ޕްރިމިއާ ލީގްގައި ރޭ ކުޅުނު މެޗްތަކުން ޔުނައިޓެޑާއި ސްޕާސް މޮޅުވެއްޖެ

ޕްރިމިއާ ލީގްގައި ލެސްޓާ ކޮޅަށް ލަނޑު ޖެހުމަށްފަހު ޔުނައިޓެޑް ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ/ ގެޓީ

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ލެސްޓާ ސިޓީ ބަލިކޮށް ތާވަލްގެ ކުރި ހޯދުމުގެ އުއްމީދު މެންޗެސްޓާ ޔުނައިޓެޑުން އާ ކޮށްފިއެވެ.

ޕްރިމިއާ ލީގްގައި މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާސިޓީ ބައްދަލުކުރިމެޗު ޔުނައިޓެޑް ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ. މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު މިމެޗްގައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ދެ ލަނޑު ޖަހައިދީފައެވެ.

މިވަގުތު ރަޝްފާޑް ރަނގަޅު ފޯމެއްގައި ހުރިއިރު، އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑް އެންމެފަހުން ކުޅުނު ހަތަރު މެޗްގައިވެސް ލަނޑު ޖަހާފައެވެ.

ލަނޑުޖެހުމަށްފަހު ރަޝްފޯޑް އަދި ސަންޗޯ--- ފޮޓޯ/ގެޓީ

ރޭގެ މެޗްގައި ފެނުނު ފުރަތަމަ ލަނޑު ރަޝްފޯޑް ޖަހާފައިވަނީ މެޗުގެ 25 ވަނަ މިނެޓް ތެރޭގައި ބުރޫނޯ ފެނާންޑެސް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ދެވަނަ ލަނޑު 56 ވަނަ މިނެޓް ތެރޭގައި ޖަހާފައިވަނީ ފްރެޑް ދިން ޕާހަކުންނެވެ. މެޗްގައި މެންޗެސްޓާ ޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖަހައިދިނީ 61 ވަނަ މިނެޓް ތެރޭގައި ސަންޗޯއެވެ.

މެޗުގައި ލެސްޓާސިޓީންވެސް ވަނީ މޮޅު ކުޅުމެއް ދައްކައި ޔުނައިޓެޑްގެ ގޯލަށް ނުރައްކާކޮށްފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ދިފާއުކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ އާއި ވެސްޓްހޭމް ޔުނައިޓެޑް ބައްދަލުކުރިމެޗު 0-2 ގެ ނަތީޖާއިން ކާމިޔާބުކުރީ ސްޕާސްއެވެ. މެޗުގައި ސްޕާސްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެމަސަން އަދި ސޮން ހެއުން މިން އެވެ.

ޕްރިމިއާ ލީގްގައި ވެސްޓްހޭމް ކޮޅަށް ލަނޑު ޖެހުމަށްފަހު ސްޕާސް ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ/ގެޓީ

ރޭ ކުޅުނު މެޗަށްފަހު ޕްރިމިއާ ލީގްގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، 54 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައުގައި އޮތީ އާސެނަލްއެވެ. ދެވަނައިގައި 52 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އުޅޭއިރު ތިން ވަނައިގައި އުޅެނީ 49 ޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑެވެ. ތާވަލްގެ ހަތަރުވަނައިގައި ސްޕާސް އުޅެނީ 42 ޕޮއިންޓް ލިބިގެންނެވެ.

comment ކޮމެންޓް