ގެވެށި ގުޅުމުގެ ފޮތްތައް ދަރިވަރުންނަށް ހަދިޔާކޮށްފި

"ގެވެށި ގުޅުން"ސީރީޒް އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނަށް ހަދިޔާ ކުރުމުގެ ތެރެއިން -- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ޖެންޑާ މިނިސްޓްރީން ނެރުނު "ގެވެށި ގުޅުން" ސީރީސްގެ ފޮތްތައް ސްކޫލްތަކުގެ ކީސްޓޭޖް އެކަކާއި ދޭއްގެ ދަރިވަރުންނަށް ހަދިޔާކޮށްފިއެވެ.

ކޮންމެ ސްކޫލެއްގައި ވެސް މިކަމަށް ޚާއްސަކޮށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ފޮތްތައް ހަދިޔާ ކުރުމަށް ޖެންޑާ މިނިސްޓްރީން އިސްނަގައިގެން ޚާއްސަ ހަފްލާއެއް ބޭއްވީ އިއްޒުއްދީން ސްކޫލުގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަންއެވެ.

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރާއި ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު އަބްދުﷲ އަޝްރަފް ބައިވެރިވެ ވަޑައިގަތެވެ. އަދި ޖެންޑާ މިނިސްޓްރީގެ އިސް ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ.

ކީސްޓޭޖް އެކެއް އަދި ދޭއްގެ ދަރިވަރުންނަށް ޚާއްސަކޮށް ޖެންޑާ މިނިސްޓްރީން ޝާއިއުކުރި "ގެވެށި ގުޅުން" ސީރީޒްގައި ހިމެނެނީ ހަ ފޮތެވެ. މިއީ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ޝާއިއުކުރި ފޮތް ސީރީޒެކެވެ.

ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީގެ އަމާޒަކީ މުހިންމު ހަ މައުލޫއެއްގެ މައްޗަށް ލިޔެފައިވާ މި ވާހަކަ ސީރީޒް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަދިޔާ ކުރުމެވެ. އެގޮތުގެ މަތިން އަތޮޅުތެރޭ ސްކޫލުތަކަށާއި މާލޭ ސަރަހައްދުގެ ސްކޫލުތަކަށް މިއަދު ވަނީ މި ފޮތް ހަދިޔާކޮށްފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ދަރިވަރުންނާ ދެއްކެވި ވާހަކައިގައި ޒިފްލީނާ ވިދާޅުވީ، "ގެވެށި ގުޅުން" ކެމްޕެއިނަކީ ގޭތެރޭގެ ހަމަޖެހުމާއި އާއިލީ ގުޅުން ބަދަހިކުރުމަށް ހިންގާ ކެމްޕޭނެއް ކަމަށެވެ.

"ގެވެށި ގުޅުން ކެމްޕެއިންގެ ބޭނުމަކީ، ތިޔަ ކުދިންގެ އެހެން އުންމީދުތައް ހާސިލްކޮށްދޭނެ އާއިލާތަކެއް ބިނާކުރުމަށް ބާރުއަޅާ ކެމްޕެއިނެއް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޒިފްލީނާ ވިދާޅުވީ، މި ވާހަކަ ފޮތްތަކުގައި ހެދިބޮޑުވަމުން އަންނަ ކުދިންނަށް ވަރަށް މުހިންމު މެސެޖުތަކެއް ހިމެނޭކަމަށެވެ.

"ރުޅި ކޮންޓްރޯލް ކުރުމުގެ މުހިންމު ކަމުގެ ވާހަކަ. އެއްކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރި ވުމުގެ ވާހަކަ. އިހްތިރާމް ކުރުމުގެ ވާހަކަ. އާއިލާގެ މެމްބަރުންނަށް އެހީވުމުގެ މުހިންމުކަމުގެ ވާހަކަ. އެއްކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރި ވުމުގެ ވާހަކަ އަދި އަންހެން ކުއްޖަކަށް ވީތީ ނުވަތަ ފިރިހެން ކުއްޖަކަށް ވީތީ ވަކި ކަންތައްތަކެއް ނުކުރެވޭނެކަމަށް ގަބޫލު ނުކުރުމުގެ ވާހަކަ. މިއީ ހައްތަހާ ވެސް ތިޔަ ކުދިން ބޮޑެތިވަމުން އަންނަ އިރު ތިކުދިންގެ ސިކުނޑީގައި ހަރުލައްވަން ޖެހޭ ކަންކަން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް