ހަރުކަށި ފިކުރުގެ މީހުންގެ ނުރައްކާ އިތުރުވެ، އެ މީހުން އެކަހެރިކޮށް ބައިތިއްބާނެ ޚާއްސަ ވިންގެއް

މާފުށި ޖަލު --- ފޮޓޯ/ވީނިއުސް

ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރުގެ މީހުންގެ ނުރައްކާ އިތުރުވެ އެމީހުން އެކަހެރި ކުރުމަށްޓަކައި މާފުށީ ޖަލުގައި ޚާއްސަ ވިންގެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު ވަނީ ދާދި ފަހުން ހޯމް މިނިސްޓްރީއާއި ޓްރާންސްޕޭރަންސީ ގުޅިގެން ޖަލުތަކާ ބެހޭ ގޮތުން ނެރުނު ރިޕޯޓެއްގެ ވާހަކައާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރައްވާފައެވެ. މެމްބަރުގެ ސުވާލުގައި ވަނީ ރާއްޖޭގެ ޖަލުތަކުގައި ހަނގުރާމަވެރި، ހަރުކަށި ފިކުރުގެ އައްޑާއަކަށް ޖަލު ބައްޓަން ވެފައިވާ ކަން ރިޕޯޓުގައި ބަޔާން ކޮށްފައިވާއިރު އެކަން ހައްލުކުރުމަށް ކުރަމުންދަނީ ކޮން މަސައްކަތެއްތޯ އައްސަވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ރިޕޯޓަކީ އިންޓަނޭޝަނަލް ކޮމިއުނިޓީއާ ރާއްޖޭގައި ހުރި އެންޖީއޯތަކާ ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން އެކުލަވާލި ރިޕޯޓެއް ކަމަށެވެ. އެގޮތުން އެއީ ޖަލުތަކުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަމަށް ހައްލެއް ގެނައުމަށް އެކުލަވާލެވުނު ރިޕޯޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެެރިކަމާ ހަވާލުވިއިރު ތަފާތު ކުށްތައް ކުރާ މީހުން ކެޓަގަރައިޒް ކުރުން ނޯންނަ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ކުރަމުންދާއިރު ވަކިން ޚާއްސަކޮށް ހަރުކަށި ފިކުރުގެ މީހުން އެސެސް ކުރާނެ ގޮތްތަކެއް ހޯދަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ހަރުކަށި ފިކުރުގެ ގައިދީން އެހެން ގައިދީންނާ ވަކިން ބޭތިއްބޭނެ ގޮތެއް ހޯދައި، އެކަމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ މީހުންގެ ފަރާތުން ޖަލުގެ މުޅި ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަންނަމުން ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރޭގަވެސް، އަޅުގަނޑުމެން ހޭލާ ތިބެންޖެހޭ ފަދަ ހާދިސާތަކެއް ދިމާވި. އެފަދަ މީހުންގެ ފަރާތުން، މުޅި ޖަލުގެ ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތަކަށްޓަކައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަމުން އަރައިގަތުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު އެފަދަ މީހުން ވަކިން ބަހައްޓާނެ ހައި ސެކިއުރިޓީ ވިންގެއް މާފުށީ ޖަލުގައި ގާއިމް ކުރުމަށްޓަކައި އެ މަސައްކަތް ފެށިގެން ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މި އަހަރުގެ ޖޫން ޖުލައި ހިސާބުގަ އެ ވިންގު ނިންމާލެވޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އެތަން ޑިޒައިން ކުރެވިފައި ވާނީ ސިންގަޕޫރު ފަދަ ގައުމުތަކުގައި އެފަދަ މީހުން ބެެހެއްޓުމަށް ފަރުވާ ކޮށްފައިވާ ތަންތަން ބަލައިގެން، މި ގައުމުގެ ތަނަވަސް ކަމަށް ބެލުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެން ސިންގަޕޫރަށް ގޮސް ބެލި ފެސިލިޓީ ޑިވެލޮޕްކޮށްފައި ވަނީ އެގައުމުގެ 50 މިލިއަން ޑޮލަރަށް. އަޅުގަނޑުމެންގެ ފެސިލިޓީ ގާއިމް ކުރަން އަޅުގަނޑުމެންނަށް ލިބުނީ 35 މިލިޔަން ދިވެހި ރުފިޔާ،" މިނިސްޓަރު ވިދާޅުވިއެވެ.

ޖަލު ތެރޭގައި ހަރުކަށި ފިކުރު ފަތުރައި ޓެރެރިޒަމަށް ހިތްވަރު ދިނުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް