ސަފާރީއެއްގައި ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަނީ

ހުޅުމާލޭ ފަޅުގައި ސަފާރީތަކެއް އަޅާފައި-- ފޮޓޯ:

ސަފާރީއެއްގައި ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސް އެ މައްސަލަ ބަލަންފަށާފައި ވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލަ މީޑިއާއަށް ފެންމަތިވީ ރާއްޖޭގައި އުޅޭ ބިދޭސީން މަސައްކަތްތެރިންގެ ފޭސްބުކް ޕޭޖެއްގައި މީހަކު މިވާހަކަ ހިއްސާކުރުމުންނެވެ. އެގޮތުން މިވާހަކަ ހިއްސާކުރި މީހާ ލިޔެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު އޭނާއާ އިތުރު ބަޔަކު ހުޅުމާލޭ ހިސާބެއްގައި މަޑުކޮށްލައިގެން ތިބިކަމަށެވެ. އެވަގުތު އަންހެނަކު މާދުރުން ދުވެފައި އައި ކަމަށާއި އޭނާ އެމީހުން ފެނުމުން ހުއްޓުނު ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެ އަންހެން މީހާއަކީ ޔޫރަޕު ނަސްލުގެ މީހެކެވެ. އަދި ރަނގަޅަށް އިނގިރޭސިން ވާހަކަ ނުދެއްކޭއިރު އޭނާ ހުރީ ބިރުން، ތުރުތުރު އަޅައަޅާ ކަމަށް ލިޔެފައި ވެއެވެ.

އޭނާގެ ގައިގައި ޒަހަމްތަކެއް ވެސް ހުރުމުން އެމީހުން އެ އަންހެން މީހާއަށް އެހީތެރިވެ ދޭން މަސައްކަތް ކުރިމަކަމަށް ފޭސްބުކް ޕޯސްޓުގައި ވެއެވެ. އެވަގުތު އޭނާ ރޯންފެށި ކަމަށާއި ސަފާރީގައި ފަސް ފިރިހެނަކު އޭނާ ރޭޕް ކުރިކަމަށް އެ މީހާއާ ހަވާލާދީ ފޭސްބުކްގައި ލިޔެފައި ވެއެވެ. އަދި އޭނާ ރޭޕް ކުރުމުގެ އިތުރުން އޭނާގެ ފައިސާތައް އަތުލާފައިވާ ކަމަށް އެ މީހާއާ ހަވާލާދީ ލިޔެފައިވެއެވެ. އަދި އެ އަންހެން މީހާ މޫދަށް އެއްލައިލަފާނެކަމުގެ ބިރުވެރިކަން އުފެދުންކަމަށް އޭނާ ބުނިކަމަށް ވެސް ވެއެވެ.

އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ އޭނާއަށް މަސްތުވާތަކެތި ދިނުމަށް ފަހު ކަމަށް އެ ޕޯސްޓު ލިޔުނު މީހާ ވަނީ ޝައްކުކޮށްފައެވެ. އަދި އޭނާ ގާތު ފުލުހަށް މައްސަލަ ހުށަހަޅަން އެދުމުން އެކަމާ އިންކާރު ކޮށް ފުލުހަށް މައްސަލަ ހުށަހަޅައިގެން އިންސާފު ނުލިބޭނެކަމަށް ބުނިކަމަށް ލިޔެފައި ވެއެވެ.

މިކަމާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ބުނީ، މިފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށެވެ. ނަމަވެސް، ފަހުން ފުލުހުން ބުނީ، ސަފާރީއެއްގައި އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާއެކު ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށެވެ.

މިފަދަ މައްސަލައެއް 2020 ވަނަ އަހަރު ވެސް ވަނީ ހިނގާފައެވެ. ނަމަވެސް އެ މައްސަލައިގާ އެއްވެސް މީހަކަށް މިހާތަނަށް ހުކުމްކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް