އާސެނަލް ބަލިކޮށް ޕްރިމިއާ ލީގް ތާވަލްގެ އެއްވަނަ ވަގުތީގޮތުން މެންޗެސްޓަރ ސިޓީއަށް

މެންޗެސްޓަރ ސިޓީ ލަނޑުޖެހުމުން އާސެނަލް ކުޅުންތެރިން މާޔޫސްވެފައި-- ފޮޓޯ/ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އާސެނަލް ބަލިކޮށް ވަގުތީގޮތުން ތާވަލްގެ އެއްވަނަ މެންޗެސްޓަރ ސިޓީހޯދައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މިމެޗް މެންޗެސްޓަރ ސިޓީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗް ފަށައިގެން ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އާސެނަލްގެ އެޑީ އެންކެޓިއޭ އަށެވެ. ނަމަވެސް ޒިންޗެންކޯ ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ އެންކެއިޓޭ ބޮލުން ގޯލަށް ފޮނުވާލިނަމަވެސް ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މެޗުގައި މެންޗެސްޓަރ ސިޓީން ޖެހި ފުރަތަމަ ގޯލަކީ 24 ވަނަ މިނެޓް ތެރޭގައި އާސެނަލްގެ ޑިފެންޑަރު ޓަކެހީރޯ ޓޮމިޔާސޫ ފަހަތަށްދިން ބޯޅައެއް ކެވިން ޑި ބްރޭނާ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖެހި ލަނޑެކެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލްގެ ބުކާޔޯ ސަކާ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ސިޓީގެ ކީޕަރު އެންކެއިޓޭއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މެޗްގައި ދެވަނަ ފަހަރަށް ސިޓީން ލީޑް ނަގާފައިވަނީ 72 ވަނަ މިނެޓް ތެރޭގައި ޖެކް ގްރީލިޝް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ނުވަ މިނެޓް ފަހުން ސިޓީގެ ހާލާންޑް ވަނީ ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.

ހާފްޓައިމުގައި އާސެނަލްގެ ކޯޗް އަޓޭޓާ އޭނާގެ ކުޅުންތެރިންނަށް އިރުޝާދުދެނީ-- ފޮޓޯ/ރޮއިޓާސް

މެޗަށްފަހު މީޑިއާ އާ ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ، ލީގް ހޯދުމުގެ ފުރުސަތު އަދި އާސެނަލްއަށް ނުގެއްލޭ ކަމަށާއި، އަދިވެސް ވަގުތު އެބައޮތްކަމަށެވެ. ރޭ އާސެނަލްގެ ޑިފެންސް ލައިނުން ހެދި ގޯސްތަކާ ބެހޭގޮތުން އަޓޭޓާ ބުނީ، މީގެކުރިން ޓޮމިޔާސޫ އެކަހަލަ ބެކް ޕާހެއް ދީފައި ނުވާކަމަށާއި، އޭނާއާ މެދު އަދިވެސް އިތުބާރު އެބައޮތް ކަމަށެވެ.

މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ، ލީގް ޗެމްޕިއަންކަން ނަގާނީ ކޮން ޓީމެއްކަން ނިންމަން އަދި މާ އަވަސް ކަމަށާއި ދިހަ ވަރަކަށް މެޗަށް ފަހު ވަކި އެއްޗެއް ބުނެވިދާނެ ކަމަށެވެ. މިގޮތުން ޗެމްޕިއަންސް ލީގް މެޗްތަކާއި އެނޫންވެސް ބައެއް މުބާރާތްތަކުގެ މެޗްތައް އަދި އޮތުމާއިއެކު ޗެމްޕިއަންކަން ހޯދާނެ ޓީމެއް ލަފާކުރަން މިހާލަތުގައި އަދި އުނދަގޫކަމަށް ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުން އާސެނަލް ބަލިވުމުން ޕްރިމިއާ ލީގް ޕޮއިންޓް ތާވަލްގައި ދަމަހައްޓަމުން އަންނަ އެއް ވަނަ މަޤާމް އެޓީމަށް ވަނީ ގެއްލިފައެވެ.

ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އާސެނަލް އާ މެންޗެސްޓަރ ސިޓީއަށް 51 ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ގޯލުގެ ތަފާތުން ކުރި ލިބެނީ، އާސެނަލަށްވުރެ އެއް މެޗް އިތުރަށް ކުޅެފައިވާ މެންޗެސްޓަރ ސިޓީ އަށެވެ. ސިޓީގެ ފައިދާ ގޯލުގެ ގޮތުގައި 36 ލަނޑު އޮތްއިރު އާސެނަލްގެ ފައިދާ ގޯލުގެ އަދަދަކީ 26 އެވެ.

comment ކޮމެންޓް