ފިއްލަދޫ ބަލިކޮށް ކަނޑިތީމު ޒޯން ސެމީއަށް

ކަނޑިތީމާއި ފިއްލަދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯން ބުރުގައި ހއ. ފިއްލަދޫ ބަލިކޮށް ށ. ކަނޑިތީމުން ޒޯން ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ރޭ ވަނީ ޒޯން އެކެއްގެ ދެ ގްރޫޕްގެ މެޗުތައް ކުޅެފައެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ، އަދި ށ. އަަތޮޅުގެ ޓީމުތަކެވެ.

އެ ޒޯންގެ ގްރޫޕް އެކެއްގައި ހިމެނެނީ އުތީމާއި ނާވައިދޫގެ އިތުރުން ނޭކުރެންދޫއެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ ފޯކައިދޫއާއި ކަނޑިތީމުގެ އިތުރުން ފިއްލަދޫއެވެ.

ޒޯން އެކެއްގެ ގްރޫޕް ދޭއްގެ މެޗުގައި ކަނޑިތީމާއި ފިއްލަދޫ ބައްދަލުކުރި މެޗު ކަނޑިތީމުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ކަނޑިތީމުގެ ގޯލުތައް ޖެހީ އާދަމް ތައުފީގާއި އަހުމަދު ޝިރުހާނުގެ އިތުރުން މުހައްމަދު ޝާނެވެ. މެޗުގައި ޝާން ވަނީ ކަނޑިތީމަށް ދެ ގޯލު ޖަހައިދީފައެވެ. ފިއްލަދޫގެ ގޯލުތައް ޖެހީ އިބްރާހީމް ފަޒީލާއި މުހައްމަދު ހުސާމެވެ.

ކަނޑިތީމާއި ފިއްލަދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ޒޯން ބުރުގައި ކަނޑިތީމު ވަނީ މެޗެއްކުޅެފައެވެ. ށ. އަތޮޅުގެ ޗެމްޕިއަން ފޯކައިދޫއާއި ކަނޑިތީމު ވާދަކުރި އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އެހެންކަމުން ކަނޑިތީމަށް ވަނީ ޒޯން ބުރުގައި ހަތަރު ޕޮައިންޓު ލިބިފައެވެ.

އެއާއެކު ކަނޑިތީމަށް ވަނީ ޒޯން ސެމީގެ ޖާގައެއް ކަށަވަރުވެފައެވެ. އެ ގްރޫޕްގައި ބާކީ ދެން އޮންނާނީ ފިއްލަދޫއާއި ފޯކައިދޫ ބައްދަލުކުރާ މެޗެވެ. ފިއްލަދޫ ސެމީގެ ޖާގައެއް ހޯދުމަށް އެ މެޗުން މޮޅުވުން މަޖުބޫރެވެ. ނަމަވެސް ފޯކައިދޫއަށް މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ސެމީއަށް ދެވޭނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް