އަޑުގަދަ ކުރުމުން، ޔައުގޫބު މަޖިލީހުން ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ބަހުސް ކުރަމުން ދަނިކޮށް، އަޑުގަދަ ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.

ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭ ގޮތުން މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެ ކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާފައިވާ ގަރާރުގެ އިބްތިދާއީ ބަހުސްގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވުމުން ޔައުގޫބް ގެންދެވީ އެކަމާ ނުރުހުން ފާޅުކުރައްވައި، އަޑުގަދަ ކުރައްވަމުންނެވެ.

ބަހުސް ކުރިއަށް ގެންދިޔަ ނުދީ ޔައުގޫބު އަޑުގަދަ ކުރެއްވުމުން ރިޔާސަތުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތަކުރާރުކޮށް އެދިފައެވެ.

އެކަމަކު، އެ ވަރުން ވެސް ހުއްޓައިނުލާ އަޑުގަދަ ކުރެއްވުމުން ނަޝީދު ވަނީ ޔައުގޫބުގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރެފައެވެ.

"އަޅުގަނޑު މި އިއްވަނީ ދާންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ނަން. މަޖިލީސް ތަޅުން ދޫކޮށް ބޭރަށް ނުކުންނެވުން އެދެން." އެ މަނިކުފާނު ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ އެ ގަރާރަށް ބަހުސް ކުރައްވަމުން ނަޝީދު ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ މެންބަރުން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ނުތަނަވަސްކަން ބޮޑުވެ، ވަރަށް ބޮޑަށް ބައިބައިވެފައިވާ އެމްޑީޕީގެ އެތެރޭ ކޯޅުންތައް ބޮޑުވެ، ދެ ފެކްޝަން އަރައިރުން ވަމުން އަންނަތާ މިހާރު ވަނީ އެތައް މަހެއް ވެފައެވެ. މިދިޔަ މަހު އޮތް ރިޔާސީ ޕްރައިމަރީއަށް ފަހުގައި ވެސް އެ ޕާޓީއަށް ހަމަޖެހުމެއް އައިސްފައެއް ނުވެއެވެ.

comment ކޮމެންޓް