ތަޢުލީމު މި ދެނީ ކީއްކުރާން؟

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރިފުޅަށް ފަންސޫރެއްގައި ހިފޭ ވަރު ވާ ދުވަހަށް ބެލެނިވެރީން މި ތިބެނީ ތައްޔާރަށެވެ. އެ ހިސާބުން އެކި ކަހަލަ ފޮތްފޮތާއި ލިޔުމާއި ކުލަ ޖެއްސުމުގެ އާލަތްތައް ދަރިފުޅަށް ހޯދައިދެއެވެ. ކިޔާ ފޮތްތަކެވެ. އަކުރު ލިޔާން ދަސް ކޮށްދޭ ފޮތްތަކެވެ. ކުލަ ޖައްސާ ފޮތްތަކެވެ. ބޭނުމަކީ ދަރިފުޅަށް އަކުރުތަކާއި ނަންބަރުތައް ދަސް ކޮށްދިނުމެވެ. މުދައްރިސެއްގެ ގާތަށް ނުވަތަ މަދަރުސާއެއް ކަހަލަ ތަނަކަށް ފޮނުވޭ ޢުމުރު ހަމަ އައުމާ އެކު، އެކަން ވެސް ބަރާބަރަށް ކުރެއެވެ. ކިތަންމެ ބޮޑު ފީތަކެއް ދައްކައިގެން ވިޔަސް ވެހެވެ. ނަތީޖާ ނުކުމެ، ދަރިފުޅު ރީތިކޮށް އޭބީސީޑީ އާއި އެކެއް ދޭއް ތިނަކާއި ހަށަނަރަބަޅަ އާއި އަލިފުބާތާ ލިޔާ ތަން ފެނުމުން މައިންބަފައިން ނުހަނު އުފާ ވެއެވެ. ލޮލުން އުފަލުގެ ކަރުނަ ފާއްދައިލައެވެ.

ރަނގަޅެވެ! މިއީ ހަމަ ވަރަށް ރަނގަޅު ކަންތަކެވެ. ދަރިފުޅުގެ ޢުމުރުން ތިން ހަތަރު އަހަރު ވާ އިރަށް މި ކަންކަމާއިގެން ދުއްވައިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ ވިސްނައިލުން މުހިއްމު ކަމަށް އަޅުގަނޑު ދެކެމެވެ. ނަމަވެސް ހަތަރެއް ނުވަތަ ފަހެއް ނުވަތަ ހަ އަހަރުގައި ވިޔަސް، ދަރިފުޅަށް ލިޔާށާއި ކިޔާށާއި ކުލަ ޖައްސާށާއި ދެންވެސް މި ކަހަލަ ކަންކަން ދަސް ކޮށްދިނުމުގެ މަރުޙަލާ ފަރުވާތެރިކަމާ އެކު ފަށައިގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދަރިފުޅުގެ ތަޢުލީމީ ހަޔާތުގެ ބިންގާ ހަރުދަނާކޮށް އެޅުމުގެ ގޮތުންނެވެ. ކުއްޖާގެ ބުއްދި ހެޔޮ ގޮތުގައި ބިނާ ކުރުމަށް ޓަކައެވެ.

ނަމަވެސް މި ކަންކަމަށް ދެވޭ އިސްކަން، އަޅުގަނޑުމެންނަށް ކުއްޖާގެ ޟަމީރުގެ ތަރައްޤީއަށް ޓަކައި ކުރެވޭތޯއެވެ؟ ކުއްޖާގެ ކިބައިގައި ރިވެތި އަޚްލާޤާއި ހެޔޮ ހިތެއް ބިނާ ކުރުމަށް ޓަކައި ބެލެނިވެރީން ކުރާން ޖެހޭ މަސައްކަތް ކުރެވޭތޯއެވެ؟ އެކަމަށް ދޭން ވާ ސަމާލުކަން ދެވޭތޯއެވެ؟ "މޮޅު" ކުއްޖަކު ބޮޑު ކުރުމަށް ދޭ ސަމާލުކަން "ރަނގަޅު ކުއްޖަކު" ބިނާ ކުރުމަށް ވެސް ދެވޭތޯއެވެ؟

އިހަކަށް ދުވަހު ރައްޓެއްސަކު ކިޔައިދިން ވާހަކައެކެވެ. ދަރިފުޅުގެ ބައްޕަ އޮންނަނީ މަންމަގެ ގާތުގައި ދަރިފުޅަށް ސަރުބީ މަދު ކިރުގެ ބަދަލުގައި އާދައިގެ ކިރު ދޭން ބުނެފައެވެ. ނަމަވެސް، މަންމަ އެކަމަކާ އަޅައެއްނުލައެވެ. ބައްޕަ ނުހުންނަ ކޮންމެ ގަޑިއެއްގައި، ގޭގެ ބައެއް އެހެން މީހުން ބުއިމަށް ޓަކައި ގަނެފައި ހުންނަ ސަރުބީ މަދު ކިރު ޕެކެޓުން ދަރިފުޅަށް ވެސް ދެނީއެވެ. ދަރިފުޅު އަމިއްލަޔަށް މަންމައާ ސުވާލު ކުރެއެވެ. "މަންމާއެވެ! ސަރުބީ މަދު ކިރު ނުބޯށޭ ބައްޕަ އޮންނަނީ ބުނެފައި ނޫންހެއްޔެވެ؟" މަންމަ ޖަވާބު ދެއެވެ. "އެއީ މައްސަލައެއް ނޫނެވެ. މިއީ ވެސް ކިރެވެ. މި ކިރު ވެސް ހަމަ ރަނގަޅު ވާނެއެވެ."

މަންމަ ކަންތައް ކުރާ ގޮތުގައި ހަމަ މައްސަލައެއް ނެތް ބާވައެވެ!

ބައްޕަ އަކީ ޢާއިލާގެ ވެރިޔާއެވެ. ޢާއިލާގެ އިސް މީހާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގެން ނުވާ އަދި އޭގެ ޒާތުގައި ގޯސް ނުވަތަ ރަނގަޅު ނޫން ކަމަކަށް ބައްޕަ އަމުރު ނުކުރާހައި ހިނދަކު، ގޭގެ އެންމެން ބައްޕަގެ ބަހަށް އިޙުތިރާމު ކޮށް، ބައްޕަ ބުނާ ގޮތަށް ކަންތައް ކުރާން ޖެހެއެވެ. އެކަން ގޭގެ އެންމެންނަށް – ޚާއްސަކޮށް ދަރީންނަށް – ޢަމަލުން ދައްކައިދޭން ޖެހޭ މީހަކީ މަންމައެވެ. މަންމަ ބައްޕަގެ ބަހަށް ޤަދަރު ނުކޮށް، އެ ބަސް ކުނިވަށިގަނޑަށް އަޅައި، ޚާއްސަކޮށް ދަރީންގެ ކުރިމަތީގައި އަދި ދަރީންގެ ކަންކަމުގައި ބައްޕަގެ ބަހަށް ގޮން ޖަހަންޏާ، ދަރީންނަށް ވެސް ދަސް ވާނީ ބައްޕަގެ ބަހަކީ އެއްވެސް ޙުރުމަތެއް ނެތް އެއްޗެއް ކަމެވެ. އެ ބަހަށް ކިޔަމަންތެރި ވާކަށް، ޤަދަރު ކުރާކަށް ނުޖެހޭކަމެވެ. ޤަބޫލު ކުރައްވަންޏާ ކުރައްވާށެވެ! ނުކުރައްވަންޏާ ނުކުރައްވާށެވެ! މި ގޮތުގެ މަތީން ތިމާގެ ބައްޕައަކީ އެއްވެސް މީހެއް ނޫން ކަމަށް، އަދި ބައްޕަގެ ބަހަށް ކިޔަމަން ވެ ޤަދަރު ކޮށް ޢަމަލު ކުރުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމުގެ ނުބައި ފިލާވަޅަށް ދަރިވަރު ވެއްޖެ ކުއްޖަކު، ދެން އިޙުތިރާމު ކުރާނޭ މީހެއް، ޤަދަރު ކުރާނޭ މީހެއް، ބޯ ލަނބާނޭ އެއްވެސް ފަރާތެއް ނުހުންނާނެއެވެ. ބައްޕަގެ މަޤާމާއި ބައްޕައަށް ތިމާ ކުރާން ޖެހޭ އިޙުތިރާމު ނޭނގި ބޮޑު ވެއްޖެ ދަރިޔަކަށް ކަލާނގެ ރަސްކަންފުޅަށް ބޯލަނބާން ވެސް އޮންނާނީ ނޭނގިފައެވެ.

މި ޒަމާނުގެ "ލިބަރަލް" ފިކުރުގެ އަހުލުވެރީންނަށް މިއީ ތާކުންތާކު ނުޖެހޭ ވިސްނުމެއް ކަމަށް ފެނިދާނެއެވެ. ނަމަވެސް މިއީ ހެޔޮ ބުއްދީގެ އަހުލުވެރީން ޤަބޫލު ކުރާނޭ ޙަޤީޤަތެވެ.

އެހެން މިސާލެކެވެ. ހަރުކަށި ފިރިއެކެވެ. އަންހެނުންގެ ފަރާތުން ހިތްހަމަނުޖެހޭ ކަމެއް ދިމާ ވެއްޖެއްޔާ، އޭނާ ކަންކުރާ ގޮތަކީ ރަޙުމާއި ހަމްދަރުދީ އާއި އޯގާވެރިކަން އެއްފަރާތް ކޮށްފައި، ކުށްވެރި ކުރުމާއި އަޑުލުމާއި ރުޅިވެރިކަން އިސް ކުރުމެވެ. ޝައްކެއް ނެތް ގޮތުގައި، ކައިވެނީގެ ޙަޔާތުގައި ކޮންމެ ދެމަފިރިއަކަށް ވެސް އެކަކު އަނެކެއްގެ ފަރާތުން ކުށް ފެންނާނެއެވެ. ހަނދާން ނެތިގެން ކުރެވޭ ކަންކަމެވެ. އޮޅިގެން ކުރެވޭ ކަންކަމެވެ. ފަރުވާ ކުޑަ ކޮށްލެވޭ ޙާލަތުތަކެވެ. ވަރުބަލި ވެފައި ހުރުމުގެ ނުވަތަ ކަމަކާ ހިތްދަތި ވެފައި ހުރުމުގެ ނުވަތަ ކަމަކާ ހިތްހަމަނުޖެހި ރުޅި އައުދެވިފައި ހުރުމުގެ ނަތީޖާއެއްގެ ގޮތުން ކުރެވޭ ކަންކަމެވެ. އިންސާނާ އަކީ ބަލިކަށި ޠަބީޢަތެއް ލިބިގެންވާ މަޚުލޫޤަކަށް ވާތީ، އެކަކު ވެސް މިފަދަ އުނި ކަންކަމުން ދުރު ވެގެނެއް ނުވެއެވެ. ދެމަފިރިއަކަށް ހެޔޮ ގޮތުގައި ދިރިއުޅުން ވެއަތު ކުރެވޭނީ، އެކަކު އަނެކަކަށް މި ދެންނެވި ގޮތުގެ މަތީން ކުރެވޭ ކުށްތަކާއި ހެދޭ ގޯސްތަކާ މެދު މަޢާފު ކުރުމާއި، އޯގާވެރި ވުމާއި، ކެތްތެރިވުން ފަދަ ގޮތްގޮތުންނެވެ. އެކަކު އަނެކެއްގެ އުނިކަން ރަޙުމާއި ހަމްދަރުދީ އާއި "ބޮޑު ހިތަކާ" އެކު ތަޙައްމަލު ކުރާން އެނގިގެންނެވެ. މި ދެންނެވި ފިރިމީހާ ކުޑަކުޑަ ކަންކަމުގައި ވެސް އޭނާގެ އަނބިމީހާއާ މެދު ރުޅިވެރިކަމާއި ހަރުކަށިކަން އިސް ކުރާ އިރު، އެ މަންޒަރު ދެކޭން ތިން ކުދީން ތިބެއެވެ. ޢުމުރުން އެގާރަ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ތިން ކުދީންނެވެ. ދެ ފިރިހެން ކުދީންނާއި އަންހެން ކުއްޖެކެވެ. އެ ކުދީންނަށް އެ ކުދީންގެ ބައްޕަގެ ފަރާތުން އެ ފެންނަ ނަމޫނާއަކީ ކޮން ކަހަލަ ނަމޫނާއެއްތޯއެވެ؟ އޭގެ ސަބަބުން، އެ ކުދީންގެ ވިސްނުމާއި ފިކުރާއި މިޒާޖަށް އަންނާނީ ކޮން ކަހަލަ ބަދަލުތަކެއްތޯއެވެ؟ ފިރިހެން ކުދީންނަށް، އެ ކުދީންގެ އަނބީންނާ މެދުގައި ވެސް ހަރުކަށިކަމާއި ރުޅިވެރިކަން ދެއްކުމަށް ނަގައިދެވޭ ފިލާވަޅުތަކަކަށް ބައްޕަގެ ޢަމަލުތައް ނުވޭތޯއެވެ؟ ތިމާގެ ފިރިމީހާ ތިމާއާ މެދުގައި އެފަދައިން ކަންތައް ކުރިޔަސް އެންމެ ރަނގަޅޭ އެއީ މައްސަލައެއް ނޫނޭ މި ފިލާވަޅު އަންހެން ދަރިފުޅަށް ނަގައެއްނުދެވޭތޯއެވެ؟

ޢާއިލާ އަކީ ވަކި އުޞޫލެއްގެ ދަށުން ހިނގާން ޖެހޭ އިޖުތިމާޢީ ޔުނިޓެކެވެ. އެ އުޞޫލު އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީނުގައި ބަޔާން ކުރެވިފައި އެބައޮތެވެ. އިސްލާމް ދީނުގެ ބޭރުން ވެސް، ދުނިޔޭގެ ހެޔޮ ޢިލްމުވެރީންނާއި ބުއްދިވެރީން ވަނ، ޢާއިލާ މި ދެންނެވި ރިވެތި ހަމަތަކުގެ މަތީގައި ދެމެހެއްޓުމުގެ މުހިއްމުކަން ފާހަގަ ކުރައްވައިފައެވެ. އެ އުޞޫލުތައް ޢާއިލީ ނިޒާމުން ނެތިހިނގައްޖެއްޔާ، ޢާއިލާތައް ފޭލި ވާން ފަށާނެއެވެ. ދެން ފެންނާނީ، ފިރީން އަނބީންނަށް ނިކަމެތިކަން ދޭ މަންޒަރެވެ. އަނބީން ފިރީންނާ މެދު އިހާނެތިކޮށް ހިތާ މަންޒަރެވެ. މައިންބަފައިން ދަރީންނާ މެދު އިހުމާލު ވާ ތަނެވެ. ދަރީން މައިންބަފައިންގެ ޙުރުމަތް ކަނޑާތަނެވެ. އެއްބަނޑު ތިމާގެ މީހުންގެ މެދުގައި ހެޔޮ ގޮތުގައި ރަޙިމުގެ ގުޅުމާއި ލޭގެ ތިމާގެކަން ނޯންނަ މަންޒަރެވެ. ޔޫރަޕާއި އެމެރިކާ ފަދަ ތަންތަނުގެ މުޖުތަމަޢުތަކުގައި މި މަންޒަރު ޢާއްމު ވެފައި ވާއިރު، އަޅުގަނޑުމެންގެ ތެރޭގައި ވެސް މި ހިތާމަވެރި ޙާލަތު އަންނަނީ ޢާއްމު ވަމުންނެވެ. އިސްލާމީ ޢާއިލީ ނިޒާމަށް ފުރަގަސް ދެވުމަކީ މީގެ އެންމެ ބޮޑު ސަބަބެވެ.

ކުރީން ދެންނެވި ފަދަ، އިސްލާމީ ޢާއިލީ ނިޒާމުގެ އަޚްލާޤާއި ފަލްސަފާއާ ޚިލާފު އަދި ހުތުރު ނަމޫނާތައް ކުދީންނަށް ދައްކައިދެވެންޏާ، ކުދީންނަކަށް ހެޔޮ އަދި ރަނގަޅު ޢާއިލާތަކެއް ބިނާ ކުރާކަށެއް ނޭނގޭނެއެވެ. އެއްވެސް މީހަކަށް އޯގާވެރި ވާކަށެއް ނޭނގޭނެއެވެ. އެއްވެސް މީހަކަށް ޤަދަރު ކޮށް އިޙުތިރާމު ކުރާކަށެއް ނޭނގޭނެއެވެ. އެކަކު އަނެކަކަށް ތެދުވެރި ވާށާއި ވަފާތެރި ވާކަށް ދަހެއް ނުވާނެއެވެ. މިއީ ބައެއް މިސާލުތަކެވެ. އަޅުގަނޑުމެން ދަރީން ބޮޑެތި ކޮށް ތަރުބިއްޔަތު ކުރުމުގައި، އަކުރާއި ނަންބަރުތައް ދަސް ކޮށްދީގެން ކުދީންގެ ސިކުނޑިތައް ތަރައްޤީ ކުރާން ދޭ އަހައްމިއްޔަތު ކުދީންގެ ޟަމީރާއި އަޚްލާޤު ތަރައްޤީ ކުރާން ނުދޭހައި ހިނދަކު، އަޅުގަނޑުމެންގެ ދަރީން ބޮޑެތި ވާނީ އަޚްލާޤެއް ނެތް ބައެއްގެ ގޮތުގައެވެ. އެކުދީންގެ ކިބައިގައި ބަނިޔާދަންކަމެއް ނުހުންނާނެއެވެ. އަދަބެއްސަދަބެއް ނުހުންނާނެއެވެ. ނާޒިރަކަށް، މުދައްރިސަކަށް، މުސްކުޅިއަކަށް، އަވަށްޓެރިއަކަށް އަދި ރަސޫލަކަށް ނަބީއަކަށް ވެސް އިޙުތިރާމު ކުރާކަށެއް އެ ކުދީންނަކަށް ނޭނގޭނެއެވެ. އިންސާނަކަށް ވިޔަސް ޖަނަވާރަކަށް ވިޔަސް ޙަޤީޤީ މާނައިގައި ރަޙުމު ކުރާކަށެއް ހަމްދަރުދީ ވާކަށެއް ނޭނގޭނެއެވެ. ޟަމީރުގެ އަޑު އަހާކަށެއް، ކޮންމެ ކަމެއްގައި ވެސް ހެޔޮ އަދި ރަނގަޅު ގޮތާއި ރިވެތި އަޚްލާޤުގެ މަގަށް ދާކަށެއް އެކުދީންނަކަށް ނޭނގޭނެއެވެ. މަދަރުސާގައި ގޭންގު ހަދައިގެން ދަރީން އުޅޭ ވާހަކަ ދައްކާ މީހުން ވިސްނާން ޖެހޭ ކަމަކީ މިއީއެވެ.

ކަން މިހެން އޮތުމުން، ކުރާން ޖެހޭ ސުވާލަކީ، އަޅުގަނޑުމެން ދަރީންނަށް ތަޢުލީމު މި ދެނީ ކީއްކުރާން ހެއްޔޭ މިއެވެ. އެތައް ހާސް ނުވަތަ އެތައް ލައްކަ ރުފިޔާއަކާއި، އެތައް ވަގުތެއް ހޭދަ ކޮށްގެން، މަދަރުސާތަކާއި ޓިޔުޝަން ކުލާސްތައް ހަދައިގެން، ތަޢުލީމާ ބެހޭ ވުޒާރާތައް އުފައްދައިގެން، މި ކުރާ މަސައްކަތަކީ ކޮބައިހެއްޔެވެ؟ ދަރީންގެ ޢުމުރުން ތިން އަހަރު ވާއިރަށް، ޕްރީސްކޫލަށް ކުއްޖާ ވައްދައިގެން ދުވާލެއްގެ ދެބައިކުޅަ އެއްބައި ވަގުތު މަދަރުސާގައި ކުދީން މި ގެންގުޅެނީ ކީއްކުރާން ހެއްޔެވެ؟ އެ މަސައްކަތުން، ކުދީންގެ ސިކުނޑިތައް ތަރައްޤީ ކުރެވި، ހިސާބާއި އެކައުންޓާއި ކެމިސްޓްރީ އާއި ޓްރެވަލް އެންޑް ޓުއަރިޒަމް ފިސާރި ރަނގަޅަށް ދަސް ވެ، ދުނިޔޭގެ އިމްތިޙާނުތަކުގައި ވަނަވަނަ ހޯދާ ކުދީންގެ ކިބައިގައި، އެ ތަޢުލީމީ ނިޒާމުގެ ތެރެއިން ހެޔޮ ޟަމީރުތަކެއް ބިނާ ނުކުރެވެންޏާ، މިއީ ކޮން ބޭނުމެއްގައި ކުރާ ކަމެއް ހެއްޔެވެ؟ ރޫޙާނީ އަދި އަޚްލާޤީ ކަނުކަމުގައި ތިބޭ ބަޔަކަށް އެކައުންޓާއި ޓްރެވަލް އެންޑް ޓުއަރިޒަމުން ލިބޭ އެވޯޑެއްގެ މާނައަކީ ކޮބައިހެއްޔެވެ؟

comment ކޮމެންޓް