ހާރިސްގެ މަރުގެ މައްސަލަ އިސްތިއުނާފުކޮށްފި

ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި ހާރިސް އަބްދުލް ޣަފޫރު

ދެހާސް ސަތާރަވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ ގއ. ދާންދޫ ގޯލްޑްލީފް ހާރިސް އަބްދުލްޣަފޫރު މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލި ޏ. ފުވައްމުލައް، ހިލްޓަން ޔާމިން ރަޝީދަށް ކުށް ސާބިނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އެ މައްސަލާގައި ޔާމިންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ ޔާމީނަށް ކުށް ސާބިތުނުވާ ކަމަށް އިއްވި ހުކުމް އިއްޔެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާނެ ކަމަށެވެ.

ހާރިސް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުރެ ރޭ 21:56 ހާއިރުއެވެ.

އެގޮތުން އެ ރޭ ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން ހާރިސް ހިނގާފައިދަނިކޮށް އޭނާއަށް ވަޅިން ހަމަލަދީފައިވަނީ ޔާމީން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި އޭނާއަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައެެވެ.

ހުޅުމާލެ ހޮސްޕިޓަލުން އޭރު ބުނީ ހާރިސްގެ ގައިގެ އަށް ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށެވެ.

ނަމަވެސް ހާރިސްއަށް ޔާމީން ހަމަލަދިންކަމަށް ބުނެ ނުވަތަ އެ މަންޒަރު ފެނިފައިވާ ކަމަށް ބުނެ އެއްވެސް މީހަކު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައެއް ނުވެއެވެ. އެ މައްސަލައާ ގުޅިގެން ދައުލަތުން ގިނަ ސިއްރު ހެކިތަކެއް ހުށަހެޅި ނަމަވެސް އެ މީހުންގެ ހެކިބަސް ވަނީ ނެގޭގޮތް ނުވެފައެވެ. އެހެންކަމުން ދައުލަތުން އެދުނީ މައްސަލަ ނިންމުމުގައި އެ މީހުން ދީފައިވާ ހެކިބަހަށް ރިއާޔަތް ކުރުމަށެވެ.

ނަމަވެސް މައްސަލައިގައި ގޮތެއް ކަނޑައެޅުމުގައި މީހަކު ނުދޭ ހެކި ބަހަކަށް ބުރަ ނުވެވޭނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ ބުނެފައެވެ. އަދި ޔާމީން ރަޝީދުގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައި ނެތުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ މިނިވަންކުރުމަށް ހުކުމް ކޮށްފައެވެ.

comment ކޮމެންޓް