ސަލްމާން މިސްކިތް މައްސަލައިގައި މިނިސްޓަރު ހާޒިރުކުރެވުނީ އޭސީތައް މަރާމާތުކުރިފަހުން

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު / ފޮޓޯ: މަޖިލިސް

ކިންގް ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެފައި ހުންނަ މައްސަލައިގައި، އެކަމާ ގުޅޭގޮތުން ސުވާލުކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރި އިރު އެމަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ސަލްމާން މިސްކިތަށް ގިނަ އަދަދެއްގެ ބަޔަކު ނަމާދަށް އަރާއިރު، އެމިސްކިތުގެ އޭސީތައް ހަލާކުވެފައި ހުންނަ މައްސަލަ ހައްލު ނުވެ އޮތުމުން އެކަމާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދިޔައެވެ. އެގޮތުން މިސްކިތުގައި ހުރި ހަތަރު އޭސީ ޔުނިޓެއް ހަލާކުވެ އެއްވެސް ވަރަކަށް ފިނި ނުވާ ކަމަށް އާންމުން ބުނަމުން ދިޔައެވެ.

މިކަމާ ގުޅޭގޮތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު މިނިސްޓަރާ ސުވާލުކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ވަނީ ހާޒިރުކޮށްފައެވެ.

މެމްބަރުގެ ސުވާލުގައި ވަނީ އެއާކޯންގައި މައްސަލަތައް ޖެހެމުން އަންނާތީ އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަން ފާހަގަކުރައްވާފައެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި މައްސަލަ އެންމެ ފުރަތަމަ ފާހަގަވީ މިދިޔަ އޮގަސްޓަމަހުގެ ތެރޭގައި ކަމަށާއި، އޭގެފަހުން އޭސީތައް އެއްފަހަރު މަރާމާތުކޮށްފައި ވަނިކޮށް ނޮވެމްބަރު މަހުގެ ތެރޭގައި އަނެއްކާވެސް އޭސީތައް މައްސަލަޖެހިފައިވާ ކަމަށެވެ.

2023 ވަނަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަކޮޅު އޭސީގެ މައްސަލަ ހައްލުކުރެވިފައި އެބަވޭ. މިހާރު މަސަައްކަތް އެބަ ކުރޭ އޭސީ ފުލްކޮށް. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިޒު

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަލްމާން މިސްކިތުގެ އޭސީތައް މައްސަލަޖެހުމަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އޭސީ ޔުނިޓުތަކަށް ލޮނުގެ އަސަރުކުރުމެވެ. އެގޮތުން ބޭރުގައި ހުންނަ އޭސީ ޔުނިޓުތަކަށްވެސް އޭގެ އަސަރުކޮށް ދަބަރަށްވެ ހަލާކުވާން މެދުވެރިވާ ކަމަށާއި، މިސްކިތުގެ ސްޕީކަރުތަކަށްވެސް އެ މައްސަލަ ދިމާވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބިނާކުރި ހަ ފަންގިފިލާގެ މިސްކިތެކެވެ.

comment ކޮމެންޓް