ކެނެޑާ މަތިން ފެނުނު ގޮތް ނޭނގޭ އެއްޗެއް އެމެރިކާއިން ވައްޓާލައިފި

ކެނެޑާގެ މަތިން ފެނުނު ގޮތް ނޭނގޭ އެއްޗެއް، އިއްޔެ އެމެރިކާގެ ފަޔާ ޖެޓަކުން ވައްޓާލައިފި -- ފޮޓޯ/ ރޮއިޓާސް

ކެނެޑާ މަތިން ފެނުނު ގޮތް ނޭނގޭ އެއްޗެއް، އިއްޔެ އެމެރިކާގެ ފަައިޓާ ޖެޓަކުން ވައްޓާލައިފިއެވެ.

ކެނެޑާގެ ޑިފެންސް މިނިސްޓަރު އަނީތާ އަނަންދު ވަނީ އެ ގައުމުގެ މަތިން ދަތުރުކުރަމުން ދަނިކޮށް ފެނުނީ ސިލިންޑްރިކަލް ބައްޓަމަކަށް ހަދާފައިވާ އެއްޗެއްކަމަށް ބުނެފައެވެ.

މިއީ މި ފަހުން ހިނގި އެފަދަ ދެވަނަ ހާދިސާއެވެ. މި ހާދިސާ ހިނގާފައި މި ވަނީ، މީގެ ދުވަސްތަކެއް ކުރިން އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ޗައިނާގެ ފުއްޕާހަމަކާ ގުޅިގެން މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ކެނެޑާގެ މަތިން ފެނުނު ގޮތް ނޭނގޭ އެތި، އެމެރިކާއިން ވައްޓާލާފައިވަނީ އިއްޔެ އެގައުމުގެ ގަޑިން 3:41 ގައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އެންގުމާއެކު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ކެނެޑާއާއެކު ގޮތް ނޭނގޭ އެތި ވައްޓާލުމުގެ މަސައްކަތް ކޮށްފައެވެ.

ބުރާސްފަތި ދުވަހު އެންމެ ފުރަތަމަ އޭތި ފެނުނު ހިސާބުން ފެށިގެން އެމެރިކާގެ އޮފިޝަލުން ގެންދަނީ އެއީ ކޯއްޗެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މިހާތަނަށް އަދި އޭގެ ހަގީގަތެއް ހޯދިފައެއް ނުވެއެވެ.

އަނީތާ ސިފަކުރި ގޮތުގައި އެއީ މީގެ ހަފުތާއެއް ކުރިން އެމެރިކާގެ ސައުތު ކެރޮލައިނާގެ އައްސޭރިފަށުން ވައްޓާލި ޗައިނާގެ ފުއްޕާހަމަށް ވުރެ ކުޑަ އަދި އެ ފުއްޕާހަމާ ވައްތަރު އެއްޗެކެވެ.

ވައިގެ ތެރެއިން 40،000 ފޫޓު (12،200 މީޓަރު) އުސްމިނުގައި އޮތް މި އެއްޗަކީ މަދަނީ ވައިގެ ދަތުރުފަތުރަށް ނުރައްކާތެރި އެއްޗެއް ކަމަށް އަނީތާ ބުންޏެވެ.

އަނީތާ ބުނީ މިކަމާ ގުޅިގެން އާންމުން ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ވައިޓް ހައުސްއިން ބުނިގޮތުގައި ބައިޑަން އާއި ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯއާ ދެމެދު ވަނީ ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކުގައި މަސައްކަތްކުރަން އެއްބަސްވެފައެވެ.

އަދި މިގޮތަށް ފެންނަ ތަކެތީގެ މަގުސަދާއި އަސްލުގެ އިތުރު ތަފްސީލު އެނގުމުގެ މުހިންމުކަމަށް ދެގައުމުން ވެސް ގަބޫލު ކުރެއެވެ.

އެމެރިކާއިން ވަނީ މީގެ ހަފުތާއެއް ކުރިން އެ ގައުމުގެ ސިޓީއެއް ކަމަށްވާ ކެރޮލައިނާގެ މަތިން ފެނުނު ޗައިނާގެ ފުއްޕާހަން ވެސް ވައްޓާލާފައެވެ. އަދި އެ ގައުމުން ބުނާގޮތުގައި އެއީ ޗައިނާގެ އަސްކަރިއްޔާއިން ޖާސޫސު ކުރުމަށް ބޭނުންކުރި ފުއްޕާހަމެކެވެ.

އެހެން ނަމަވެސް ޗައިނާއިން ވަނީ އެކަން ދޮގުކޮށް ފުއްޕާހަން ވައްޓާލުމާ ގުޅިގެން ނުރުހުން ފާޅުކޮށްފައެވެ.

comment ކޮމެންޓް