ތަފާތު ބޮޑު ނަތީޖާއަކުން ގަން މޮޅުވިއިރު އިސްދޫން މާބައިދޫ ބަލިކޮށްފި

ގަން އަދި ކަލައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ލ. އަތޮޅުގެ ދެވަނަ ބުރުގެ މެޗުތަކުގައި ގަމުން ތަފާތު ބޮޑު ނަތީޖާއަކުން ކަލައިދޫ ބަލިކުރިއިރު އިސްދޫއަތުން މާބައިދޫ ބަލިވެއްޖެއެވެ.

ރޭ ހުޅުމާލެ ރެހެނދި ދަނޑުގައި ގަމާއި ކަލައިދޫ ބައްދަލުކުރި މެޗު ނިމުނީ 6-1 ގެ ނަތީޖާއަކުން ގަން މޮޅުވެގެންނެވެ. އެ މެޗުގައި ގަމުގެ ގޯލުތައް ޖެހީ ހުސައިން ނާޝިދުއާއި އަބްދުﷲ ޖުނައިދު، ހުސައިން ޝަރީފްގެ އިތުރުން ހުސައިން އަޒުމީގެ އިތުރުން ޒައިދާން އަބްދުﷲއެވެ.

ރޭ ކުޅުނު ލ. އަތޮޅުގެ ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ މާބައިދޫއާއި އިސްދޫއެވެ. އެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިސްދޫއިންނެވެ. އެ މެޗުގައި އިސްދޫގެ ގޯލުތައް ޖެހީ އަލީ ހުމޭޒާއި ހުސައިން އަފްހާނެވެ. ހުމޭޒް ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.

އެ އަތޮޅުގެ ފުރަތަމަ ބުރުގައި މިދިޔަ ބުރާސްފަތި ދުވަހު ގަމުން ވަނީ މާމެންދޫ ބަލިކޮށްފައެެވެ. އެ މެޗު ގަމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި އެ ދުވަހު ކަލައިދޫ ވަނީ މާބައިދޫއާ ވާދަކޮށްފައެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާބައިދޫއިންނެވެ.

މާބައިދޫ އަދި އިސްދޫ ބައްދަލުކުރި މެޗުގެ ތެރެއިން ---ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބާރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.

މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް