ލާމަރުކަޒުކުރުން ހަރުދަނާކުރުމަށް އެލްޖީއޭގެ އިންސްޓިޓިއުޓްގެ ބޭނުން މުހިންމު: އިމްރާން

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސް އިފްތިތާހުކުރުމަށް އޮތް ހަފްލާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ -- ފޮޓޯ/ އެލްޖީއޭ

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ހިންގާނެ ބަޔަކު ބިނާކުރުމަށް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސްގެ ދައުރު މުހިންމުކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ އަހަރީ ދުވަހާ ގުޅުވައި، އެލްޖީއޭގެ އިންސްޓިޓިއުޓް އިފްތިތާހުކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރާއްޖެ ލާމަރުކަޒުކޮށް ހިންގުމުގެ ނިޒާމަކީ އަދި ވަރަށް ޅަފަތުގައި އޮތް ނިޒާމެއް ކަމަށެވެ.

އެގޮތުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް އުސް ހަރުފަތަކަށް ގެންދިއުމަށް ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ އެ ކަމަށް އެންމެ އެކަށީގެންވާ އިލްމީ ޒުވާން ޖީލެއް ބިނާކުރުން ކަމަށް އިމްރާން ވިދާޅުވިއެވެ.

އަލަށް އިފްތިތާހުކުރެވުނު އެލްޖީއޭގެ އިންސްޓިޓިއުޓާއެކު އެ މަގްސަދު ހާސިލް ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ހަމައެކަނި މި ވޭތުވެދިޔަ 2022 ވަނަ އަހަރުގައި ވެސް 1574 ބައިވެރިން އެލްޖީއޭގެ ޓްރެއިނިން ތަކުގައި ބައިވެރިވެ ޓްރެއިންވެފައިވޭ. އެހެންނަމަވެސް މިހާރު މިގެންދާ އުސޫލާ ހަމަތަކުން ބަލާއިރު މިއަށްވުރެ ހަރުދަނާ ނިޒާމެއް ގެންނަންޖެހޭ ކަމަށް 2019 ވަނަ އަހަރުން ފެށިގެން ފާހަގަކުރެވިފައިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެލްޖީއޭ އުފެއްދި ހިސާބުން ފެށިގެން ވެސް އަބަދުވެސް ކައުންސިލަރުންނަށް ތަމްރީނު ދީ ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަދި ޚާއްސަ އިންސްޓިޓިއުޓަކުން އެ ކަން ކުރުމުގެ މުހިންމު ކަން ދެނެގަނެވި އެ އިންސްޓިޓިއުޓް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހުޅުވުމަށް ޓަކައި 2019 ވަނަ އަހަރު މަސައްކަތް ފެށިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މަސައްކަތް ލަސްވީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އާދެ، ރާއްޖެއަށް ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށްގެން ލާމަރުކަޒީ ސިފައެއްގައި އިގްތިޞާދީ، އިޖްތިމާއީ ހަމަތައް ފުރިހަމައަށް ގާއިމްކޮށް ރަށްރަށުން ސިއްހަތާއި އިލްމުގެ މަގުތައް ފަހިކޮށްދިނުމަށް މި މުއައްސަސާގެ ތެރެއިން ލައިފައި އަޅުގަނޑުމެންނަށް މަގުފަހިވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަމާޒަކީ އެހެން މުއައްސަސާތަކާ ގުޅިގެން އިންސްޓިޓިއުޓުގެ މަސައްކަތްތައް ކުރިއެރުވުން ކަމަށެވެ.

ރޭގެ ހަފްލާގައި އިންސްޓިޓިއުޓްގެ ކުރިއަށް އޮތް ދެ އަހަރަށް ކަނޑައަޅައިފައިވާ ސްޓްރެޓިޖިކް އެކްޝަން ޕްލޭން ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމާއި، އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފްގެ އިތުރުން މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

comment ކޮމެންޓް