ބުނުމުން ގިނަ މީހުންނަށް ހީވަނީ ކުށް ހޯދަނީ ކަމަށް: ފަތުހުﷲ

ސްޓޭޓް އިންޓާނަލް އޮޑިޓަރުންގެ ކޮންގްރެސްގައި އިންޓާނަލް އޮޑިޓްގެ ފަންކްޝަނުގެ ސްޓެރެޓެޖިކް ޕްލޭން ވެސް އިފްތިތާހުކުރުމުގެ ތެރެއިން --- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

އޮޑިޓް ކުރާ ނަމަ ގިނަ މީހުންނަށް ހީވަނީ އޮޑިޓަރުން އަންނަނީ އެ މީހުންގެ ކުށް ހޯދުމަށް ނުވަތަ ނުކުރެވި ހުރި ކަންކަން ބުނެދޭން ކަމަށް ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ފެށި ސްޓޭޓް އިންޓާނަލް އޮޑިޓަރުންގެ ކޮންގްރެސް ހުޅުވުމުގެ ޖަލްސާގައި ކޮންގްރެސްގެ ޝުއޫރަށް ރިއާޔަތް ކުރައްވަމުން ފަތުހުﷲ ވިދާޅުވީ، އޮޑިޓަރުންނަކީ ކުށް ހޯދުމަށް ނުވަތަ ނުކުރެވި ހުރި ކަންކަން ހޯދުމުގެ ބަދަލުގައި، ކަމެއް ނުކުރެވި އަތް ދަށުން ދޫވެގެން ދިޔުމުގެ ކުރިން އެކަން ދެނެގަނެ، މައްސަލަތައް ދިމާވުމުގެ ކުރިން ހައްލު ހޯދައިދޭ ބައެއް ކަމަށެވެ.

"އޮޑިޓް ކުރާ ނަމަ ގިނަ ބަޔަކަށް މި ހީވަނީ އެ އަންނަނީ، އެ ބައެއްގެ ކުށެއް ހޯދުމަށް ކަމަށް. ނުވަތަ ނުކުރެވި ހުރި ކަންކަން ބުނެދޭން ކަމަށް. އިންޓާނަލް އޮޑިޓް ކުރުމަކީ މަސައްކަތުގެ ބައެއް. ކަމެއް އަތްދަށުން ދޫވެގެންދާ ވަރު ކުރިއާލައި ދަނެގަނެ، މައްސަލަތައް ދިމާވުމުގެ ކުރިން ހައްލު ކުރުން،" ފަތުހުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ފެށި ކޮންގްރެސްއާ ހިސާބުން ގިނަ މީހުންގެ މި ވިސްނުން ބަދަލު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އޮޑިޓަރުންގެ މަސައްކަތަށް އަލިއަޅުއްވާލަމުން ފަތުހުﷲ ވިދާޅުވީ ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ޢަމަަލުކުރާކަން ޔަގީންކުރުމަށްޓަކައި ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހޭނެ ކަމަށެވެ. އެގޮތުން، ކޯޓޭޝަން ހޯދިތޯ އާއި ކިހިނެއްތޯ ހޯދީ ހަމައެކަނި ޔަގީންކޮށްގެން އޮޑިޓަރުންގެ ޒިންމާ ނުނިމޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުހުﷲ ވިދާޅުވީ އޮޑިޓަރުންގެ ޒިންމާއަކީ، ކޮށްފައިވާ މަސައްކަތަކީ ކޯޓޭޝަން ނަގައިގެން ކުރަންޖެހޭ ކަމެއްތޯ އާއި ކޯޓޭޝަން ހޯދާފައިވަނީ ދައުލަތަށް އެންމެ ފައިދާވާ ގޮތަށްތޯ އާއި އެއީ ހަގީގަތުގައި ވެސް ކުރަން ޖެހޭ މަސައްކަތެއްތޯ އާއި ކޯޓޭޝަން އަބަދުވެސް ހޯދަނީ އެއްބައެއްގެ އަތުންތޯ ފަދަ ކަންކަން ބެލުންކަމަށެވެ.

"އިންޓާނަލް އޮޑިޓުގެ މަސައްކަތަކީ އެއްޗެއް ގަތް އިރު ތިން ކޯޓޭޝަން ހޯދުމެއް އެކަންޏެއް ނޫން. އެއީ އެއަށް ވުރެ ބޮޑު މަސައްކަތްތަކެއް،" ފަތުހުﷲ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވަނީ ދައުލަތުގެ އިންޓާނަލް އޮޑިޓްގެ ފަންކްޝަނުގެ ސްޓެރެޓެޖިކް ޕްލޭން ވެސް އިފްތިތާހު ކޮށްފައެވެ. މި ޕްލޭން އިފްތިތިހާހް ކޮށްދެއްވީ ފަތުހުﷲ އެވެ. މި ސްޓެރެޓެޖިކް އެކްޝަން ޕްލޭނަކީ ކުރިއަށް އޮތް ތިން އަހަރު ދައުލަތުގެ އިންޓާނަލް އޮޑިޓްގެ ފަންކްޝަނުގެ އެކި މަސައްކަތްތައް ހިމެނޭ ޕްލޭނެކެވެ.

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި އިންޓާނަލް އޮޑިޓަށް ޚާއްސަ އޮޑިޓް ޕޯޓަލްއެއް ވެސް ވަނީ އިފްތިތާހު ކޮށްފައެވެ. މި ޕޯޓަލްއަކީ ބަނޑޭރި ޕޯޓަލުގެ މޮޑިއުލެއްގެ ގޮތުގައި ހުޅުވި ޕޯޓަލެކެވެ. އެ ޕޯޓަލް އިފްތިތާހު ކޮށްދެއްވީ އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީއެވެ.

މިއަދު ދަރުބާރުގޭގައި ފެށި ސްޓޭޓް އިންޓާނަލް އޮޑިޓަރުންގެ ކޮންގްރެސްއަކީ ރާއްޖޭގައި ފަށާ މިފަދަ އެންމެ ފުރަތަމަ ކޮންގްރެސްއެވެ. މި ކޮންގްރެސް ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާނެއެވެ. މި ފޯރަމުގެ ޝިއޫރަކީ "އިންޓާނަލް އޮޑިޓުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ވިސްނުން ބަދަލު ކުރުން" މިއެވެ.

comment ކޮމެންޓް