ޤަތަރުގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ޖަސީމް މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ބިޑް ކޮށްފި

ޝެއިހް ޖަސީމް ޔުނައިޓެޑްގެ ލެޖެންޑް ޑޭވިޑް ބެކަމް އާއެކު--- ފޮޓޯ/ ދަ ސަން

އެންމެފަހުން މެންޗެސްޓާ ޔުނައިޓެޑް ގަތުމުގެ ރޭހަށް ޤަތަރުގެ ކުރީގެ ބޮޑުވަޒީރު، ޝެއިހް ޖަސީމް ބިން ހަމަދު ވަންނަވައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް، ގަތަރުގެ އެންމެ ބޮޑު ބޭންކް، ކިއުއައިބީގެ ޗެއާމަން އެންމެ ފަހުވަގުތު ބިޑް ހުށަހަޅުއްވާފައިވާކަމަށް އިނގިރޭސި ނޫސްތަކުންވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ބީބީސީން ބުނެފައިވަނީ، ޝެއިހް ޖަސީމް ބިން ހަމަދުގެ ނައިންޓޫ ފައުންޑޭޝަން ކުންފުނިން މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ބިޑް ހުށަހަޅާފައިވާކަމަށާއި، އެ ކުންފުނީގެ ވިސްނުން ހުރީ، ޔުނައިޓެޑްގެ ދަރަނިތައް އަދާކުރުމަށްފަހު ކްލަބްގެ ކުރީގެ ހާލަތަށް ގެންދިއުމަށް ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑަކީ އިނގިރޭސިވިލާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ކްލަބެވެ.

ޤަތަރުގެ ރޯޔަލް ފެމިލީން މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ބިޑްކޮށްފައިވާއިރު، ބިޑް ކުރި އަދަދެއް ހާމަކޮށްފައެއް ނުވެއެވެ. އިނގިރޭސި މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް އެންމެ މަދުވެގެންވެސް 4.8 ބިލިއަން ޕައުންޑް ހުށަހަޅާނެއެވެ.

ޤަތަރުގެ ރޯޔަލް ފެމިލީން އަންނަނީ ޔޫރަޕް ފުޓްބޯޅައިގަ އެމީހުންގެ ނުފޫޒް ވަރުގަދަ ކުރަމުންނެވެ. މިގޮތުން ފްރާންސްގެ ޕީއެސްޖީގެ ހިއްސާދާރުންނަކީވެސް ޤަތަރުގެ ރޯޔަލް ފެމިލީއެވެ.

މެންޗެސްޓާ ޔުނައިޓެޑް ގަތުމުގެ ޝައުގުވެރިކަން އިނގިރޭސިވިލާތުގެ ބިލިއަނަރު ޖިމް ރެޓްކްލިފް މީގެކުރިން ވަނީ ފާޅުކޮށްފައެވެ. ރެޓްކްލިފް ވަނީ މީގެ ކުރިން ޗެލްސީ ގަތުމަށްވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް މީގެކުރިން ސައުދީ ވަލީ އަހްދު މުހައްމަދު ބިން ސަލްމާންވެސް މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް ތުރުކީގައި ހުންނަ ސައުދީ އެމްބަސީގައި ގަތުލުކުރި ސައުދީގެ ނޫސްވެރިޔާ ހާޝޮގްޖީގެ މައްސަލައިގައި މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ސައުދީ ވަލީ އަހްދު މުހައްމަދު ކުރެއްވި މަސައްކަތްޕުޅު ވަނީ ފަހުން މަޑުޖައްސާލާފައެވެ.

މިހާރުގެ މެންޗެސްޓާ ޔުނައިޓެޑްގެ މެޖޯރިޓީ ހިއްސާދާރަކީ އެމެރިކާގެ ގްލޭޒާސް އާއިލާއެވެ. ގްލޭޒާސްގެ އާއިލާއިން ޔުނައިޓެޑް ގަނެފައިވަނީ 2005 ވަނަ އަހަރު 790 މިލިއަން ޕައުންޑަށެވެ.

comment ކޮމެންޓް