ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ހުޅުމާލެ ކޮވިޑް ފެސިލިޓީ އިމާރާތަށް

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުގެ ހިންގުން, ހުޅުމާލެ ކޮވިޑް ފެސިލިޓީ ހިންގި އިމާރާތަށް ބަދަލުކޮށް، އެ ކޯޓުގެ ބައެއް ސެކްޝަންތަކުގެ މަސައްކަތްތައް އޮންލައިންކޮށް ހިންގުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.

ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ ހިންގުން، ކޮވިޑްގެ މުއްދަތުގައި ހުޅުމާލޭގައި ބޭނުންކުރި ކޮވިޑް ފެސިލިޓީ ހުރި އިމާރާތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ އިމާރާތަށް ބަދަލުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ޑީޖީއޭއިން ބުނީ އެ ކޯޓުގެ ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށާއި، ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އުސޫލުގެ ދަށުންނާއި ޝިފްޓު ޑިއުޓީގެ އުސޫލުން ކުރާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ޖޭއެސްސީއިން ނިންމީ އެ ކޯޓު މިހާރު ހިންގަމުންދާ ހަތަރުބުރީގެ އިމާރާތަކީ ވަރަށް ބޮޑަށް ބައުވެ، ހަލާކުވެފައިވާ އިމާރާތަކަށްވެފައި، އެ އިމާރާތް ބޭނުންކުރުމަކީ ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރުވެސް އެހާ ރައްކާތެރިގޮތެއްކަމުގައި ނުވާތީ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ކްރިމިނަލް ކޯޓު، ޖަސްޓިސް ބިލްޑިންގްގައި ހިންގަމުން ދަނިކޮށް، އެ ތަން އެސްޓީއޯގެ ކުރީގެ އިމާރާތަށް ބަދަލުކުރީ 2015 ވަނަ އަހަރެވެ. އޭގެ ކުރިން ދުވަސްކޮޅެއް ވަންދެން ސިވިލް ކޯޓުގެ ބައެއް ސެކްޝަންތައް ވެސް އެ އިމާރާތުގައި ހިންގި އެވެ.

comment ކޮމެންޓް