އެސްޓަންވިލާ ބަލިކޮށް ތާވަލްގެ އެއްވަނަ އަނެއްކާވެސް އާސެނަލް ހޯދައިފި

އާސެނަލް އާއި އެސްޓަންވިލާ ބައްދަލުކުރި މެޗްގެ ތެރެއިން--- ފޮޓޯ/ގެޓީ

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ އެސްޓަންވިލާ ބަލިކޮށް ތާވަލްގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ.

އެސްޓަންވިލާގެ ވިލާ ޕާކްގައި ކުޅުނު މި މެޗް އާސެނަލް ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީ އެސްޓަންވިލާއެވެ. އެއީ މެޗް ފަށައިގެން ފަސްވަނަ މިނެޓް ތެރޭގައި އާތޫރު ވަޓްކިންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެސްޓަންވިލާއިން ލީޑް ނަގާފައި ވަނިކޮށް އާސެނަލްގެ ބުކާޔޯ ސަކާ ވަނީ 16 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގައި ދެވަނަ ފަހަރަށް އެސްޓަންވިލާއިން ލީޑް ނެގީ 31 ވަނަ މިނެޓް ތެރޭގައި ކުރިން ލިވަޕޫލާއި ބާސެލޯނާއަށް ވެސް ކުޅުނު ފިލިއްޕެ ކުޓީނިއޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ކުޓީނިއޯގެ ލަނޑަށްފަހު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީތާއިން އެސްޓަންވިލާ ކުރީގައި އޮވެގެންނެވެ.

މެޗްގައި ދެވަނަ ހާފްގައި އާސެނަލުން ވަނީ ކުޅުން ރަނގަޅުކޮށް އެސްޓަންވިލާގެ ޑިފެންސް ލައިނަށް ބާރުބޮޑު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އާސެނަލުން ވަނީ 61 ވަނަ މިނެޓް ތެރޭގައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އާސެނަލަށް ޖަހައި ދިނީ އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިފެންޑަރު ޒިންޗެންކޯއެވެ.

މެޗުން އާސެނަލަށް ފުރަތަމަ ފަހަރަށް ލީޑް ލިބުނީ، އިތުރު ވަގުތުގެ ކުޅުމުގެ ތެރެގައި އެސްޓަންވިލާގެ މާޓީނޭޒް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. މެޗްގައި ފެނިގެންދިޔަ އާސެނަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ އެންމެ ފަހުވަގުތު ކޮޅުގެ ތެރޭގައި މާޓިނެލީއެވެ.

މެޗަށް ފަހު ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، 23 މެޗުން ލިބުނު 54 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅެނީ އާސެނަލްއެވެ. ތާވަލްގެ ދެވަނައިގައި އުޅެނީ 51 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީއެވެ. ނަމަވެސް ޕްރިމިއާ ލީގްގައި މިރޭ ކުޅޭ މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ ނަމަ އާސެނަލަށް ވުރެ އެއްމެޗް އިތުރަށް ކުޅެ، ވަގުތީގޮތުން އަނެއްކާވެސް ޕޮއިންޓް ތާވަލްގެ އެއްވަނަ ސިޓީއަށް ލިބޭނެއެވެ.

comment ކޮމެންޓް