އެންގުމެއް ނެތި ޕާކިން ބަންދުކުރުމުން ވެލާނާގޭ އޮފީސް މުވައްޒަފުންގެ ނުރުހުން

ޕާކިން ބަންދުކުރުމުން ސަރުކާރު މުވައްޒަފުންތަކެއް އިހްތިޖާޖުކުރަނީ -- ފޮޓޯ/ ފޭސްބުކް

ކުރިއާލައި އެއްވެސް އެންގުމެއް ނެތި ދަރުމަވަންތަ ސްކޫލު ބިއްދޮށުގައި ހުންނަ ޕާކިން ޒޯނު ބަންދުކުރުމުން ވެލާނާގޭގައި ހުންނަ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އިހުތިޖާޖުކޮށް ނުރުހުން އަމާޒުވެއްޖެއެވެ.

ޕާކިން ބަންދުކުރުމާ ގުޅިގެން މުވައްޒަފުން އަންނަނީ ވެލާނާގޭ ކުރިމަތީ ޝުއޫރު ފާޅުކޮށް އިހުތިޖާޖުކުރަމުންނެވެ. އެގޮތުން ކުރިއާލައި އެންގުމަށްފަހު އެ ޕާކިން ޒޯން ބަންދުކުރި ނަމަވެސް އެ ޕާކިން ބޭނުންކުރާ މީހުންނަށް އުފުލަން ޖެހޭ ތަކުލީފު ކޮންމެވެސް މިންވަރަަކަށް ލުއިވީސްކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ވެލާނާގެ ހިމެނޭ ސަރަހައްދަކީ ސަރުކާރުގެ އެންމެ ގިނަ އޮފީސް ހިމެނޭ ސަރަހައްދަށް ވެފައި، އެ ތަނަަށް އާންމުންގެ ގިނަ ބަޔަކު ޚިދުމަތް ހޯދަން އަންނައިރު އެ ސަރަހައްދުގައި ޕާކުކުރަން ހަމަޖައްސައިފައިވާ އެއްވެސް ޒޯނެއް ނެތްކަމަށް އިހުތިޖާޖުކުރާ ބައެއް މުވައްޒަފުން ފާޅުކުރި ޝުއޫރުތަކުގައިވެއެވެ.

މީގެ އިތުރުން ޕާކު ކުރާނެ ޖާގައެއް ދައްކައިފައި އެ ތަން ބަންދުކުރުމަށް ވެސް ފާޅުކުރި ޝުއޫރުތަކުގައިވެއެވެ.

އެ އިހުތިޖާޖުގައި ބައިވެރިވި މުވައްޒަފަކު "ސަން"އަށް ކިޔައިދިން ގޮތުގައި އެ ޕާކިން ޒޯން ސަރުކާރު އޮފީސްތައް ބަންދު ދުވަހެއްގައި ބަންދުކުރި ނަމަވެސް އުފުލަން ޖެހޭ ބުރަ ކުޑަވީސްކަމަށް ބުންޏެވެ.

"ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ އޮފީސްތައް ހުންނަ މި ސަރަހައްދަކީ އެންމެ ބާރުބޮޑު ހިސާބު. މި ތަނުގައި ޕާކު ކުރާނެ ޖާގައެއް އޮތީއެއް ނޫން. މިހެން އޮއްވައި އެއްވެސް ނޯޓިސްއެއް އެއްޗެއް ނުދީ މި ތަން މި ބަންދުކޮށްލީ. ދެން ކޮންތާކުތޯ ސައިކަލު ބަހައްޓާނީ. އެހެން ތަނެއްގައި ބަހައްޓައިފިއްޔާ ޓޯކުރާތަން ފެންނާނީ. ނޫނީ ސްޓިކާއެއް ޖަހާފައި އޮއްވައި ފެންނާނީ،" އޭނާ ބުންޏެވެ.

ވެލާނާގެއާ އިންވެގެން އޮންނަ ޕާކިން ޒޯން ބަންދުކޮށްފައި -- ފޮޓޯ/ ފޭސްބުކް

ވެލާނާގެ ހިމެނޭ ސަރަހައްދުގައި ސައިކަލު ޕާކު ކުރާނެ ޖާގަ ނެތުމަކީ ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައެވެ. އެ ސަރަހައްދުގައި ޕާކިންގެ ޖާގައަށް ހައްލު ހޯދުމަށް ރައީސް އޮފީސް ކުރިމައްޗަށް އޮތް ކުރީގެ ހުރަވީ ބިލްޑިން ހުރި ބިން ވެސް 200އަށްވުރެ ގިނަ ސައިކަލު ޕާކު ކުރެވޭ ޒޯނެއްގެ ގޮތުގައި އަންނަނީ ތަރައްގީ ކުރަމުންނެވެ. ނަމަވެސް އަދިވެސް އެ ތަން ބޭނުންކުރަން ނުފެށެއެވެ.

ޕާކިންގެ މައްސަލަ ބޮޑުވެފައިވަނިކޮށް ވެލާނާގެ ކުރިމަތީ ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތަކެއްގައި މި ފަހުން ފުލުހުން ސްޓިކާ ޖެހައިގެން ވެސް އާންމުންގެ ފާޑުކިޔުމާއި ނުރުހުން ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ.

ޕާކިން ޒޯން ބަންދުކުރުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލާ ގުޅައިލުމުން އެ ކައުންސިލުގެ މީޑިއާ އޮފިޝަލް މަލްޝާ ޝަރީފްވަނީ ކައުންސިލްގެ މަސައްކަތަކީ ޕާކިން ޒޯން ތަކުގައި ކުލަލައި، ކުލަ އާކުރުން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް