ޝަރުޢީގޮތުން ޙަލާލު ޤާނޫނުން މަނާ!

މުޞްޙަފަކާއި ފަނޑިޔާރުގެ މުގުރު --- ފޮޓޯ/ސްޓޮކް. އެޑޯބީ. ކޮމް

އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މުހިއްމު އެއް މަބްދައުއަކީ، ހުރިހާ އެއްޗެއްގެ އަސްލަކީ ހުއްދަވެގެންވުން ކަމުގެ މަބްދައުއެވެ. އެއްވެސް އެއްޗެއް ޙަރާމްވާނީ އެ އެއްޗެއް ޙަރާމްކަމުގެ މައްޗަށް ޞައްޙަ ޞަރީޙު ދަލީލެއް އޮތްނަމައެވެ. ވީމާ ވަކި އެއްޗެއް ޙަރާމްކަން އަންގައިދޭ ޞައްޙަ ޞަރީޙަ ދަލީލެއް ޝާރިޢުގެ ފަރާތުން އައިސްފައިނުވާނަމަ، އެ އެއްޗެއް އޮންނާނީ އޭގެ އަސްލު ޙުކުމްކަމުގައިވާ ހުއްދަ ކަމުގެ ގޮތުގައެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ. هُوَ الَّذِي خَلَقَ لَكُم مَّا فِي الأَرْضِ جَمِيعًا (البقرة: 29) "އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ." وَسَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الأَرْضِ جَمِيعًا مِّنْهُ (الجاثية: 13) "އަދި އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރިކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެކަލާނގެ ޙަޟުރަތުންނެވެ." أَلَمْ تَرَوْا أَنَّ اللَّهَ سَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الأَرْضِ (لقمان: 20) "ހަމަކަށަވަރުން، އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް ﷲ ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރިކުރެއްވިކަން، ތިޔަބައިމީހުންނަށް ނޭނގޭހެއްޔެވެ؟"

ޗީޒާއި ގީ އަދި ޖަނަވާރުގެ ކެހެރީގެ ޙުކުމާމެދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލު ކުރެވުނު ހިނދު ޙަދީޘްކުރެއްވިއެވެ. "ޙަލާލު ތަކެއްޗަކީ ﷲ ގެ ފޮތުގައި ޙަލާލު ކުރައްވާފައިވާ ތަކެއްޗެވެ. އަދި ޙަރާމް ތަކެއްޗަކީ އެ އިލާހުގެ ފޮތުގައި ޙަރާމް ކުރައްވާފައިވާ ތަކެއްޗެވެ. އަދި އެއާމެދުގައި ވަކި ގޮތެއް ކަނޑައަޅުއްވާފައިނުވާ ތަކެތި ވަނީ ތިޔަބައިމީހުންނަށްޓަކައި ޢަފޫވެގެންނެވެ."(ތިރުމިޛީ: 1823)

ބަޔާންވެދިޔަ ހާދިސާއިން ފާހަގަ ކުރެވޭ ވަރަށް މުހިއްމު ކަމެއްވެއެވެ. އެއީ އިތުރު އެކަލޭގެފާނާ ސުވާލު ކުރެވުނު ތަކެތީގެ ޙުކުމް ވިދާޅުވެދެއްވުމުގެ ބަދަލުގައި، ޙަލާލު ތަކެއްޗާއި ޙަރާމް ތަކެތި ދެނެގަންނާނެ ގޮތް ވިދާޅުވެ ދެއްވުމެވެ. އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވުމަށްފަހުގައިވެސް، ތަފާތު ތަކެތީގެ ޙުކުމް ހޯދަން މީސްތަކުން ބޭނުންވާނެއެވެ. އަދި އެއީ ނިމުމެއްނެތް ލިސްޓެއްގެ ގޮތުގައި އަބަދުވެސް އޮންނާނެއެވެ. އެހެންކަމުން، ޙަލާލު ތަކެއްޗާއި ޙަރާމް ތަކެތި ދެނެގަންނާނެ އުސޫލު އިތުރު އެކަލޭގެފާނު އެވަނީ ބަޔާންކޮށްދެއްވާފައެވެ.

މަތީގައިވާ ވާހަކަތަކަށް ބަލާއިރު، ޙަރާމްކަމުގެ ޞައްޙަ ޞަރީޙު ދަލީލެއް އިސްފައިނުވާނަމަ، ހުރިހާ ބާވަތެއްގެ މަސްމަހާމެއްސާއި ދޫނިސޫފާސޫތްޕާއި ޖަނަވާރާއި ގަސްގަހާގެއްސަކީ ހަމަ މުޅީން ޙަލާލު ތަކެއްޗެވެ. ކެއުމުގެ ގޮތުގައި ބޭނުންކުރުމަށް ނުވަތަ އެނޫންގޮތަކަށް އެތަކެތީގެ މަންފާ ލިބިގަތުމަށްކަމަށްވިޔަސް މެއެވެ. ނަމަވެސް މިހާރަށް ބަލާއިރު، ﷲ ޙަލާލުކުރައްވައި އިންސާނުންނަށްޓަކައި ލައްވަވާފައިވާ ބައެއް ތަކެތި ޤާނޫނުން މަނާކޮށްފައިވާތަން ފެންނާނެއެވެ. މީގެތެރޭގައި މަސްމަހާމެއްސާއި ޖަނަވާރާއި ދޫނިސޫފާސޫތްޕާއި ގަސްގަހާގެހިފަދަ ތަކެތި ހިމެނެއެވެ. މިފަދަ ބައެއް ތަކެތި އިހުގައި ބޭނުންކުރަމުންދިޔަ ގޮތަށް ބޭނުންކުރުން މަނާކުރިނަމަވެސް، އެހެނިހެން ގޮތްގޮތުން އޭގެ ފައިދާ ލިބިގަންނަކަމަށް ބުނެވެއެވެ. ކުރިން ބުނިފަދަ ތަކެތި މަނާކުރުމުގެ ބޭނުމެއްކަމަށް ބުނެއުޅެނީ އެ ތަކެތި ހިމާޔަތް ކުރުމެވެ. އެއީ އެތަކެތި ނެތި ދިއުމުގެ ބިރު ހީވެފައިވާތީއެވެ. އަދި އެތަކެތި ނެތި ހިނގައްޖެނަމަ ތިމާވެއްޓަށް ލިބިދާނެކަމަށް ބެލެވޭ ގެއްލުންތަކެއްގެ ބޮޑުކަމުންނެވެ.

ކަނޑައެޅިގެން އެނގޭ ގެއްލުމެއް ދުރުކުރުމަށްޓަކައި، ޙަލާލު ބައެއް ތަކެތި ވަގުތީގޮތުން މަނާކުރެވިދާނެއެވެ. އެއީ ތިމާށި ރައްކާތެރިކުރުމަށްޓަކައި އިސްލާމްދީނުގައި އައިސްފައިވާ އިރުޝާދުތަކުގެތެރެއިން ހިމެނޭކަމެއްވެސްމެއެވެ. ނަމަވެސް އެފަދަ ފިޔަވަޅެއް އެޅުމުން ނިކުންނަ ނަތީޖާއަކީ އެންމެ އެދެވޭ ނަތީޖާކަން ޔަގީންކުރުމަކީ ވަލިއްޔުލްއަމްރުގެ ވާޖިބެކެވެ. ޝަރުޢީ ޤަވާޢިދުގައިވެއެވެ. التَّصَرُّفُ عَلَى الرَّعِيَّةِ مَنُوْطٌ بِالْمَصْلَحَةِ "ރައްޔިތުންނާބެހޭގޮތުން (ވެރިޔަކުކުރާ) ކޮންމެ ތަޞައްރުފެއްވެސް އޮންނާންޖެހޭނީ (ރައްޔިތުންގެ) މަޞްލަޙަތާ އެއްގޮތަށެވެ." އައިންމަތީ ދޫނި ހިމާޔަތް ކުރިއިރު އެތަކެތި ބިސްއަޅައި ނިދަން އަރާނެ ފަޅުރަށާއި ހުރާތަކާއި ތުނޑިއާއި ވެލިގަނޑުތައް ނެތޭ ބުނާހައި މަދެވެ. ވެލާ ކަހަނބު ލިޔުމުން ހިމާޔަތް ކޮށްފައި އޮތަސް، އެތަކެތި ބިސްއަޅަން އަރަން ކަމުދާ ގޮނޑޮދޮށްތައް އެހައިމެ މަދެވެ. މިޔަރު މަނާކޮށްފައި އޮތުމުން އެތަކެތި އާދަޔާ ޚިލާފަށް ގިނަވެ އޭގެ ދުއްތުރާ ބޮޑުވެފައިވާކަމުގެ ޝަކުވާ ކުރަނީ މަސްވެރީންނެވެ. ފޮޓޯއަކުންނޫނީ މިޔަރެއް ނުފެންނަ، ސިޔާސަތު ހަދާ މީހުންނަށް އެ އުނދަގޫ ނޭނގޭނެކަމަށް މަސްވެރީން ބުނެއެވެ. ތެދެކެވެ. މަސްވެރިކަމުގެ ސިޔާސަތުތައް ހުންނާންޖެހޭނީ މަސްވެރީންނަށް ކަމުދާ ގޮތަށެވެ. ދަނޑުވެރީންނަށް ކަމުދާ ގޮތަކަށްނޫނެވެ.

ހިމާޔަތްކޮށްފައިވާ ގިނަ ތަކެއްޗަކީ ދިވެހީން އެއަށް ވަރަށް ބޮޑަށް ދެވި ހިފާފައި ތިބި ތަކެއްޗެވެ. އާމްދަނީ ހޯދުމަށާއި ކެއުމަށާއި ހިތްހަމަޖައްސައިލުމަށް ގެންގުޅުންފަދަ ކަންކަމަށެވެ. އަދި އެކަންކަންވަނީ އަޒަލުއްސުރެ ދިވެހީންގެ ކަށީގައި ހިފާފައިވާ އާދައެއްކަމުގައެވެ. އެހެންކަމުން، ޤަވާޢިދު ހަދައި އޮޅުމާރު އަޅައިގެން އުޅުނަސް، މީސްތަކުންގެ ކިބައިން އެ އާދަތައް ދުރުކުރުންވަނީ ދަތި ކަމަކަށްވެފައެވެ. ކާ މީހުން ކަނީއެވެ. ހިފާ މީހުން ހިފަނީއެވެ. ގެންގުޅޭ މީހުން ގެންގުޅެނީއެވެ. ސިއްރުން ވަރަށް ސިއްރުންނެވެ. މަދު ހާލަތެއްގައި ބަޔަކު ފަޅާއެރިޔަސް، ބައެއް ރަށްރަށުގައި އެކަންކަމަށް ރަށު އެންމެންގެ ލޯ ކަނު ކަމުގައި ބުނާތީވެސް އިވެއެވެ. ވީމާ، ހިމާޔަތް ކުރުމަށް މަނާކޮށްފައިވާ ޙަލާލު ތަކެތި މަނާކުރުމުން ލިބޭނެކަމަށް އުއްމީދު ކުރި ނަތީޖާ އެބަ ލިބޭ ބާއެވެ؟ މަދުވާތީ މަނާކުރި ތަކެތި މިހާރު ގިނަވެފައިވާތީ، އިހު އޮތްގޮތަށް ބަދަލުކުރާކަށް ނުވޭބާއެވެ؟ ހިމާޔަތްކޮށްފައިވާ ތަކެއްޗަށް ގޯނާކުރުމުގެ ޢުޤޫބާތް ފިތްކަނޑައިގެންދާހައި ބޮޑުނަމަވެސް، އޮބިނޯންނަވަރަށް އެކަންކަން ކުރަމުންދާތީ ސިޔާސަތު ބަދަލުކުރާކަށް ނުވޭބާއެވެ؟

ހަނދާން ބަހައްޓާށެވެ! އުރެދުމަކަށްނުވާގޮތަށް، ވަލިއްޔުލްއަމްރު ވަކި ކަމަކަށް އަމުރުކޮށްފައިވާނަމަ އެގޮތަކަށް އަމަލުކުރުން ރައްޔިތުންނަށް ލާޒިމުވާނެއެވެ. އާއްމު މަޞްލަޙަތެއް ހިމާޔަތްކުރުމަށްޓަކައި، ޙަލާލު އެއްޗެއް ވަގުތީގޮތުން މަނާކޮށްފައި އޮތަސް އެ އަމުރަށް ތަބާވާންޖެހޭނެއެވެ. ސިޔާސަތުތައް ބަދަލުކުރާ ވަގުތު ޖެހުމުން، ކަމުގެ މާހިރުން އެކަން ކުރާނެކަމަށް އުއްމީދުކުރަމާ ހިނގާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް