ކްރިމިނަލް ކޯޓުގެ އެތެރޭގައި ހުރި ތަނބެއްގެ ބައެއް ވެއްޓިއްޖެ

ކްރިމިނަލް ކޯޓުގެ އެތެރޭގައި ހުރި ތަނބެއްގެ ބައެއް ވެއްޓިފައި -- ފޮޓޯ/ ފަނޑިޔާރުންގެ ވައިބާ ގުރޫޕް

ކްރިމިނަލް ކޯޓުގެ އިމާރާތުގެ އެތެރޭގައި ހުރި ތަނބެއްގެ ބައެއް ވެއްޓިއްޖެއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ ވެއްޓިފައިވަނީ ކޯޓުގެ އިދާރީ ކޮޓަރީގައި ހުރި ތަނބެއްގެ ބައެއް ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތު އެ ކޮޓަރީގައި އެއްވެސް މީހަކު ނެތް ކަމަށާއި އެހެންކަމުން އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެ ތަނބުގެ ބައެއް ވެއްޓިފައިވާކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި މިހާރު އެ މައްސަލަ ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓު (ޑީޖޭއޭ)ގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަތަރު ބުރީގެ ކްރިމިނަލް ކޯޓު އިމާރަތް ބާވެ، އިމާރާތުގެ ޝަރީއަތްކުރާ މާލަންތަކުގެ ފާރުތަކުގައި ބޮޑެތި ރެނދުތައް ލާފައިހުރުމާ ގުޅިގެން ބައެއް މަރާމާތުތައްވެސް ވަނީ ކުރަން ޖެހިފައެވެ.

ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކަށް ވާރޭ ވެހޭ ކަމުގެ ޝަކުވާ ވަނީ މީގެ ކުރިން އަޑުއިވިފައެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބައެއް އަޑުއެހުންތައް ވެސް ވަނީ ކެންސަލްކޮށްފައެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވެ އެއީ ރައްކާތެރި އިމާރާތެއް ނޫންކަމަށް ކޮންސަލްޓަންޓުން ލަފާދިނުމުން ވަގުތީގޮތުން އެ ކޯޓު ހިންގުމަށް އިމާރާތެއް ހޯދުމަށް ޑީޖޭއޭއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތަކީ ރައްކާތެރި އިމާރާތެއް ނޫން ކަމަށާއި ނަމަވެސް، އެ އިމާރާތް ބަދަލުކުރެވޭނެ ވަރުގެ ޖާގައެއް ނެތްކަމަށް ޕްލޭނިން މިނިސްޓްރީން ވެސް މީގެ ކުރިން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓު ހިންގުމަށް އިމާރާތެއް ކުއްޔަށް ހޯދުމަށް ޓެންޑާކޮށްދިނުމަށް އެދި ޓެންޑާ ބޯޑަށް ވެސް މީގެ ކުރިން ފޮނުވިކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ.

އޭގެ ފަހުން، ކްރިމިނަލް ކޯޓު ހިންގުމަށް ވަގުތީ އިމާރާތެއް ބިނާކުރުމަށް ފަސް އަހަރުގެ މުއްދަތަށް ބިމެއް ކުއްޔަށް ދޭން އެޗްޑީސީއިން ވަނީ އެއްބަސްވެފައެވެ.

އެބިމުގައި ހަދަން ހުއްދަ ދީފައިވާ ހަތަރު ބުރީގެ އިމާރާތް ހަދަންޖެހޭނީ، ޑީޖޭއޭގެ ބަޖެޓުން ކަމަށް އެޗްޑީސީން ބުނެފައިވީ ނަމަވެސް ޑީޖޭއޭއަށް ބަޖެޓުގެ ދަތިކަން ކުރިމަތިވެފައިވުމުން އެކަން ކުރެވެން ނެތް ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓު އެންމެ ފުރަތަމަ ހިންގީ ޖަސްޓިސް ބިލްޑިންގައެވެ. އެތަނުގައި ޖާގައިގެ ދަތިކަން އިންތިހާއަށް ހުރުމުން މިހާރު އެ ކޯޓު ހިންގާ ތީމުގެއާ ޖެހިގެން ހުންނަ އިމާރާތަށް ބަދަލުވީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

comment ކޮމެންޓް