ކްރިމިނަލް ކޯޓު އިމާރާތުގެ އެއް ބައި ބޭނުންކުރުން ހުއްޓާލައިފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓު ހިންގަމުން ދާ ދެ އިމާރާތުގެ ތެރެއިން ހަތަރުބުރީގެ ބައު އިމާރާތް ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފިއެވެ.

މިކަމާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓް ހިންގަމުންދާ ހަތަރުބުރީގެ އިމާރާތަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ އިމާރާތަކަށް ވާތީ، ކަމާބެހޭ މާހިރުން ލައްވާ މިއަދު އިންސްޕެކްޝަނެއް ހަދާފައި ވާކަމަށެވެ.

އެ އިންސްޕެކްޝަނަށް ފަހު، ކަމާބެހޭ ފަންނީ މާހިރުން ލަފާދީފައި ވަނީ އެ އިމާރާތް އިތުރަށް ބޭނުންކުރުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަމަށް ކަން އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމާފައި ވަނީ، ކްރިމިނަލް ކޯޓުގެ ހަތަރު ބުރީގެ އިމާރާތް ބޭނުންކުރުން ހުއްޓާލުމުގެ އިތުރުން ކޯޓުން ބޭނުންކުރަމުންދާ އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އަދި ކޯޓުގެ ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި، ގޭގައި މަސައްކަތް ކުރުމާއި, ޝިފްޓު ޑިއުޓީގެ އުސޫލުން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވެ ދާދި ފަހުން ވަނީ ކޯޓުގެ ތަނބެއްގެ ބައެއް ވެސް ވެއްޓިފައެވެ. ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބަދަލުކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓު (ޑީޖޭއޭ)އިން ވަނީ މީގެ ކުރިން ވެސް މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ކްރިމިނަލް ކޯޓު ހިންގުމަށް އިމާރާތެއް ކުއްޔަށް ހޯދުމަށް ޓެންޑާކޮށްދިނުމަށް އެދި ޓެންޑާ ބޯޑަށް ވެސް މީގެ ކުރިން ޑީޖޭއޭއިން ވަނީ ފޮނުވާފައެވެ. އޭގެ ފަހުން، ކްރިމިނަލް ކޯޓު ހިންގުމަށް ވަގުތީ އިމާރާތެއް ބިނާކުރުމަށް ފަސް އަހަރުގެ މުއްދަތަށް ބިމެއް ކުއްޔަށް ދޭން އެޗްޑީސީއިން ވަނީ އެއްބަސްވެފައެވެ.

އެ ބިމުގައި ހަދަން ހުއްދަ ދީފައިވާ ހަތަރު ބުރީގެ އިމާރާތް ހަދަންޖެހޭނީ، ޑީޖޭއޭގެ ބަޖެޓުން ކަމަށް އެޗްޑީސީން ބުނެފައިވީ ނަމަވެސް ޑީޖޭއޭއަށް ބަޖެޓުގެ ދަތިކަން ކުރިމަތިވެފައިވުމުން އެކަން ކުރެވެން ނެތް ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓު އެންމެ ފުރަތަމަ ހިންގީ ޖަސްޓިސް ބިލްޑިންގައެވެ. އެތަނުގައި ޖާގައިގެ ދަތިކަން އިންތިހާއަށް ހުރުމުން މިހާރު އެ ކޯޓު ހިންގާ ތީމުގެއާ ޖެހިގެން ހުންނަ އިމާރާތަށް ބަދަލުވީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

comment ކޮމެންޓް