ފައިސާ އަނބުރާ ދޭން ގޮތަބަޔާ އެދިވަޑައިގަތުމުން ކޯޓުން ހެދީ ދެކޮޅު

ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ --- ފޮޓޯ/ އަޑާ ޑެރާނާ

ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ ރަސްމީ ގެކޮޅުން މިދިޔަ އަހަރު ފެނުނު 20 މިލިއަން ރުޕީސްއާ ގާތްކުރާ އަދަދެއްގެ ފައިސާ އަނބުރާ ދިނުމަށް އެދިވަޑައިގަތުމުން، ކޯޓުން އެކަމާ ދެކޮޅު ހަދައިފިއެވެ.

އެ ފައިސާ އަނބުރާ ގޮތަބަޔާއަށް ދިނުމަށް އެދި، ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުން ވަނީ އިއްޔެ ގޮތެއް ނިންމާފައެވެ.

އެ ފައިސާއަކީ މިދިޔަ އަހަރު ގޮތަބަޔާގެ ސަރުކާރާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާތަކުގައި، މުޒާހަރާގެ ބައިވެރިންގެ ރައީސްގެ ރަސްމީ ގެކޮޅަށް ވަދެގަތުމަށް ފަހު ހޯދި ފައިސާއެވެ. އެ މީހުން ވަނީ ފައިސާ ހޯދުމަށް ފުލުހުންނާ އެ ފައިސާ ހަވާލުކޮށްފައެވެ.

ލަންކާގެ ނިއުސްވަޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ފައިސާ ގޮތަބަޔައަށް ދިނުމާ ދެކޮޅަށް ކޯޓުން ނެރުނު އަމުރުގައި ވަނީ ފުރަތަމަ އެ ފައިސާގެ މައްސަލަ ބެލުމަކީ ކޯޓުގެ ޒިންމާއެއްކަމަށެވެ. އެގޮތުން އެ ފައިސާއާ ބެހޭ ގޮތުން، މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނާއި ރިޝްވަތުގެ ގާނޫނުގެ ދަށުން ތަހުގީގުތައް ހިންގުމުގެ ފުރުސަތުތައް އެބައޮތް ކަމަށް ކޯޓުގެ ނިންމުމުގައިވެއެވެ. އެހެންކަމުން، މިވަގުތު އެ ފައިސާ ދޫކޮށްލެވެން ނެތް ކަމަށް ކޯޓު އަމުރުގައިވެއެވެ.

މީގެ އިތުރުން އެ ފައިސާއާ ގުޅޭ ތަހުގީގުތައް އަދިވެސް ކުރިއަށްދާ ކަމަށާއި އަދި މިހާތަނަށް އެހެން މީހަކު އެ ފައިސާގެ މިލްކުވެރިކަމަށް ދައުވާ ނުކުރާތީ އެ ފައިސާ ދޫކޮށްނުލެވޭނެ ކަމަށްވެސް ކޮލޮމްބޯ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައިވެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ލަންކާގައި ކުރި މުޒާހަރާތަކުގައި ރައީސްގެ ގެކޮޅަށް ވަދެގަތް މީހުން ވަނީ ގާތްގަނޑަކަށް 17.5 މިލިއަން ރުޕީސް (47,924 ޑޮލަރު) ހޯދާފައެވެ.

އެ ފައިސާގެ ތަހުގީގުތައް އެގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ދަނީ ކުރަމުންނެވެ.

އެ މުޒާހަރާތައް ފެށީ ސްރީލަންކާއަށް އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވުމާ ގުޅިގެންނެވެ. އެގޮތުން އޭރު އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް ދަށަށް ގޮސް، ކާބޯތަކެއްޗާއި ތެލުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

އެ މުޒާހަރާތައް ހުއްޓުވަން ގޮތަބަޔަ ކާފިއު އާއި ކުއްލި ހާލަތު އިއުލާން ކުރެއްވި ނަމަވެސް މުޒާހަރާތައް ނުހުއްޓުމުން އެމަނިކުފާނަށް ޖެހިވަޑައިގަތީ ގައުމު ދޫކުރައްވާ ވަޑައިގަންނަވާށެވެ. އަދި އިސްތިއުފާގެ ސިޓީ ފޮނުއްވެވީ ސިންގަޕޫރުގައި ހުންނަވައިގެން މިދިޔަ އަހަރުގެ ޖުލައި މަހުގެ 14ގައެވެ.

ލަންކާގެ އަށް ވަނަ ރައީސްގެ ގޮތުގައި ގޮތަބަޔަ ވެރިކަމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 18 ވަނަ ދުވަހުއެވެ. އޭގެ ކުރިން އޭނާ ވަނީ، ބޭބޭފުޅު މަހިންދަ ރާޖަޕަކްސަގެ ރައީސްކަމުގެ ޑިފެންސް ސެކްރެޓަރީގެ މަގާމު ފުރުއްވައި، އެގައުމުގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

comment ކޮމެންޓް