ރާއްޖޭގެ އެކި ހިސާބުތަކުގައި އިސްރަށްވެހިންގެ އިޖްތިމާއީ މަރުކަޒުތަކެއް ގާއިމް ކުރަނީ

ސަން ފޮޓޯ / ފަޔާޒު މޫސާ

އިސްރަށްވެހިންނަށް އެއް ތަނަކުން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލައި އުޅެވޭ މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުން އިސްރަށްވެހިންގެ އިޖްތިމާއީ މަރުކަޒުތަކެއް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްދެއްވުމަށް ގަސްދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމް ލިބޭ މީހުންނަށް އިނާމް ހަވާލުކޮށްދެއްވުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގައި ގާއިމުކުރާ އެފަދަ މަރުކަޒު ގާއިމުކުރައްވާނީ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގި ނާދީ ހުރި ބިމުގައި ކަމަށެވެ.

އެފަދަ މަރުކަޒުތަކެއް ގާއިމްކުރުމުގެ މަގްސަދުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އޭގެތެރެއިން އެއް މަގްސަދަކީ އިސް ރަށްވެހިންނަށް ދޭންޖެހޭ ހައްގު ގަދަރާއި އިޙްތިރާމް ހޯދައިދިނުމަށް މަގުފަހިކުރުމާއި، އެކަންކަމަށް ބާރުއެޅުންކަމުގައެވެ. އަދި އިސް ރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުޖުތަމައުގައި އިސް ރަށްވެހިންގެ ހިއްސާ އިތުރުކޮށްދިނުމާއި އަދި ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުންވެސް މި މަރުކަޒުތައް ގާއިމް ކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެ މަނިކުފާނު ވިދާޅުވީ، މި މަރުކަޒުތަކުގައި އިސްރަށްވެހިންނަށް އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް