ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލުގައި މާހާ ފަންޑިޔާރުކަން ކޮށްފި

ޔޫރަޕުގެ 40 ޓީމެއްގެ ސެފުން ވާދަކުރި ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލުގައި ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ޝެފް ފަންޑިޔާރުންނާއެކު ރާއްޖޭގެ މާސްޓާ ޝެފް މާހާ ނަޞީރު ފަންޑިޔާރުކަން ކޮށްފިއެވެ.

މި އަހަރުގެ ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލު ކުރިއަށް ގޮސްފައިވަނީ އިޓަލީގެ ރިމިނީގައި މި މަހުގެ 19 އިން 22 ގެ ނިޔަލަށެވެ.

މި ސެމީ ފައިނަލްގައި ބައިވެރިވި ޔޫރަޕުގެ 40 ޓީމުން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 އިން 25 ގެ ނިޔަލަށް ސިންގަޕޫރުގައި އޮންނަ ގްލޯބަލް ޝެފް ޗެލެންޖް ފައިނަލުގައި ހަތަރު ކެޓަގަރީއަކުން ވާދަކުރާނެއެވެ.

އެ ކެޓަގަރީތަކަކީ ދަ ގްލޯބަލް ޝެފްސް ޗެލެންޖް، ގްލޯބަލް ޕޭސްޓްރީ ޝެފްސް ޗެލެންޖް، ގްލޯބަލް ވީގަން ޝެފްސް ޗެލެންޖް، އަދި ގްލޯބަލް ޔަންގް ޝެފްސް ޗެލެންޖްއެވެ.

މާހާ އަކީ ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަޔާ އާޓްސް އެންޑް ކުޒީން އިން ޑިގްރީ ހާސިލް ކޮށްފައިވާ ޝެފެކެވެ. އަދި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރަމުން އަންނަ މާހާ އަކީ މާސްޓާ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑުން ދޭ މާސްޓާ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފެވެ.

އޭނާ ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހޯދާފައި އެވެ.

comment ކޮމެންޓް