އެއްޖިންސުން ގުޅުންހިންގި ފުލުސް މީހާގެ އަދަބު ކުޑަކޮށްފި

ފެބްރުއަރީ 15، 2021: ހައި ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ޖަލަށްލި ފުލުސް މީހާ، އަބްދުއްރަހްމާން ރަފީއުގެ އަދަބުން އެއްމަސް އުނިކުރުމަށް ހައިކޯޓުން ނިންމައިފިއެވެ.

އެ މައްސަލައިގައި އޭނާއަށް އިއްވާފައިވަނީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާއަށް ހުކުމްކޮށްފައި ވަނީ ދެ ދަރަޖަ މަތިކޮށެވެ. ސަބަބަކީ އޭނާ މިކުށް ކޮށްފައި ވަނީ ފުލުހެއްގެ މަގާމުގައި ހުރެ ކަމަށް ވާތީއެވެ.

ރަފީއުގެ އަދަބު ލުއިކުރަން ނިންމާ ހައިކޯޓުން ނެރުނު ހުކުމުގައި ވަނީ، ކްރިމިނަލް ކޯޓުން އޭނާއަށް ހުކުމްކޮށްފައި ވަނީ، ދެދަރަޖައިގެ ބަދަލުގައި ދެގުނަ ބޮޑުކޮށްކަމަށެވެ. އެހެންކަމުން، އޭނާގެ އަދަބުން ދެދަރަޖަ މަތިކޮށްފިނަމަ އަދަބަކަށް ވާނީ، އެއް އަހަރަށް ޖަލަށްލުމުގެ އަދަބެއް ކަމަށް ހުކުމުގައިވެއެވެ. ރަފީއުގެ އަދަބަށް ގެނައި ބަދަލާ އެކު، ކުރިން ތަންފީޒުކުރި މުއްދަތުން ވެސް އުނިކުރަން ޖެހޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމުގައިވެއެވެ.

އަލަމްގީރުއާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލް އަޙުމަދު ނާޒިމް އަބްދުއްސައްތާރު ވަނީ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދު ކުރުމަށް ކުރި ހުކުމް ތަންފީޒުކޮށް ނިމި މިނިވަން ވެފައެވެ.

ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލްމަގީރުގެ މައްޗަށް ކުށް ސާބިތުވެ އޭނާ ވެސް އަންނަނީ ހަތް މަހުގެ ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި އިތުރު 40 ދައުވާއެއް އޭނާއާ ދެކޮޅަށް މިހާރު ވަނީ އުފުލާފައެވެ.

އަލަމްގީރާއެކު އެކި މީހުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކް ކޮށްލާފައިވާއިރު އެ ވީޑިއޯތަކުން ފެންނަ ބައެއް މީހުން ހައްޔަރުކޮށް އަންނަނީ ތަހުގީގު ހިންގަމުންނެވެ. އަދި ބައެއް މީހުންނަށް ވަނީ 'ކުދި' ހުކުމްތަކެއް ވެސް ކޮށްފައެވެ.

comment ކޮމެންޓް