އެއްވެސް ކުޅިވަރެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ ނަތީޖާ ރަނގަޅު: ރައީސް

ރައީސް ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމާއި ރާއްޖޭގެ ބޮޑީބިލްޑިން ޓީމާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްްވެސް ކުޅިވަރެއް ބާކީ ނުކޮށް، ހުރިހާ ކުޅިވަރުތަކެއްގައި ވެސް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާއި އެކަމުގެ ނަތީޖާ ވެސް ރަނގަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރަންމެޑަލް ހޯދި ރާއްޖޭގެ ބީޗު ވޮލީ ފިރިހެން ޓީމާއި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ރަން މެޑަލާއި ރިހިމެޑަލާއި ލޯމެޑަލް ހޯދައިދިން ބޮޑީބިލްޑިން ޓީމާ މިއަދު ބައްދަލުކުރައްވައެވެ.

ރައީސް ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމާއި ރާއްޖޭގެ ބޮޑީބިލްޑިން ޓީމާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، ވޮލީ ބޯލް އެސޯސިއޭޝަނާއި، ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ އިސްވެރިންނާއި ޓީމުތަކުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމާއި ރާއްޖޭގެ ބޮޑީބިލްޑިން ޓީމާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ރާއްޖޭގެ ބީޗު ވޮލީ ޓީމާއި ބޮޑީބިލްޑިން ޓީމުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ޓީމުތަކުގެ މެމްބަރުންނަށާ އޮފިޝަލުންނާއި އެސޯސިއޭޝަންތަކަށް މަރުހަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުޅުންތެރިންނަށާ އެތުލީޓުންނަށް އިތުރު ތަމްރީން ފުރުސަތުތައް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި ބީޗް ވޮލީއާ ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތަކަކީ ވެސް ރާއްޖޭގައި ކުރިއަރުވައި ކާމިޔާބީތައް ހޯދޭނެ މުސްތަގުބަލް އޮތް ކުޅިވަރުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، މިނިސްޓަރު މަހުލޫފް ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މީގެ ކުރިން ކުޅިވަރުގައި ހޯދިފައި ނުވާ ގިނަ ކާމިޔާބީތައް ހޯދިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ޚާއްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ބަހައްޓަވާ އިސްކަން ފާހަގަކުރައްވައި، ބޮޑީބިލްޑިން އާއި ބީޗް ވޮލީން ރާއްޖެ ހޯދާފައިވާ އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމާއި ރާއްޖޭގެ ބޮޑީބިލްޑިން ޓީމާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި، ވޮލީ ބޯލް އެސޯސިއޭޝަނުންނާއި، ބޮޑީބިލްޑިން އެސޯސިއޭޝަނުން ވެސް ވަނީ، ކުރިން އެކުޅިވަރުތަކަށް ނުލިބޭ ސަމާލުކަމާއި، މާލީ އެހީތެރިކަން މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކުރިޔަށް އޮތް މުބާރާތްތަކާއި ގުޅޭ މައުލޫމާތުވެސް އެސޯސިއޭޝަންތަކުން ވަނީ ރައީސާ ހިއްސާ ކުރައްވާފައެވެ.

ރައީސް ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމާއި ރާއްޖޭގެ ބޮޑީބިލްޑިން ޓީމާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރާއްޖެއަށް ރަން މެޑަލް ލިބުނު އިރު، މިއީ ރާއްޖެއަށް ލިބުނު ވޮލީގެ ފުރަތަމަ ރަންމެޑަލެވެ. 2008 ވަނަ އަހަރުން ފެށިގެން ބޮޑީބިލްޑިން މުބާރާތްތަކުން ރާއްޖެއިން ރަންމެޑަލް ހޯދަމުން އަންނައިރު، ޑިސެމްބަރު މަހު ބޭއްވި، ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ބޮޑީބިލްޑިން ޓީމް ވަނީ އެއް ރަން މެޑައްޔާއި، އެއް ރިހި މެޑަލްގެ އިތުރުން ހަތަރު ލޯ މެޑަލް ހޯދާފައެވެ.

މިއީ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖެއިން ރަންމެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް