ރައީސްގެ މަގާމުގައި ހުރީ ކާކުކަން ޔަގީން ނުވާކަމަށް ވިދާޅުވެ މަޖިލީހަށް ގަރާރެއް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނައިބު ރައީސް ފައިސަލް ނަސީމް، ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވާ ކުރައްވާ މަގާމާ ހަވާލުވެވަޑައިގެންފައިވަނިކޮށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އަލުން މަގާމާ ހަވާލުވެވަޑައިގަތުމުން އުފެދިފައިވާ ދުސްތޫރީ އޮޅުންބޮޅުމަށް ހައްލެއް ހޯދައިދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީޙަށް ގަރާރެއް ހުށަހަޅައިފިއެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގް މިއަދު ހުށަހެޅުއްވި ގަރާރުގައި ބުނީ ރައީސްގެ މަގާމާ، ނައިބު ރައީސް ހަވާލުވާނީ ކޮންމެވެސް ސަބަބަކާ ހުރެ ރައީސްގެ މަގާމު ހުސްވުމުން ކަން ގާނޫނުން އެނގެން އެބައޮތް ކަމަށެވެ. އެގޮތުން ނައިބު ރައީސްގެ މަސްއޫލިއްޔަތުކަމަށް ގާނޫނުގައި ބުނެފައިވަނީ ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރެއިން، ރައީސް ހަވާލުކުރާ ކަންކަން ކުރުން ކަމަށް ގަރާރުގައި ވެއެވެ.

އޭގެ އިތުރުން، އެއްވެސް ސަބަބަކާ ހުރެ ރައީސް، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެނަމަ، ރައީސްގެ މަސްއޫލިއްޔަތުތައް ވެސް އަދާކުރަން ވާނީ ނައިބު ރައީސްކަން ގާނޫނުގައި ބަޔާން ކޮށްފައިވާ ކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ގަރާރުގައި ބުނީ ގާނޫނު އަސާސީގެ 124 ވަނަ މާއްދާއިން ފެށިގެން 126 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުން، ރައީސްގެ މަގާމާ، ނައިބު ރައީސްގެ މަގާމު ހުސްވުމުން ނުވަތަ އެ ދެބޭފުޅުންނަށް މަގާމުގެ ޒިންމާތައް ވަގުތީ ގޮތުން އަދާކުރުމަށް އުޒުރުވެރިވާ ހާލަތެއް މެދުވެރިވުމުން އަމަލު ކުރަން ޖެހޭ ގޮތް ސާފުވާ ކަމަށެވެ.

އެގޮތުން، ގާނޫނު އަސާސީގެ 126 ވަނަ މާއްދާގައި ބަޔާންކުރަނީ ރައީސް ނެތި، އަދި ވަގުތީ ގޮތުން ރައީސްގެ ޒިންމާތައް އަދާކުރުމަށް ނައިބު ރައީސެއް ވެސް ނެތް ނަމަ، އެ ހާލަތުގައި ރައީސްގެ މަގާމާ ހަވާލުވާ ފަރާތުން ހުވައެއް ކޮށް، އިގުރާރެއްގައި ސޮއި ކުރަން ޖެހޭ ކަން ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ގަރާރުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބުރައީސްގެ ޒިންމާތައް ބަޔާން ކުރާ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ އެއްވެސް އަކުރެއްގައި ރައީސްގެ ޒިންމާއާ، ނުވަތަ އެ މަގާމާ ވަގުތީ ގޮތުން ހަވާލުވުން ބަޔާން ކޮށްފައި ނުވާ ކަމަށެވެ. އެއާ ޚިލާފަށް، ރައީސްގެ މަގާމުގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވުމަކީ ނައިބު ރައީސްގެ ދުސްތޫރީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއްކަން ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ހަމައެހެންމެ ވަގުތީ ގޮތުން ރައީސްގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުވެރިވާ ހާލަތުގައި އަމަލުކުރަންޖެހޭނެ އިޖުރާއަތުތައް ގާނޫގައި ބަޔާން ކޮށްފައިވާ ގޮތަށް ބަލާއިރު، ނައިބު ރައީސް، ރައީސްގެ ޒިންމާތަކާ، އެފަދަ ހާލަތެއްގައި ހަވާލުވުމަށް ހުވައެއް ކުރަން ޖެހޭ ކަމަށް ބަޔާން ކޮށްފައި ނުވާ ކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ ބަދަލުގައި، ލިޔުމަކުން މަޖިލީހުގެ ރައީސަށް އެކަން އެންގުމަށްފަހު ނައިބު ރައީސްއާ އެ ޒިންމާތައް ހަވާލުކުރުމަށް ކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ގަރާރުގައި ވެއެވެ. އަދި މަޖިލީހުގެ ރައީސަށް އެކަން އަންގަން އުޒުރުވެރިވާ ހާލަތުގައި ވަޒީރުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ތާއީދާއެކު އެކަން އަންގާނީ ނައިބު ރައީސް ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަން ވެސް ގަރާރުގައި ފާހަގަކުރެއެވެ.

ގަރާރުގައި ބުނީ، ގާނޫނު އަސާސީގައި އެކަންކަން ސާފު ކޮށް ބަޔާން ކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު، ރައީސް ޞާލިހު ކުރެއްވި އޮޕަރޭޝަނަކާ ގުޅިގެން ހޭފުޅުނައްތައިލަން ޖެހުމުން، ނައިބު ރައީސް، ފައިސަލް ނަސީމް، ގާނޫނު އަސާސީގެ ޖަދުވަލް އެކެއްގައިވާ ރައީސްގެ މަގާމުގެ ހުވާ ކުރައްވާފައިވާ ކަމަށެވެ.

ގާނޫނުގައި ނައިބު ރައީސް، ރައީސްގެ މަގާމާ ހަވާލުވާން ޖެހޭނެ ހަމައެކަނި ހާލަތަކީ ރައީސްގެ މަގާމު ހުސްވާ ހާލަތު ކަމަށް ބަޔާން ކޮށްފައިވާ ކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

"ވަގުތީ ގޮތުން މަގާމުގެ ޒިންމާ އަދާކުރަން ރައީސް އުޒުރުވެރިވާ ހާލަތުގައި އެ މަގާމުގެ ޒިންމާތަކާ ނައިބު ރައީސް ހަވާލުވާނީ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން، އެ މަގާމުގެ މަސްއޫލިއްޔަތެއް އަދާކުރުމަށް ކަމަށް ވާއިރު، އެ ހާލަތުގައި ރައީސްގެ މަގާމުގެ ހުވާކުރަން ނުޖެހޭނެ ކަން ގާނޫނު އަސާސީގެ މާއްދާތަކުން ސާފޮ ކޮށް އެނގޭ،" ގަރާރުގައި ވެއެވެ.

ގަރާރުގައި ބުނީ މިހާރު ރައީސްއަކީ ފައިސަލް ނަސީމު ކަމަށް ވެސް ދުސްތޫރީ ގޮތުންބަލަން ޖެހޭ ކަމަށް ފެންނަން އޮތް ނަމަވެސް 2018 ވަނަ އަހަރު އިންތިޚާބުކުރެވުނު ރައީސް ޞާލިހު، ރައީސްގެ ޒިންމާތަކާ ފަހުން ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިހާރު އުފެދިފައިވާނީ ދުސްތޫރީ އޮޅުންބޮޅުންގަނޑެއްކަމުގައި ފެންނާތީ، އެ މައްސަލައިގައި ފައިސަލާކުރުވަނިވި ސާފު ހައްލެއް، ސުޕްރީމް ކޯޓުން ހޯދައިދޭން ޖެހޭ ކަމަށް ދެކޭކަމަށް ގަރާރުގައި ވެއެވެ. އަދި އެ ހައްލު، ވީ އެންމެ އަވަހަކަށް ހޯދުމަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ.

އެ ގަރާރު ހުށަހަޅާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި މިވަގުތު ހުންނެވި ބޭފުޅެއް ވަކި ނުވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަނުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

އިދިކޮޅުން ވަނީ ރައީސް ކަމުގެ މަގާމުގައި މިވަގުތު ހުރީ ރައީސް ޞާލިޙް ކަމުގައި ގަބޫލުކުރުމާ ދެކޮޅު ހަދާފައެވެ. އަދި، މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ހުޅުވުމުގެ ގޮތުން ރައީސް ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ނުދިނީވެސް އެސަބަބާ ހުރެ ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

comment ކޮމެންޓް