ދެކުނު ކޮރެއާގެ އައު ކޯޗަކަށް ޖަރުމަނުވިލާތުގެ ކްލިންސްމަން ހަމަޖައްސައިފި

ކްލިންސްމަން ވަނީ ދެކުނު ކޮރެއާގެ ޤައުމީޓީމާ ހަވާލުވެފައި--- ފޮޓޯ/ އޭއެފްޕީ

ދެކުނު ކޮރެއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ޖަރުމަނުވިލާތުގެ ކުރީގެ މަޝްހޫރު ފޯވަޑް ޔާގަން ކްލިންސްމަން ހަމަޖައްސައިފިއެވެ.

ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އަންނަ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމްގެ ހެޑް ކޯޗަކަށް ކްލިންސްމަން ހަމަޖައްސާފައިވާކަމަށެވެ.

އަންނަ ހަފުތާގައި ކްލިންސްމަން ކޮރެއާގެ ވެރިރަށް ސޯލްއަށް އަންނާނޭ ކަމަށާއި، އޭނާ ޓީމާ ހަވާލުވުމަށްފަހު ކޮރެއާގެ ޓީމް އެންމެ އަވަހަށް ނިކުންނާނީ، އަންނަ މަހުގެ 24 ވަނަ ދުވަހު ދެކުނު ކޮރެއާގެ ޓީމް ކޮލަމްބިއާ އާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ކަމަށް ވެސް ދެކުނު ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެއެވެ.

ދެކުނު ކޮރެއާގެ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށް 58 އަހަރުގެ ކްލިންސްމަން ހަމަޖައްސާފައި މިވަނީ ކުރިން އެ މަގާމުގައި ހުރި ޕޯޗްގަލްގެ ޕައުލޯ ބެންޓޯ، މިދިޔަ ވޯލްޑްކަޕަށް ފަހު މަގާމުން ވަކިވުމާ ގުޅިގެންނެވެ.

ކްލިންސްމަން ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އިޓަލީގެ އިންޓަމިލާނާއި، އިނގިރޭސިވިލާތުގެ ސްޕާސް އަދި ޖަރުމަނުވިލާތުގެ ބެޔާން މިއުނިކަށް ކުޅެފައެވެ. އޭނާ ވަނީ ޖަރުމަނުވިލާތަށް ކުޅެދިން 108 މެޗްގައި 47 ގޯލް ޖަހާފައެވެ.

ކޯޗެއްގެ ގޮތުގައި ކްލިންސްމަން ވަނީ ޖަރުމަނުވިލާތް، ބެޔާން މިއުނިކް، އެމެރިކާ، އަދި ހާތާ ބާލިންއަށް އިރުޝާދުދީފައެވެ.

ކްލިންސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަނުވިލާތުން ވަނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތިން ވަނަ ހޯދާފައެވެ. އަދި ކޮންކާކަފް ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތް 2013 ވަނަ އަހަރު އެމެރިކާއަށް ކާމިޔާބުކޮށްދިނެވެ.

ކްލިންސްމަންއަށް ވަނީ 2006 ވަނަ އަހަރު ޖަރުމަނުވިލާތުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބިފައެވެ. ކްލިންސްމަން ކޯޗެއްގެ ގޮތުގައި މިފަހަރު ދެކުނު ކޮރެއާގެ ޓީމާ ހަވާލުވެފައިމިވަނީ ދެ އަހަރަށްވުރެ ގިނަ ދުވަހު ބްރޭކެއްގައި އުޅުމަށްފަހުއެވެ. މިވީ ދުވަސްތަކުގައި ކްލިންސްމަން މަސައްކަތްކުރަމުން އައިސްފައިވަނީ ފުޓްބޯޅައިގެ ފަންނީ މަސައްކަތްތަކުގައެވެ.

comment ކޮމެންޓް