ރިޔާސީ ބަޔާނަށް ހުރަސް އެޅުމަކީ އެމްޑީޕީން އުފެއްދި ސަގާފަތެއް: އުޝާމް

މޯލްޑިވްސް ނެޝަނަލްް ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ/ ނާއިލް ހުސައިން

ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވާ ދުވަހު ތަޅުމުގައި އިޖުތިޖާޖުކޮށް، އެކަމަށް ހުރަސް އެޅުމަކީ އެމްޑީޕީން މީގެ ކުރިން ފަށައިގެން އުފައްދާފައިވާ ސަގާފަތެއް ކަމުގައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 9:00ގައި ފެށި މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު، ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން ވަނީ ތަޅުމުގައި އިހުތިޖާޖުކޮށް މަޖިލީހުގެ ނިޒާމް ގެއްލުވާލާފައެވެ.

އެވަގުތު ރިޔާސީ ބަޔާން އިއްވުން މެދުކަނޑާލައްވާފައި ގޮނޑިކޮޅުގައި ރައީސް ވަނީ އިށީނދެވަޑައިގެންފައެވެ.

މަޖިލީހުގައި އިދިކޮޅު މެމްބަރުން މިއަދު ގޮވަމުން ދިޔައީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަންކުރުމަށެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިނގައިދިޔަ ކަންތައްތަކަށް ފާޑުވިދާޅުވަމުން އެމްއެންޕީގެ މެމްބަރު އުޝާމް ވިދާޅުވީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ، ރިޔާސީ ބަޔާން ހުށަހެޅުމަށް އެމްޑީޕީން ވަރަށް ގިނަ ފަހަރު ހުރަސް އަޅާފައި އެބަހުރި ކަމަށެވެ.

އުޝާމް ވިދާޅުވީ އެމްޑީޕީން "ދަސްކޮށްދިން ކުޅިވަރު މިހާރު އެހެން ޕާޓީތަކުން ވެސް ކުޅެން ފަށައިފި" ކަމަށެވެ.

"ހަގީގަތަކީ މިއީ އެމްޑީޕީން މީގެ ކުރިން ފަށައިގެން އުފެއްދި ކަމެއް. އޭރު ރިޔާސީ ބަޔާން ހުށަހެޅުމަށް އެމްޑީޕީން ވަރަށް ގިނަ ފަހަރު އެބަހުރި ހުރަސް އަޅާފަ. މިހާރު ޕީޕީއެމުން އެކަން މި ކުރަނީ. މި ދެ ޕާޓީގައި މި ތިއްބެވީ ތިމަންނަމެންނަކީ އެންމެ ޑިމޮކްރެޓިކް ބޭފުޅުން ކަމަށް ދައުވާ ކުރާ ބޭފުޅުން. އެކަމަކު ޑިމޮކްރެސީގެ މައިގަނޑު ކަންތައްތަކަށް ދެކޮޅު ހަދާތަން އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ،" އުޝާމް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން ހުށަހެޅުމަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކުރާ ކަމެއްކަން ފާހަގަ ކުރައްވަމުން އުޝާމް ވިދާޅުވީ އެހެންކަމުން އެއީ ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ އިޚުތިޔާރެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާއަށް ދޭން ވާނެ ކަމަށާއި އެކަމަށް ހުރަސް އެޅުމަކީ ތަހުޒީބު މުޖުތައުތައް ގަބޫލުކުރާކަމެއް ނޫން ކަމަށެވެ.

"ޢަމަލުކުރަމުން މި އަންނަ ގާނޫނު އަސާސީގައި ވެސް އެބަ ބުނޭ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނެއް ހުށަހަޅާ ހިސާބުންނޭ ރައްޔިތުންގެ މަޖިލީސް ހުޅުވިގެން ދާނީ. ރިޔާސީ ބަޔާން ހުށަނާޅާ ނަމަ އޭގެ މާނައަކީ ރައްޔިތުންގެ މަޖިލީސް ނުހުޅުވޭނޭ. އެހެންވީމަ އެކަން ކުރުމުގެ ފުރުސަތު ދޭންޖެހޭނެ،" އުޝާމް ވިދާޅުވިއެވެ.

"މިއަދަކީ މަޖިލީހުގެ ކޮންޓްރޯލް ރައްޔިތުންގެ މަޖިލީހަށް ގެއްލިގެން ދިޔަ ދުވަހެއް."

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ރިޔާސީ ބަޔާން އިއްވެވުމަށް ހުރަސް އަޅަން ފެށުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މެމްބަރުންގެ ނަން އިއްވާފައެވެ.

ނަން އިއްވި މެމްބަރުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އާއި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން އަބްދުއްލަތީފު ހިމެނެއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނޭ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ހިމެނޭހެން ގިނަ އަދަދެއްގެ މެމްބަރުން މަޖިލީހަށް ހާޒިރު ނުވެއެވެ.

comment ކޮމެންޓް