ޒިޔަދަމްގެ ހުރިހާ ވާރިސުން ވެސް ބޭނުން ވަނީ މަރަށް މަރު ހިފަން

ޒިޔަދަމް މަރުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ ޝަނޫން އަދި ސިފާމް: ވާރިސުން އެދުނީ މަރަށް މަރުހިފަން ---

މީގެ ހަތް އަހަރުކުރިން ލ. މުންޑޫ، ނޫވިލު, އަލީ ޒިޔަދަމް މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އޭނާގެ ހުރިހާ ވާރިސުން ވެސް މިއަދު ކޯޓުގައި ބުނެފިއެވެ.

ޒިޔަދަމްގެ ފަލަމަސްގަނޑަށް, އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށް ބުނެ ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ހަމަ އެ ރަށު ބީޗްވިލާ އަލީ ޝިފާމްގެ މައްޗަށެވެ.

އެ ދެ މީހުންގެ ތެރެއިން ޝަނޫންގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ނިންމާފައެވެ. ނަމަވެސް ޝިފާމްގެ މައްޗަށް އެ ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާ ބުނާ ގޮތުން އުފުލާފައިވާ ދައުވާ ސާބިތު ނުވި ނަމަވެސް, އެހެން ކުށެއް ކުރި ވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހުރެ އެ ކުށުގެ ރުކުންތައް ސާބިތުވާ ނަމަ އެ މީހެއްގެ މައްޗަށް ކުށް ސާބިތުކުރެވިދާނެއެވެ.

އެހެންކަމުން ހުށަހަޅާފައިވާ ހެއްކަށް ބަލައި ޝިފާމްގެ މައްޗަށް ވަނީ ޒިޔަދަމް މަރާލުމުގައި އެހީތެރިވިކަން ސާބިތުވެފައެވެ.

ޒިޔަދަމް މަރާލިކަން ޝަނޫނުގެ މައްޗަށް ސާބިތުވުމުން އަދަބު ކަނޑައެޅުމުގެ ކުރިން މިއަދު ވަނީ ވާރިސުން ދެކޭ ގޮތް ބަލާފައެވެ.

އެގޮތުން ޒިޔަދަމްގެ ބައްޕަ ހިމަނައިގެން ވާރިސުންގެ ގޮތުގައި ނުވަ މީހެއްގެ ބަސް ޝަރީއަތުން ވަނީ މިއަދު ނަގާފައެވެ. އެ ނުވަ މީހުން ވެސް އެދިފައިވަނީ މަރަށް މަރު ހިފައި ދިނުމަށެވެ.

ޒިޔަދަމްގެ މަންމަ ނިޔާވެފައިވާއިރު އޭނާ ދުނިޔޭގައި ހުރިއިރު ފުލުހުންނަށް ދީފައިވާ ބަޔާނުގައި ވެސް ވަނީ ދަރިފުޅުގެ މަރުގެ ބަދަލުގައި މަރަށް މަރު ހިފައި ދިނުމަށް އެދިފައެވެ.

ކަން ހިނގި ގޮތް

ހެކިންގެ ހެކިބަހުން އެނގޭ ގޮތުގައި, ޒިޔަދަމް އާއި ޝަނޫން އާއި ޝިފާމް އަކީ ތިން އެކުވެރިންނެވެ. އެ ހާދިސާ ހިނގާފައި ވަނީ މުންޑޫގައި، ތިން މީހުން އެކުގައި ބަނގުރާ ބޯން ތިއްބައެވެ.

އެގޮތުން ތިން މީހުންގެ ތެރޭގައި މައްސަލަ އުފެދުނީ ޝިފާމްގެ ކޮއްކޮއާ ގުޅޭ ގޮތުން ޒިޔަދަމް ދެއްކި ވާހަކައަކާ ގުޅިގެންނެވެ. ޒުވާބުކޮށް އެ ދެ މީހުން މާރާމާރީ ހިންގަން ފެށުމުން އެ ދެމެދަށް ޝަނޫނު ވަދެ ވަޅިއަކުން ޝިފާމްއަށް ހަމަލަ ދިން ކަމަށް ހެކިވެރިއަކު ވަނީ ބުނެފައެވެ.

ވަޅިން ހަމަލަ ދިނުމުން ޒިޔަދަމް ދުވެފައި ގޮސް ވަނީ އެ ރަށު ވަގުތީހިޔާގޭގެ ބަދިގެއަށެވެ. ނަމަވެސް އެތަނަށް ޝަނޫނު ވަދެ ޒިޔަދަމްއަށް ހަމަލަދިންއިރު އެކަމަށް އެހީތެރިވެ މަގުފަހިކޮށްދީފައިވަނީ ޝިފާމް ކަމަށް ބައެއް ހެކިވެރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް