މާލެ ކައިރި ފަޅެއް އޮތިއްޔާ ވިއްކަމުން ގޮސް މުޅި ރާއްޖެ ރަހުނު ކޮށްފި: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު / ފޮޓޯ: މަޖިލިސް

މާލެ ކައިރީ ފަޅެއް އޮތިއްޔާ އަދުގެ ސަރުކާރުން ބޭރު ފަރާތްތަކަށް ވިއްކަމުން ގޮސް މުޅި ރާއްޖެ ރަހުނު ކޮށްފި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްހެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރައްވަމުން މެމްބަރު ސައީދު ވަނީ ބޭރު ފަރާތްތަކަށް ބިން ވިއްކުން މިހާރުން މިހާރަށް ހުއްޓާލަން ގޮވާލައިފައެވެ.

މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ބިދޭސީންނަށް ބިން ވިއްކާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މެމްބަރު ސައީދު ވިދާޅުވީ، ބިމަކީ ރާއްޖޭގައި ވަރަށް ތަދު އެއްޗެއް ކަމަށާއި، މާލޭގައިވެސް ބިމުގެ ދަތިކަން އިންތިހާއަށް ބޮޑު ކަމަށެވެ. ތިލަފުށީގައި ބިން ވިއްކަނީ 1700 ރުފިޔާއަށް އަކަފޫޓެއް ކަމަށްވާއިރު އޭގެ ތެރޭގައި އިންޑިއާގެ ދެ ކުންފުންޏެއްވެސް ހިމެނޭކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އިސްކަންދަރު ސްކޫލު މޯގޭޖްކޮށްފި، ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށްފި، އޮލިމްޕަސް ރަހުނު ކޮށްފި، މި ރާއްޖޭގެ ހަރުމުދަލެއް، ރައްޔިތުންގެ މުދަލެއް ހުރިއްޔާ ރަހުނުކޮށްފި، ނުހިއްކާ ބިންވެސް ވިއްކަނީ. ފޫޓް އަޅައިގެން ކަޑަ ޖަހައިގެން ތިލަފުއްޓާއި ގިރާވަރާއި މިހެން ގޮސް މާލެ ކައިރީ ފަޅެއް އޮތިއްޔާ ވިއްކަމުން އެދަނީ. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

މެމްބަރު ވިދާޅުވީ 114 ބިލިއަން ރުފިޔާއަށް ދައުލަތުގެ ދަރަނި އަރައިގެން ދިޔަ އިރު ރާއްޖޭގެ ހާލަތު ބަޔާންކޮށް އިއްވި ރިޔާސީ ބަޔާނުގައި ދަރަނީގެ ވާހަކަ ނުވެސް ދައްކާ ކަމަށެވެ.

ތިލަފުށިން ބިން ވިއްކުމާ ދެކޮޅަށް މެމްބަރު ސައީދު ވާހަކަދައްކަވާފައިވާއިރު، ސިނާއީ މަސައްކަތް ކުރާ ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުން ހުއްޓުވަން ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އިއްޔެ ހުށަހެޅުއްވި ކުއްލި މައްސަލަވެސް ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފައެވެ.

ދިވެހިންނާއި ބިދޭސީންނަށްވެސް ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ސަރުކާރުން މިހާރު ވަނީ ހުޅުވާލާފައެވެ. މި އުސޫލުގެ ދަށުން ދިވެހިންނަށް ބިން މިލްކުކުރެވޭއިރު ބިދޭސީންނަށް 99 އަހަރަށް ބިން ލިބެއެވެ. ތިލަފުށިން ވިއްކަނީ 2،500 އަކަފޫޓާއި 35،000 އަކަފޫޓާއި ދެމެދުގެ ބިމެއް، އަކަފޫޓަކަށް 1،700 ރުފިޔާގެ ރޭޓުންނެވެ.

comment ކޮމެންޓް