ލީގް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ސިޓީ މެޗު ކާމިޔާބުކުރުން މުހިއްމު: އަޓޭޓާ

މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އާއި އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ -- ފޮޓޯ/ އާސެނަލް

ޕްރިމިއާ ލީގް ހޯދުމަށް އާސެނަލް ކުރަމުންދާ މަސައްކަތުގައި މިރޭ މެންޗެސްޓާ ސިޓީ ބަލިކުރުން ނޫން ގޮތެއް ނެތްކަމަށް އާސެނަލްގެ ކޯޗު މިކޭލް އަޓޭޓާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ނިކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަޓޭޓާ ބުނީ، މިރޭގެ މެޗު ކާމިޔާބުކުރުން ފިޔަވައި އިތުރު ވިސްނުމެއް އާސެނަލްގެ ނެތްކަމަށެވެ. އަޓޭޓާ ބުނީ މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ކުޅޭ މެޗު އާސެނަލްއަށް އޮތް ޕްރެޝަރު ކިތަންމެހާވެސް ބޮޑުކަމަށާއި، ކަން އެހެން އޮތަސް އޭނާގެ ޓީމުން މަސައްކަތް ކުރާނީ ތިން ޕޮއިންޓް ހޯދުމަށްކަމަށް އަޓޭޓާ ބުންޏެވެ.

އަޓޭޓާގެ ކޯޗިން ކެރިއަރުގައި އޭނާގެ އެދުރަކީ މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއެވެ. އަޓޭޓާ ވަނީ ގާޑިއޯލާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި 2016 އިން 2019 ވަނަ އަހަރުގެ ނިޔަލަށް ސިޓީގައި މަސައްކަތްކޮށްފައެވެ.

"ރަނގަޅު އަހަރެންނަށް ސިޓީގައި ގިނަ ކަންތައްތަކެއް ދަސްވި.އެހެނެއްކަމަކު އެކަމާއި ގުޅުވައިގެން ހުރި އެޑްވާންޓޭޖުތަކުގެ ވާހަކަތައް ދެއްކުމުގެ މާނައެއްނެތް،" އަޓޭޓާ ބުންޏެވެ.

އަޓޭޓާ ބުނީ މެންޗެސްޓާ ސިޓީ އަކީ އެންމެ މޮޅު ޓީމުގެ ތެރޭގައި ހިމެނޭ ޓީމެއްކަމަށާއި، އެޓީމް ބަލިކުރުމަކީ އާސެނަލަށް ފަސޭހަ ކަމަކަށް ނުވިޔަސް އެކަމަކީ ނުވާނޭކަމެއްކަމަށް ނުބުނެވޭނެކަމަށެވެ.

އާސެނަލް އާއި މެންޗެސްޓަރ ސިޓީ މީގެކުރިން ބައްދަލުކުރި މެޗެއްގެ ތެރެއިން-- ފޮޓޯ/އާސެނަލް

އާސެނަލް އާ މެންޗެސްޓާ ސިޓީ މި ފަހުން ކުޅުނު މެޗްތަކަށް ބަލާނަމަ، ބޮޑަށް ބުރަވެވެނީ ސިޓީގެ ކޮޅަށެވެ. މި ސީޒަނުގައި މި ދެޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު، އެންމެފަހުން އެފްއޭކަޕްގައި ކުޅުނު މެޗް 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީއެވެ.

ޕްރިމިއާ ލީގްގައި މި ދެޓީމް އެންމެފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު އެ މެޗުވެސް ކާމިޔާބުކުރީ މެންޗެސްޓާ ސިޓީއެވެ.

މިރޭ މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ނިކުންނައިރު، އާސެނަލްގެ ޓީމާމެދު ކަންބޮޑުވުމެއް ނެތްކަމަށް އަޓޭޓާ ފާހަގަކުރިއެވެ.

އާސެނަލްއާ ދެކޮޅަށް ނިކުންނަ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، އޭނާގެ ޓީމުން މިރޭ ނިކުންނަނީ އެމިރޭޓްސް ސްޓޭޑިއަމުގައި މިހާތަނަށް ފެނިގެންދާނެ އާސެނަލްގެ އެންމެ ވަރުގަދަ ޓީމާކަމަށެވެ. ގާޑިއޯލާ ބުނީ އާސެނަލް އަކީ މޮޅު ޓީމެއްކަމަށާއި، ސިޓީއަށް އޮތީ އާސެނަލަށް ވުރެ މޮޅަށް ކުޅެގެން މޮޅުވުންކަމަށެވެ.

"އާސެނަލް މޮޅުވެއްޖެ ނަމަ އެންމެ ފުރަތަމަ މަރުހަބާ ކިޔާ މީހަކަށް އަހަރެންވާނަން" ގާޑިއޯލާ ބުންޏެވެ.

މެންޗެސްޓަރ ސިޓީގެ ފަރިތަކުރުންތަކުގައި އެޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން--މިރޭ ސިޓީއާ ދެކޮޅަށް ނިކުންނައިރު، އަޓޭޓާގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ އެންމެފަހުން ޕްރިމިއާ ލީގްގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެންޓްފޯޑުން ޖެހި ލަނޑުގެ ސައްހަ ކަމާމެދު އުފެދިފައިވާ މައްސަލައެވެ. އެމެޗުގައި ބްރެންޓްފޯޑުން ޖެހި އޮފްސައިޑް ލަނޑު އެއީ ލަނޑެއްކަމަށް ނިންމާފައިވަނީ ރެފްރީއަށް އެރި އޮޅުމަކުންނެވެ. ނަމަވެސް ފަހުން ޕްރިމިއާ ލީގް ރެފްރީންގެ ފަރާތުން ވަނީ އެކަމަށް މައާފަށް އެދިފައެވެ.

މެޗުގެ ނަތީޖާ އައިގޮތުން އާސެނަލްއަށް ވަނީ ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާ ދެމެދު އޮތް ފަރަގް ތިން ޕޮއިންޓަށް ހަނިވެފައެވެ. ޕްރިމިއާ ލީގްގައި މިރޭ މެންޗެސްޓާ ސިޓީ އާ އާސެނަލް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 00:30 ގައެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.

comment ކޮމެންޓް